ވިޔަފާރި

ޔޫރަޕްގެ ފަތުރުވެރި މަންޒިލްތައް ޕެޓްރޯލްކުރަން "ރޮބޯ ކޮޕްސް" ބޭނުންކުރަނީ


ފަތުރުވެރިންނަށް ޔޫރަޕްގެ ޤައުމުތައް ހުޅުވާލާއިރު، ޓޫރިސްޓުން އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރާ ތަންތަން ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވާނީ ރޮބަޓުތަކެއްކަމަށް އީޔޫ ކޮމިޝަނުން ހާމަކޮށްފިއެވެ.

ޔޫރަޕްގެ ޤައުމުތަކަށް ހޫނު މޫސުމުގެ ބަންދުގެ ދުވަސްތައް ފެށުން ކައިރިވެފައިވާއިރު، މިއީ އާއްމުގޮތެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އެޤައުމުތަކަށް ޒިޔާރަތްކުރާ ދުވަސްވަރެވެ.

ފަތުރުވެރިންނަށް ޔޫރަޕްގެ ޤައުމުތައް ހުޅުވާލުމުގައި އަމަލު ކުރާނެ ގޮތްތަކާއި ގުޅޭގޮތުން އީޔޫ ކޮމިޝަނުން ނެރެފައިވާ ޕްލޭންގައިވާ ގޮތުން އާރޓިފިޝަން އިންޓެލިޖެންސް ބޭނުންކޮށްގެން މީހުން އެއްވެ އުޅޭ ތަންތަން ޑިސްއިންފެކްޓެންޓުކޮށް، މީހުންގެ މެދުގައި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާޒްކުރުންފަދަ ކަންތައްތައް ކުރާނެއެވެ.

ދަތުރުފަތުރުކުރުން މިހާރު ކުރިއާ ވަރަށް ތަފާތުވާނެއެވެ. އެއަރޕޯޓުތަކުގައި ބެންޗުތަކެއް ނުހުންނާނެއެވެ. ކެއުންބުއިމަށް ފާސްޓްފުޑް ރެސްޓޯރެންޓުތަކުގެ އިންތިޒާމްތަކެއްވެސް އެއަރޕޯޓުތަކުން ނުލިބޭނެއެވެ. ދަތުރުކުރާއިރު ފަސިންޖަރުން ތިބެން ޖެހޭނީ މާސްކް އަޅައިގެންނެވެ. އަދި ފްލައިޓުގެ ފާހާނާ ބޭނުންކުރުން ފަދަ ކަންތައްތައް މަނާވާނެއެވެ. އަދި ފްލައިޓުގައި ކެއުންބުއިމުގެ އެއްވެސް އިންތިޒާމެއް ލިބޭކަށް ނުހުންނާނެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ވައިރަސް ފެތުރެމުންދާއިރު، ޤައުމުތައްވަނީ ފުރަބަންދަށްގޮސް ބޯޑަރުތައް ބަންދުކޮށްފައެވެ. އެހެންނަމަވެސް މަޑުމަޑުން ޤައުމުތަކުން ދަނީ އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަމުންނެވެ. އެގޮތުން ދާދިފަހުން އޮސްޓްރިއާ އަދި ޖަރުމަންވިލާތުން ވަނީ ޓްރެވަލް ރެސްޓްރިކްޝަންތައް އުވާލާފައެވެ.