ވިޔަފާރި

ކޭޝިއަރުންގެ ގޮތުގައި ތިބޭ ބިދޭސީންގެ ވިސާ ބާތިލު ކުރަނީ


ކޭޝިއަރުންގެ
ގޮތުގައި މަސައްކަތް ކުރާ ބިދޭސީން ހޯދުމަށްޓަަކައި ފަށާފައިވާ ޙާއްސަ އޮޕަރޭޝަނުގައި
މިއަދު އެކަނިވެސް ސޯޅަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.



ޑިޕާޓްމަންޓް
އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވީ
ކުރިއަށް އޮތް ދުވަސްތަކުގެ އެކި ގަޑިތަކުގައި ތަންތަން ޗެކް ކުރުމުގެ މަސައްކަތް
ކުރަމުންދާނެ ކަމަށާއި  ބިދޭސީ ކޭޝިއަރުން
ތިބޭ ތަންތަން ޖޫރިމަނާ ކުރުމުގެ އިތުރަށް އެފަދަ ފަރާތްތައް ވަކި މުއްދަތަކަށް
ބިދޭސީން ނުގެނެވޭގޮތަށް ބުލެކް ލިސްޓް ކުރާނެ ކަމަށެވެ.  



ކޭޝިއަރުންގެ
ގޮތުގައި މަސައްކަތް ކުރާ ބިދޭސީން ހޯދުމަށްޓަަކައި އިމިގްރޭޝަން ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް
އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިއަދު މި ފެށި މި ޙާއްސަ އޮޕަރޭޝަން ކުރިއަށް
އޮތްތަނުގައި އަތޮޅުތެރޭގައިވެސް ކުރިއަށްގެންދިޔުމަށް ރޭވިފައިވާ ކަމަށް ހަލީލް
ވިދާޅުވިއެވެ.



ބިދޭސީން
ކޭޝިއަރުންގެ ގޮތުގައި ބަހައްޓާ ފަރާތްތައް އިމިގްރޭޝަން ޑިޕާޓްމަންޓްގެ ފަރާތުން
ޖޫރިމަނާ ކުރަނީ ދިހަ ހާސް ރުފިޔާ އިން، އަދި އެފަދަ ފަރާތްތައް އިކޮނޮމިކް
މިނިސްޓްރީން ދެހާސް ރުފިޔާއިން   ޖޫރިމަނާ
ކުރާނެއެވެ.



މި ޙާއްސަ
އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީންގެ ވިސާ ބާތިލްކުރުމަށްފަހު، ރާއްޖެއިން ފުރުވާލެވޭނެ ކަމަށް އިިމިގްރޭޝަން
ޑިޕާރޓްމަންޓުން ބުނެއެވެ.



މި އޮޕަރޭޝަންތައް
ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިިމިގްރޭޝަން
ޑިޕާރޓްމަންޓުން ބުނެއެވެ.