ޚަބަރު

ޗައިނާއިން އުފައްދަން މަސައްކަތްކުރާ ވެކްސިން ކެނެޑާގައި ތަހުލީލުކުރަނީ


ކޯވިޑް-19އާ ދެކޮޅަށް ޗައިނާގެ ކަންސައިނޯ ބައޮލޮޖިކްސް ކުންފުނިން އުފައްދަން މަސައްކަތްކުރާ ވެކްސިން ކެނެޑާގެ ނޭޝަނަލް ރިސާޗް ކައުންސިލް، އާރުއެންސީއާ ގުޅިގެން ތަހުލީލުކުރަން ނިންމައިފިއެވެ. އެ ވެކްސިނަކީ ޗައިނާއިން އިންސާނުން ބޭނުންކޮށްގެން ތަހުލީލުކުރަން ފަށާފައިވާ ވެކްސިނެކެވެ.

އެންއާރުސީން ބުނީ ކަންސައިނޯއިން ތައްޔާރުކުރާ ވެކްސިން ބާޒާރަށް ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކެނެޑާގެ މޮންޓްރިއާލްގައި ހުންނަ ސަރުކާރުގެ މަރުކަޒެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ކެނެޑާގައި ވެކްސިން ތަހުލީލުކުރުމުގެ ޙުއްދައަކަށް އެދި ބޭހާގުޅޭ ކަންކަން ފާސްކުރާ އިދާރާކަމަށްވާ ހެލްތު ކެނެޑާއަށް ފޯމު ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް އެކައުންސިލުން ބުނެއެވެ.

ވެކްސިން އުފެއްދުމަށް ކަންސައިނޯ ބައޮލޮޖިކްސުން ކުރާ މަސައްކަތް ކާމިޔާބުވެއްޖެނަމަ ކެނެޑާއަށް ވެކްސިން ލިބުމުގައި ދައްޗެއް ނުވާނެއެވެ. ކެނެޑާގައި ކުރާ ތަހުލީލުތަކުގެ ސަބަބުން އެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން އެޤައުމުގެ ޞިއްޙީ އިދާރާތަކަށް ޔަޤީންވާނެއެވެ. އަދި ވެކްސިން ބާޒާރަށް ނެރުމަށް ކެނެޑާގައި ތައްޔާރުކުރާނަމަ އެޤައުމުގައި ވެކްސިންގެ ޑޯޒްތައް އަބަދުވެސް ލިބެން ހުންނާނެކަމުގެ ޔަޤީންކަން ލިބޭނެއެވެ.

އާރުއެންސީން ބުނީ ބޭސް އުފެއްދުމުގެ ޙުއްދަދޭ ހެލްތު ކެނެޑާގެ ޙުއްދައާއެކު ވެކްސިން އުފެއްދުމަށް ޗައިނާއިން ފޯރުކޮށްދާ މަޢުލޫމާތުތަކުގެ ބޭނުން ހިފާނެކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި މަޢުލޫމާތު ބަދަލުކުރަން މަގުފަހިވާނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ. މީގެ ކުރިންވެސް ދެ ޤައުމުން ގުޅިގެން މިފަދަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ.

ކޯވިޑް-19އާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް އުފެއްދިއްޖެނަމަ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބަލިމަޑުކަމަށް ނިމުމެއް އަންނާނެކަމަށް ބެލެވެއެވެ. ނަމަވެސް ވެކްސިނެއް އުފައްދާ، ބޭނުންވާ މިންވަރަށް ބާޒާރަށް ނެރުމަކީ ފަސޭހަކަމެއް ނޫނެވެ.