ޚަބަރު

ޢީދާ ދިމާކޮށް ސަޢުދީ ޢަރަބިއްޔާގައި 24 ގަޑިއިރުގެ ކާފިއުއެއް އިޢުލާނުކުރަނީ


ކުރިއަށް އޮތް ފިޠުރު ޢީދާ ދިމާކޮށް ސަޢުދީ ޢަރަބިއްޔާގައި 24 ގަޑިއިރުގެ ކާފިއުއެއް އިޢުލާނުކުރަން ނިންމައިފިއެވެ.

ޢީދާ ދިމާކޮށް 5 ދުވަހުގެ މުއްދަތަށް މުޅި ޤައުމުގައި ކާފިއު އިޢުލާނުކުރަން ސައުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ނިންމީ ޗުއްޓީ ތެރޭގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށެވެ. ކާފިއު ހިންގާނީ މެއި މަހުގެ 23ވަނަ ދުވަހުން 27ވަނަ ދުވަހަގެ ނިޔަލަށެވެ. ނަމަވެސް ކާފިއުގެ މުއްދަތުގައި ކުރިއެކޭ އެއްގޮތަށް ފިހާރަތަކާއި ވިޔަފާރިތައް ހުންނާނީ ހުޅުވާފައެވެ. އަދި ހެނދުނު 9ން ހަވީރު 5 ޖަހަންދެން ޢާންމުންނަށް ހުރަހެއްނެތި ބޭރުގައި އުޅެވޭނެއެވެ. ނަމަވެސް މުސްލިމުންގެ އެންމެ މުޤައްދަސް މިސްކިތް، މަސްޖިދުލް ޙަރާމް ހުންނަ މައްކާ އަދިވެސް އޮތީ ބަންދުކޮށްފައެވެ.

މާރިޗު މަހުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުމުން ސަޢުދީ ޢަރަބިއްޔާއިންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ޤައުމުގެ ގިނަ ސަރަޙައްދުތަކުގައި 24 ގަޑިއިރުގެ ކާފިއުއެއް އިޢުލާނުކޮށް އުމްރާގެ އަޅުކަންކުރުންވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ރަމަޟާން މަހާ ދިމާކޮށް ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކުގައި ކާފިއުވަނީ ލުއިކޮށްދީފައެވެ.

ސަޢުދީ ޢަރަބިއްޔާގައި 42،925 މީހުންނަށް ކޯވިޑް-19 ޖެހި، 264 މީހުންވަނީ މަރުވެފައެވެ. ސަޢުދީ ޢަރަބިއްޔާއަކީ ޢަރަބި ޤައުމުގެ ތެރެއިން ބަލިޖެހުނު މީހުންނާއި މަރުވި މީހުންގެ ޢަދަދު އެންމެ ގިނަ ޤައުމެވެ.