ޚަބަރު

ބަންގްލަދޭޝްގެ 350އަށްވުރެ ގިނަ މީހުން އަނބުރާ ޤައުމަށް ފޮނުވާލަނީ


ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ އިތުރު 350 ވުރެ ގިނަ ބަންގްލަދޭޝް މީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުންފައްޓަވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތްކުރަމުންދަނީ ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަސާސީ އެތައް ހައްޤެއް ގެއްލި، އެމީހުންނަށް އެކި ބާވަތުގެ އަނިޔާތައް ލިބެމުންދިޔުމާ ގުޅިގެން، އެމީހުންގެ ހައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި ޤައުމަށް އަނބުރާ ދާން ބޭނުންވިނަމަވެސް، ދެވޭނެ މަގެއް ނެތް ބައެއް ބިދޭސީންވެސް ތިބުމާއެކު، ސަރުކާރުން އެމީހުން ފޮނުވާލުމުގެ މަސައްކަތްކުރަމުންދަނީ ބަންގްލަދޭޝްގެ ސަރުކާރާ ގުޅިގެން ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ޤައުމަށް އަނބުރާ ދާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީވި 350 އަށްވުރެ ގިނަ މީހުން ފޮނުވާލުމުގެ ކުރިން އެމީހުން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ހުޅުމާލެއަށް ގެންގޮސްފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ހަދާފައިވާ ފެސިލިޓީއަށް މީގެތެރެއިން ގިނަބަޔަކު އެމްޕީއެލްގެ ބަސްތަކުގައި ވަނީ ގެންގޮސްފައެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބަންގްލަދޭޝްއަށް ފޮނުވާ އެންމެންވެސް އެޤައުމަށް އަނބުރާ ފޮނުވާނީ ކޯވިޑް-19އަށް ޓެސްޓްކުރުމަށްފަހުކަމަށް ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޓެސްޓްކޮށްނިމި ނަތީޖާލިބުމުން ކުރިއަށްއޮތް ދެތިންދުވަސްތެރޭގައި އެމީހުން ބަންގްލަދޭޝްއަށް ފުރުވާލާނެކަމަށެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތުގެދަށުން މީގެ ކުރިންވެސް 68 މީހަކު އަނބުރާ ޤައުމަށް ފޮނުވާލާފައިވެއެވެ. އެމީހުން ޤައުމަށް އަނބުރާ ފޮނުވާލާފައިވަނީ ބަންގްލަދޭޝައާއި ނޭޕާލްގައި ދިރިއުޅޭ ދިވެހިން ގޮވައިގެން ރާއްޖެއައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައެވެ.

މާލޭގައި ކޯވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ބިދޭސީންގެ ތެރޭގައި ބަލިފެތުރުން މަދުކުރުމަށް ސަރުކާރުންވަނީ މާލޭގެ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން މާލެއިން ބޭރުގެ އެހެން ފެސިލިޓީތަކަށް ބަދަލުކުރަމުންނެވެ. އެގޮތުން ހުލުމާލޭގައި ހުރި ބައެއް ފެސިލިޓީތަކަށާއި ގުޅީފަޅުގައި ތައްޔާރުކޮށްފައިވާ ތަންތަނަށް މިހާރުވެސް ވަނީ ގިނަ އަދަދެއްގެ ބިދޭސީން ބަދަލުކޮށްފައެވެ.

ރާއްޖެއިން 904 މީހުންނަށް މިހާތަނަށް ކޯވިޑް19 ޖެހިފައިވާއިރު، މީގެތެރެއިން 495 މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.