ޚަބަރު

ޚާއްޞަ އެހީއެއްގެ ގޮތުގައި، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅޭގޮތަށް އިސްލާޙުގެނެސްފި


ޚާއްޞަ އެހީއެއްގެ ގޮތުގައި، ދައުލަތުގެ ފައިސާ ދޫކުރާނެ ޙާލަތްތައް ކަނޑައަޅައި، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި ފާސްކޮށްގެންނަމަވެސް ބޭނުންޖެހިފައިވާ މީހުންނާއި އެކިފަރާތްތައްކަށް ފައިސާ ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކާއެކު މާލިއްޔަތު ޤާވާޢިދަށް އިސްލާޙުގެނެސްފިއެވެ.

މާލިއްޔަތު ޤަވާޢިދަށް އިސްލާޙް ގެނެސްފައިވަނީ ޚާއްޞަ އެހީގެ ފައިސާދިނުމާގުޅޭގޮތުންނެވެ. މިއިސްލާޙްގައިވާގޮތުން ދައުލަތުގެ ފައިސާއިން ޚާއްޞަ އެހީއެއްގެ ގޮތުގައި، މީހަކަށް ނުވަތަ ފަރާތަކަށް އެހީއެއް ވެދެވޭނީ، ދެ ޙާލަތެއްގައެެވެ.

ދައުލަތުން އެހީވެދޭނީ މީހަކަށް ނުވަތަ ވަކި ފަރާތަކަށް ލިބޭ ގެއްލުމެއްގައި، ނުވަތަ ކުރިމަތިވާ ދަތި ޙާލަތެއްގައި، އެހީ ވެދިނުމަކީ، އިޖުތިމާޢީ މަޞްލަޙަތެއް ހިމެނޭ އަދި ޢަދުލުވެރި ކަމެއް ކަމުގައި ސަރުކާރަށް ފެންނަ ޙާލަތްތަކާއި، މުޖުތަމަޢުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަޞްލަޙަތު އެ ކަމުގައި ހިމެނިގެންވާ ކަމަކަށްވުމުގެ އިތުރަށް، އެ ޙާލަތުގައި އެ މީހަކު ނުވަތަ އެ ފަރާތެއް ސަލާމަތްކޮށްދިނުމަކީ އެންމެ ޢަދުލުވެރި، އިންޞާފުވެރި ގޮތްކަމަށް ސަރުކާރަށް ފެންނަ ޙާލަތްތަކުގައެވެ.

މި އިސްލާހުގައިވާގޮތުން ޚާއްޞަ އެހީގެ ގޮތުގައި ދައުލަތުގެ ފައިސާއިން އެހީއެއް ވެދެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ފިނޭންސް މިނިސްޓަރެވެ.

އަދި ދައުލަތުގެ އޮފީހަކުން، އެހީގެ ފައިސާ ހޯދުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅާނީ، އެ އޮފީހެއްގެ އެންމެ މަތީ ވެރިޔެއްގެ ހުއްދައާއެކު މާލީ ޒިންމާދާރުވެރިޔާކަމަށާ، އެގޮތުން ހުށަހަޅާއިރު، އެ ފައިސާ ހޯދުމަށް ބޭނުންވާ ކަމަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ހިމަނައި، އޭގެ ތެރޭގައި، އެހީގެ ފައިސާ ހޯދަން އެދެންޖެހުނު ސަބަބު ތަފުސީލުކޮށް ބަޔާންކުރަންވާނެކަމަށްވެސް މިއިސްލާޙުގައި ވެއެވެ.

މި ޤަވާޢިދު ދިވެހި ސަރުކާރުގެ ޤެޒެޓްގައި ޝާއިއުކުރުމާއެކު އަމަލުކުރަންފަށާނެއެވެ. މާލިއްޔަތު ޤަވާއިދަށް އިސްލާޙުގެނެސްފައިމިވަނީ ކޯވިޑް-19އާ ގުޅިގެން ވަކިވަކި ފަރުދުންނާއި އެކިއެކި ފަރާތްތަކަށް ތަފާތު ގެއްލުންތައް ކުރިމަތިވެ، އެތައްބަޔަކު އެހީތެރިކަމަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.