ޚަބަރު

ވެމްކޯގެ މުވައްޒަފުންގެ ރެންޑަމް ޓެސްޓްތައް ނެގެޓިވް


ވެމްކޯގެ މުވައްޒަފުންގެ ތެރެއިން ކޯވިޑްއަށް ޓެސްޓްކުރުމަށް ރެންޑަމްކޮށް ނެގި ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްކަމަށް އެކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ރެންޑަމްކޮށް ސާމްޕަލް ނަގާފައިވަނީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ގޭގެއަށް ކުނި ނަގަންދާ މުވައްޒަފުންނެވެ.

ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ކޯވިޑަށް ޕޮޒިޓްވެފަައެވެ. އެހެންނަމަވެސް ކުނި ނަގަންދާ މުވައްޒަފުންގެ ސާމްޕަލްތައް ނަގާފައިވަނީ ކޯލް ސެންޓަރގައި މަސައްކަތްކުރާ މުވައްޒަފު ޕޮޒިޓްވިކަން އެނގުމުގެ ކުރިންނެވެ.

ވެމްކޯގެ ކޯލް ސެންޓަރުގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވް ވުމުން ވެމްކޯއިން ވަނީ އެތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ކަރަންޓީނުކޮށް ވަގުތީ ގޮތުން އެތަން ބަންދުކޮށްފައެވެ. އަދި އެ އޮފީސްވަނީ ޑިސްއިންފެކްޓްވެސް ކޮށްފައެވެ.

މުޅި މާލެ ފުރަބަންދުގައި އޮތް ނަމަވެސް ވެމްކޯއިން އަންނަނީ ކުނި އުކާލަދިނުމުގެ ހިދުމަތް ދެމުންނެވެ. މިގޮތުން މާލޭގެ ގޭބިސީތަކަށް ކުނި ބަލާ ވަނުމުގެ ބަދަލުގައި އެގެއެއްގެ ކުނި ކޮންމެ ދުވަހަކުވެސް މެންދުރު ބާރައާއި ދޭކާއި ދޭތެރޭ މަގުމައްޗަށް ނެރުމަށް ވެމްކޯއިން ވަނީ އަންގާފައެވެ.

ގޭގެއިން ކުނި ނަގާ އުކާލުމުގެ ޕްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ މާސްކާއި އެހެނިހެން ސާމާނުތަކާއި އެކުއެވެ.