ޚަބަރު

"ބޮޑެތި މައްސަލަތަކުގެ ތަޙްގީގު މަޢުލޫމާތު ޕީޖީއަށް ފޮނުވަންވީގޮތުގެ އިރުޝާދު"


މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤްކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާ ގުޅިގެން ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އެކުލަވާލައި، އެއަށް ޢަމަލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަވައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ފުލުހުން އަމަލުކުރަންވީ ގޮތުގެ މިއިރުޝާދު ޕީޖީ އެކުލަވާލެއްވީ ޤާނޫނުއަސަސާސީގެ 223 ވަނަ މާއްދާގެ (ރ)ގެ ދަށުން ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

"ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު"ގައި ވާގޮތުން، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެދަށުން ތަޙްޤީޤްކުރާ މައްސަލަތަކާއި، ޖިނާއީ ބޮޑެތި މައްސަލަތަކާ ގުޅިގެން މީހަކު ބަންދުކުރެވިފައިވާނަމަ، މަދުވެގެން ހަފްތާއަކު އެއްފަހަރު މައްސަލައިގެ ތަޙްޤީޤްގައި ހޯދިފައިވާ ކުރިއެރުންތަކާއި، ތަޙްޤީޤްގައި ކުރިއަށްގެންދަން ޤަޞްދުކޮށްފައިވާ ކަންކަން އެނގޭގޮތަށް، ތަޙްޤީޤްގެ މިސްރާބު ޕްރޮސިކިއުޓަރ ޖެނެރަލާ ޙިއްޞާކުރަން ޖެހެއެވެ.

އަދި އެފަދަ މައްސަލައެއްގެ ތުހުމަތުކުގައި މީހަކު ހައްޔަރުކޮށްފައި ނުވާނަމަ، ނުވަތަ ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާނަމަ ކޮންމެ 15 ދުވަހަކުން މިކަންކަން ޕްރޮސެކިއުޓަރ ޖެނެރަލާ ޙިއްޞާކުރަން ޖެހެއެވެ.

މި އިރުޝާދުގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަޙްޤީޤު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާއިރު، އެ މައްސަލައިގެ ތަޙްޤީޤް ކުރިއަށްދިޔަގޮތާއި، މިސްރާބު ހުރި ގޮތާއި، ތަޙްޤީޤަށް ހޯދިފައިވާ އަސާސީ މަޢުލޫމާތާއި، ހޯދިފައިނުވާ މަޢުލޫމާތަކީ ކޮބައިކަމާއި، އެމަޢުލޫމާތު ހޯދިފައި ނުވާ ސަބަބާއި، އެ މައްސަލައާ ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ ކަމެއް ވާނަމަ އެކަންކަން ހިމެނޭ ބަޔާނެއް ތަޙްޤީޤްކުރިފަރާތުން ހުށަހަޅަންޖެހެއެވެ.

މި ބަޔާނުގައި، މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ ތެރެއިން އަދަބަށް އަސަރުކޮށްފާނެ ކަންކަމުގެ މަޢުލޫމާތާއި، މައްސަލާގައި ހިމެނޭ ހެކިންނަށް ނުރަނގަޅު ނުފޫޒެއް ފޯރާފާނެކަމުގެ އިޙްތިމާލު އޮތްނަމަ، އެކަމުގެ މަޢުލޫމާތާއި، އެ މައްސަލައާ ގުޅޭގޮތުން ތަޙްޤީޤްކުރި ފަރާތުން ދެކޭގޮތް ބަޔާންކުރަންޖެހެއެވެ.

މިއަދުން ފެށިގެން މި އިރުޝާދުގައިވާގޮތުގެ މަތިން ޢަމަލުކުރަމުން ދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޕީޖީ އޮފީހުން ވަނީ އަންގަވާފައެވެ. މިއިރުޝާދު މީގެ މަޤުސަދަަކީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދެއްވައެވެ.