ޚަބަރު

ދެވަނަ ފަހަރަށް ކޯވިޑް-19 ފެތުރިދާނެކަމުގެ ޢަލާމާތްތައް ފެންނަން ފަށައިފި


ކޯވިޑް-19ގެ ސަބަބުން ގިނަ ޤައުމުތަކުންވަނީ ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. ބައެއް ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު ދަށްކުރެވިފައިވާތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްދަނީ ލުއިކުރަމުންނެވެ. ނަމަވެސް ފިޔަވަޅުތައް ލުއިކުރުމުން ދެވަނަ ފަހަރަށް ބަލި ފެތުރިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. އެހެންކަމުން ޙިއްޞާގެ ބާޒާރުގެ އަގުތައް އަނެއްކާވެސް ދަށަށްދާންވަނީ ފަށައިފައެވެ. ތެލުގެ އަގުދަނީ އިތުރަށް ދަށްވަމުންނެވެ.

ބަލިމަޑުކަން ފެތުރޭ މިންވަރު ދަށްކުރުމުގައި އެންމެ ކާމިޔާބު އެއް ޤައުމުގެ ގޮތުގައި ފާހަގަކުރެވެނީ ޖަރުމަންވިލާތެވެ. ނަމަވެސް އެޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ އުޞޫލުތަކަށް ދޫދޭން ފެށުމުން ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަމަށް އެޤައުމުންވަނީ ބުނެފައެވެ. ބަލިޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހުންގެ ގަޔަށް ބަލި ފެތުރޭ މިންވަރު 1އަށް ދަށްވެފައިވާ ދަނޑިވަޅެއްގައި ފިޔަވަޅުތަކަށް ދޫދިނުމުން ހަފުތާ ބަންދުގެ ތެރޭގައި އެ ޢަދަދުވަނީ 1.13އަށް އިތުރުވެފައެވެ.

ޖަރުމަނުވިލާތުގެ ސަރުކާރުން ބުނީ ބަލިޖެހޭ މީހުންގެ ޢަދަދު ދަށްވާން ފެށުމުން ބަލި ފެތުރޭ މިންވަރަށް ކުއްލި ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ކުއްލިއަކަށް އިތުރުވުމަށްފަހު އެޢަދަދު މިހާރު 1.07އަށް ދަށްކުރެވިފައިވާކަމަށް އެޤައުމުން ބުނެއެވެ. ނަމަވެސް ބަލިފެތުރޭ މިންވަރު 1އަށްވުރެ މަތީގައި ގިނަ ދުވަސްތަކަކަށް އޮންނަނަމަ އެއީ މައްސަލައެކެވެ. އެހެންކަމުން ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލަރ މާކެލްވަނީ ރައްކާތެރިކަމުގެ ޢާންމު ޤަވާއިދުތަކަށް ތަބާވުމުގައި ދެމިތިބެންޖެހޭކަމަށް ވިދާޅުވެފައެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ސްޕެއިނާއި ފަރަންސޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ގިނަ ފިޔަވަޅުތަކެއްވަނީ އުވާލާފައެވެ. ފަރަންސޭސިވިލާތުގައި އަޅާފައި ފިޔަވަޅުތަކަށް ލުއިދޭން ފެށުމުން ބަލި ޖެހޭ މީހުންގެ ޢަދަދުވަނީ އިރުތުވާން ފަށައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެޤައުމުގައި އަލަށް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދެގުނަ އިތުރުވެފައެވެ. އިނގިރޭސިވިލާތުން އަޅާފައިވާ ފިޔަވަޅުތަކަށް ދޫދެމުންދަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ.

ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނު ޗައިނާގައި އިޢުލާނުކޮށްފައިވާ ފުރަބަންދުވަނީ މީގެ އެއް މަސްދުވަސް ކުރިން އުވާލައިފައެވެ. އަދި އެ ޤައުމުގެ ވިޔަފާރިތަކާއި އިދާރާތައްވަނީ އަލުން ހުޅުވާފައެވެ. ޝަންހާއީގައި ހުންނަ މަޤުބޫލު ޑިޒްނީ ލޭންޑުވަނީ އަލުން ހުޅުވައިފައެވެ. ނަމަވެސް އެ ޤައުމުގައި އެންމެ ބޮޑަށް ބަލިފެތުރުނު ވުހާން ސިޓީން ގިނަ ދުވަސްތަކެއް ވަންދެން ބަލި ނުފެނި އޮތުމަށްފަހު ބަލި ޖެހިފައިވާ މީހުންވަނީ ފެންނަން ފަށައިފައެވެ. ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކޮށްފައިވާ ދެކުނު ކޮރެޔާގައި އަޅާފައިވާ ފިޔަވަޅުތައް އުވާލަން ފެށުމުން އެޤައުމުގައިވެސް ބަލިޖެހިފައިވާ އިތުރު މީހުންވަނީ ފެންނަން ފަށައިފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގައި ވަރަށް ސަމާލުވާން ޖެހޭނެކަމަށް ބުނެފައެވެ. ބަލި ފެތުރޭ މިންވަރު ދަށްކުރުމަށްފަހު ދެވަނަ ފަހަރަށް ބަލި ފެތުރުނަ ނުދިނުމަށް ބައްޔަށް ތަހުލީލުކުރާ މިންވަރު އިތުރުކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެދެވޭ ގޮތަކަށް ކުރިއަށް ގެންދަންޖެހޭނެކަމަށް އެޖަމްޢިއްޔާއިންވަނީ ފާހަގަކޮށްފައެވެ. ޑަބްލިއުއެޗުއޯއިން ބުނީ ޖަރުމަނުވިލާތާއި ޗައިނާއާއި ދެކުނު ކޮރެޔާއަކީ އެފަދަ ޤާބިލުކަން ލިބިފައިވާ ޤައުމުތަކުގެ ގޮތުގައި ފާހަގަކޮށްފައެވެ.

ބަލިފެތުރޭ މިންވަރު އެންމެ އެދެވޭ މިންވަރަށް ދަށް ކުރެވުމުގެ ކުރިން ބައެއް ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އަވަސް އަރުވާލައިގެން އުވާލަމުންދާކަންވަނީ ފާހަގަވެފައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވީނަމަވެސް ރޭލު ދަތުރުތައް އެޤައުމުގައިވަނީ ފަށައިފައެވެ. ބަލި ޖެހިފައިވާ މީހުންގެ ޢަދަދު ތިންވަނައަށް އެންމެ ގިނަ ރަޝިޔާއިންވަނީ އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނިންމާފައެވެ.

ދުނިޔޭގައި އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެނީ އެމެރިކާގައެވެ. އެޤައުމުގައި 1.3 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، 80،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް ވާއްދަކުރަން ނިންމަވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވަނީ ޞިއްޙީ އިދާރާތަކުން ދެމުންދާ ނަޞޭހަތާ ޚިލާފަށް ޤައުމު އަލުން ހުޅުވާލައްވާ އިޤްތިޞާދު ކޮޅަށް ޖައްސަވާށެވެ.

އެމެރިކާގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރޭ ސްޓޭޓުތަކުގެ ތެރޭގައި ގިނައީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިޞްބަތްވާ ގަވަރުނަރުން ތިބޭ ސްޓޭޓުތަކެވެ. އެސްޓޭޓުތައް އަލުން ހުޅުވާލުމަށް ގަވަރުނަރުން އެއްބާރުލުން ނުދޭތީ ރައީސް ޓްރަމްޕްވަނީ އެބޭފުޅުން ސްޓޭޓުތައް ނުހުޅުވާ ލަސްކުރައްވަނީ ސިޔާސީ މަޤުސަދެއް ޙާޞިލްކުރުމުގެ ބޭނުމުގައިކަމަށް ތުހުމަތުކުރައްވާފައެވެ.