ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމަށް ޖަރުމަނުވިލާތުން 750 މިލިއަން ޔޫރޯ ޚަރަދުކުރަން ނިންމައިފިއެވެ. ޖަރުމަނުވިލާތުގެ ސަރުކާރުން އެނިންމުން ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.
އެޤައުމުގެ ދިރާސާތަކާބެހޭ ވަޒީރު އަންޔާ ކާލިޗެކު ވިދާޅުވީ އެޢަދަދުގެ ތެރެއިން 500 މިލިއަން ޔޫރޯ ޚަރަދުކުރާނީ ވެކްސިނެއް އުފެއްދުމަށް ކުރާ ތަހުލީލުތަކަށެވެ. އަދި 250 މިލިއަން ޔޫރޯ ޚަރަދުކުރާނީ ވެކްސިން ބާޒާރަށް ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. އޭނާ ވިދާޅުވީ ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމަކީ ކުރީގެ ދިރިއުޅުމުގެ ޙާލަތަށް ރުޖޫޢަވެވެންއޮތް އެންމެ މުހިންމު މަގުކަމަށެވެ.
ވެކްސިނެއް އުފެއްދުމަށް ކުރަމުންދާ ތަހުލީލުތައް ޢާންމުގޮތެއްގައި ފަށަނީ ވަރަށް މަދު ޢަދަދެއްގެ ބައިވެރިންނާއެކުއެވެ. އެއަށްފަހު އެއް ދުވަހުން އަނެއް ދުވަހަށް ބައިވެރިންގެ ޢަދަދު އިތުރުކުރަމުން ދާނެއެވެ. އަލަށް އިތުރުކުރެވުނު ފައިސާގެ ސަބަބުން ގިނަ ޢަދަދެއްގެ ބައިވެރިން ބޭނުންކުރުމަށް މަގުފަހިވާނެއެވެ. ޞިއްޙީ ޚިދުމަތްތެރިންނާއި ކުރީ ސަފުގައި މަސައްކަތްކުރާ އެހެނިހެން ޚިދުމަތްތެރިންނަށްވެސް އެތަހުލީލުތަކުގައި ބައިވެރިވުމުގެ އިޚްތިޔާރު ލިބޭނެއެވެ.
ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ އެކި ޤައުމުތަކުންދަނީ މަސައްކަތްކުރަމުންނެވެ. ޖަރުމަނުވިލާތުގެ އެސޯސިއޭޝަން އޮފް ރިސާޗް-ބޭސްޑް ޕާމަސޫޓިކަލް ކޮންޕެނީސުން ބުނީ ވެކްސިނެއްގެ އުއްމީދުގައި 121 ޤައުމަކާއި ޖަމްޢިއްޔާއަކުން މަސައްކަތް ކުރަމުންދާކަމަށެވެ.