ޚަބަރު

މިހާލަތުގައިވެސް ޤައުމަށް ދިމާވެދާނެ ނުރައްކަލަކަށް ސިފައިންތިބީ ތައްޔާރަށް


ޤައުމަށް ދިމާވެފައި މިވާ ދަތިދަނޑިވަޅުގެ ނާޖާއިޒް ފައިދާނަގައިގެން ކޮންމެ ވަގުތެއްގައިވެސް ޤައުމީ ސަލާމަތައް ނުރައްކާކޮށްފާނެކަމަށް ބަލައި އެކަމަކަށްވެސް ޤައުމީ ދިފާޢީ ބާރުއޮތީ ތައްޔާރަށްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޤައުމީ ސަލާމަތީ ބާރުން މިވަޤުތު ކުރައްވަމުންގެންދަވާ ބައެއް މުހިންމު މަސައްކަތްތައް މީޑިއާއާ ހިއްސާކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ކޯވިޑް-19ގެ މިހާލަތުގައިވެސް ބަޔަކު ޤައުމީ ސަލާމަތައް ނުރައްކާކޮށްފާނެކަމަށް އަބަދުވެސް ސިފައިން ތިބޭނީ ތައްޔާރަށްކަމަށެވެ.

ކޯވިޑް-19ގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ސިފައިން ރެއާއި ދުވާލު މަސައްކަތްކުރައްވަނީ ރައްޔިތުންގެ ދިފާޢުގައިކަމަށާއި، އެކަމުގައި އޮތް ނުރައްކާލާވެސް ސިފައިން ކުރިމަތިލަމުންދާކަމަށް ޝަމާލް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ކޯވިޑް-19ގެ ނުރައްކަލާއި ސިފައިން ކުރިމަތިލަމުންދާއިރު ޤައުމަށް ދިމާވެދާނެ ނުރައްކަލަކަށްވެސް ސިފައިން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި އެންމެ ފަހު މީހާއާހަމައަށްވެސް ސިފައިން ދެގޮތެއްނުވެ ޤައުމީ ޚިދުމަތުގައި ތިއްބަވާނެކަމަށް ވިދާޅުވާ ވިދާޅުވުން ޗީފް އޮފް ޑިފެންސްފޯސްވަނީ ތަކުރާރުކުރައްވާފައެވެ.

"ގިނަ އަދަދެއްގެ ސިފައިން މިހާރުވެސް ކޮމިޓުވެގެން މަސައްކަތްކުރަމުންގެންދިޔައަސް ގިނައިން ކޯވިޑް އޮޕަރޭޝަންގައި މަސައްކަތްކުރަނީ ސަޕޯޓް ސަރވިސްގެ ޔުނިޓްތައް. އެހެންނަމަވެސް އަޅުގަނޑުމެންގެ ކޮންބެޓް ޔުނިޓްތައް އެތިބީ ޕްރިޒާވްކޮށްފައި. އަދި ކޮންމެދުވަހަކު އެރިވިއުކޮށް، ކަމެއް ދިމާވެއްޖެނަމަ ކުރަންޖެހޭ ހުރިހާކަމެއް ކުރަން މިތިބީ ތައްޔާރަށް. އެހެންވީމަ މިކަލަ ނާޒުކުު ދަނޑިވަޅެއްގައި އެއްވެސްބަޔަކު މީގެ އެޑްވާންޓޭޖް ނަގައިގެން ކަމެއްކުރަން ރާވާކަމަށްވަންޏާ އެކަމަކަށް އަޅުގަނޑުމެން ވިސްނާނަން. އެކަމަށް އަޅުގަނޑުމެން މިތިބީ ފުލްކޮމިޓްމަންޓާއެކު ތައްޔާރަށް" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 25 އަށްވުރެ ގިނަ ކަރަންޓީން ފެސިލިޓީހުރި އިރު އެތަންތަން އިސްކޮށް ބަލަހައްޓަމުންދަނީ ސިފައިންނެވެ. އެގޮތުގައި އާއިލާތަކާއި ދުރުގައި އެކި ރޭންކްތަކުގެ ސިފައިން އުޅެމުންދާތާ 3 މަހާ ގާތްވެފައިވާކަން ޗީފް އޮފް ޑިފެންސްފޯސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރު ސިފައިންގެ އާއިލާތަކަށް ގުޅައި ހާލުބެލުމަށް ކުރިއަށްވުރެ ރަނގަޅު ވެލްފެއަރ ނިޒާމެއް މިހާރު ޤާއިމްކޮށްފައިވާކަމަށްވެސް ޗީފް އޮފް ޑިފެންސްފޯސް ވިދާޅުވިއެެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެކިއެކި މަސައްކަތްތަކުގައި ސިފައިން ގިނަ އަދަދަކަށް ހަރަކާތްތެރިވަމުންދާއިރު، އެއާއެކު އެއް މުއައްސަސާއަކުން އެންމެ ގިނަ ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވި މުއައްސަސާއަށް ޤައުމީ ދިފާޢިބާރުވާނެކަމަށާއި، މިހާރުވެސް ސާޅީހަށްވުރެގިނަ މީހުން ސިފައިންގެ ތެރެއިން ޕޮޒިޓިވްވެފައިވާކަމަށް ޗީފް އޮފް ޑިފެންފޯސް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެފަދައިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެ، އެންމެ ބޮޑަށް އެކްސްޕޯޒްވި އެއްމުއައްސަސާ މި މުއައްސަސާއަކީ. މިހާރުވެސް 40އަށްވުރެ ގިނަ ކުދިންވަނީ ޕޮޒިޓިވްވެފައި. އެއީދެން އަޅުގަނދުމެން އެކްސްޕެކްޓްކުރަން އެކަން. އަދިވެސް ހަމަ ޕޮޒިޓިވްވާނެ ސިފައިން. އެހެން ނަމަވެސް ސިފައިން ބަލިން ރައްކާތެރިކުރުމައްޓަކައި ފޯސް ޕްރޮޓެކްޝަނަށް ވަރަށްގިނަ ކަންކަން ކުރެވިފައިހުރީ" ޗީފް އޮފް ޑިފެންސްފޯސް ވިދާޅުވިއެެވެ.

ސިފައިން ހަރަކާތްތެރިވަނީވެސް ފުރިހަމަ ތަމްރީނާއެކު، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަައިގެންކަމަށާއި، އެހެން ނަމަވެސް ބަލީގެ ގޮތުން އޭގެ ނުރައްކަލަށް ހުށައެޅިގެންދާކަން ޗީފް އޮފް ޑިފެންސް ފޮސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ބަލިމަޑުކަމުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށް އާންމު ހާލަތަކަށް ގެނައުމަށް ކުރެވެންއޮތް ހުރިހާކަމެއްކުރުމަށް ސިފައިން ތިބީ އަތުކުރި އޮޅާލައިގެންކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.