ވިޔަފާރި

އޭޕްރީލްމަހުގެ ނިޔަލަށް ލިބުނު އާމްދަނީ 35 އިންސައްތަ ދަށަށް


އޭޕްރީލްމަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހާ އަޅާބަލާއިރު 35 އިންސައްތަ ދަށްވެއްޖެއެވެ.

ކޯވިޑްއާ ގުޅިގެން އިޤްތިޞާދަށް ގެއްލުންވާނެކަމަށް ކުރިން ލަފާކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމުނު އޭޕްރީލްމަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 5.4 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް ދައުލަތަށް ލިބުނު 8.3 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

އޭޕްރީލްމަހުގެ ނިޔަލަށް ދައުލަތަށް 5.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 8 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 192 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރު ލިބިފައިވަނީ 4.5 ބިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ތެރޭގައި ހިމެނެނީ،

  • އިމްޕޯޓް ޑިއުޓީ – 822 މިލިއަން ރުފިޔާ
  • ބިޒްނަސް އެންޑް ޕްރޮފިޓް ޓެކްސް – 1.14 ބިލިއަން ރުފިޔާ
  • ގުޑްސް އެންޑް ސަރވިސަސް ޓެކްސް – 2.1 ބިލިއަން ރުފިޔާ
  • ގްރީން ޓެކްސް – 246.4 މިލިއަން ރުފިޔާ
  • އެއަރޕޯޓް ސަރވިސް ޗާޖު – 188.4 މިލިއަން ރުފިޔާ
  • ރޯޔަލްޓީ – 18.9 މިލިއަން ރުފިޔާ
  • ރެވެނިއު ސްޓޭމްޕް – 16.3 މިލިއަން ރުފިޔާ

ޓެކްސް ނޫން އާމްދަނީއަށް ބަލާލާއިރު، މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު ލިބިގައިވަނީ 819 މިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނެނީ،

  • އެކިއެކި ފީއާއި ޗާޖު – 394.7 މިލިއަން ރުފިޔާ
  • ރަޖިސްޓްރޭޝަން އެންޑް ލައިސަންސް ފީ – 59.1 މިލިއަން ރުފިޔާ
  • ޕްރޮޕަޓީ އިންކަމް – 266.1 މިލިއަން ރުފިޔާ
  • ޖޫރިމަނާ ފީ – 57.4 މިލިއަން ރުފިޔާ
  • އިންޓްރެސްޓް، ޕްރޮފިޓް، ޑިވިޑެންޑް – 0.1 މިލިއަން ރުފިޔާ
  • އެހެނިހެން އާމްދަނީ – 41.8 މިލިއަން ރުފިޔާ

ކޯވިޑްއާ ގުޅިގެން އިޤްތިޞާދަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރައްވާ، ސަރުކާރުގެ އިސްވެރިންނާއި ބޮޑެތި މުސާރަތައް ލިބޭ ފަރާތްތަކުގެ މުސާރަތައް ވަނީ ކުޑަކޮށްފައެވެ. އަދި އަމިއްލަ ވިޔަފާރިތައް ނުހުއްޓި ކުރިއަށްގެންދިއުމަށް އެފަރާތްތަކަށް ޚާއްސަ ލޯނުތައް ވަނީ ތަޢާރަފްކޮށްފައެވެ.