ވިޔަފާރި

ޕްރައިވެޓް އިންވެސްޓަރުންނަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ


އިޤްތިޞާދީ ދާއިރާއިން ކުރިއަށްދިޔުމުގައި ރާއްޖޭއާއި ރާއްޖޭން ބޭރުގެ އަމިއްލަ ކުންފުނިތަކާއި ޕްރައިވެޓް އިންވެސްޓަރުން ޝައުގުވެރިވާ ފަދަ ކަންތައްތަކެއް ތަޢާރަފުކުރަންޖެހޭ ކަމަށާއި، އެފަދަ ވިޔަފާރިތަކަށް މަޤުފަހިވާފަދަ ކަންތައްތަކެއް ސަރުކާރުން ތަޢާރަފުކުރުމުގެ މަސައްކަތް ކުރައްވަމުންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ހުޅުމާލޭގައި އަލަށް ޤާއިމުކުރާ މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލްކަމަށްވާ "ޓްރީޓޮޕް ހޮސްޕިޓަލު"ގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވީ، އަމިއްލަ ފަރާތްތަކުން ކުރާ ބޮޑެތި އިންވެސްޓްމެންޓްތަކަށް ސަރުކާރުގެ ފަރާތުން ދެވެން އޮތް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމުގައި، ސަރުކާރެކޭ އެއްފަދައިން، އަމިއްލަ ވިޔަފާރިވެރިންގެ ދަޢުރުވެސް ވަރަށް މުހިއްމުކަމަށާއި، އެފަދަ ފަރާތްތަކުން ހިންގާ ބޮޑެތި މަޝްރޫޢުތަކަށް އިންވެސްޓަރ ކޮންފިޑެންސް އިތުރުކުރުމުގެ ގޮތުން ކަންތައްތަކެއް ތަޢާރަފުކުރަންޖެހިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ ދާއިރާ އިތުރަށް ވަރުގަދަކުރަން ބޭނުންނަމަ، ބިޔަ އިންވެސްޓްމަންޓްތައް ރާއްޖެ ގެނޭވެނެ މަގުކޮށައިދުނުން މުހިއްމުކަމަށެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމުގައި ޕްރައިވެޓް އިންވެސްޓަރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ، އެފަރާތްކަށް ރައީސް ޔާމިން ވަނީ ޝުކުރުއަދާކުރައްވާފައެވެ.ޓްރީޓޮޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ވާހަކަދައްކަވަމުން ޗަމްޕާ ހުސެއިން އަފީފް ވިދާޅުވީ، އެކުންފުނީގެ ފަރާތުން މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ ސިއްޙީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ހޯދައިދިނުންކަމަށެވެ އަދި ހުޅުމާލޭގައި އަލަށް ޤާއިމުކުރެވޭ މި ހޮސްޕިޓަލުން ރާއްޖޭން މިވަގުތު ލިބެންނެތް ސިއްޙީ އެތަކެއް ޙިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނަށް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 170 އެނދުގެ މި ހޮސްޕިޓަލަކީ ރާއްޖޭގައި ޤާއިމުކުރެވޭ ފުރަތަމަ މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މުޅި ޕްރޮޖެކްޓަށް 80 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުވާނެކަމަށް ޓްރީޓޮޕް އިންވެސްޓްމަންޓްސުން ހާމަކުރެއެވެ މި ހޮސްޕިޓަލް ހުޅުވަން ކަނޑައަޅާފައިވާ ތާރީޙަކީ 01 މާޗް 2017 އެވެ.