ކޯވިޑް ނަވާރައިން ސަލާމަތްވުމަށް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި ލެކްޗަރަރާއިން ގުޅިގެން ހިއްވަރާއިއެކު އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެމްއެންޔޫގެ ތޭރަސަތޭކައަށްވުރެ ގިނަ ދަރިވަރުންނާއި މުދައްރިސުން އަންނަނީ ކޯވިޑް ނަވާރަ އާއި ދެކޮޅަށް ކުރާ މިމަސައްކަތުގައި އެކި ދާއިރާތަކުގައި ޢަމަލީ ގޮތުން ބައިވެރިވަމުންނެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާ އާއި ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި އިސް ސަފުގައި މަސައްކަތްކުރާ ބޮޑު ޓީމަކީ ސިއްޙީ ދާއިރާއަށް ނިސްބަތްވާ ޓީމެކެވެ. އެހެންނަމަވެސް މިއީ އެއްބަޔަކު އެކަންޏަށް ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ ބާރުގަދަ ވައިރަހެއްކަމުން ހުރިހާ ފަރާތެއް ގުޅިން މަސައްކަތްކުރަން މިވަނީ ޖެހިފައެވެ. ގިނަ މުއައްސަސާތަކާއި އަމިއްލަ އިދާރާތައް ގުޅިގެން މިކަމާ ކުރިމަތިލާފައިވާއިރު ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުދައްރިސުންވެސް އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.
އެގޮތުން ސިއްޙީ ކުއްލި ނުރައްކަލުގެ މިޙާލަތުގައި ޔުނިވަރސިޓީތައް ބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ނިންމުމާއި ގުޅިގެން އެމްއެންޔޫގެ ބައެއް ޚިދުމަތްތަކާއި ކުލާސްތައް ވަނީ މެދުކަނޑާލަންޖެހިފައެވެ. މިދަނޑިވަޅުގައި ޤައުމީ ގޮވާލުމަށް އިޖާބަދީ އެމްއެންޔޫގެ ދަރިވަރުންނާއި މުދައްރިސުން އަންނީ އެހީތެރިވެވެން އޮތް ދިމާއަކުން އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްއެންޔޫއަށް ނިސްބަތްވާ 1310 ދަރިވަރުންނާއި މުދައްރިސުން އަންނަނީ ކޯވިޑް ނަވާރާއިގައި ކަމޭ ބެހޭ ފަރާތްތަކުން ހިންގަވާ އެކި އޮޕަރޭޝަންތަކުގައި ޢަމަލީ ގޮތުން ބައިވެރިވަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ 1011 ދަރިވަރުންނާއި 299 މުދައްރިސުންނެވެ.
މާލެ އާއި އަތޮޅުތަކުގެ އިމަރޖެންސީ ސެންޓަރު ތަކުގަ އާއި ޓާސްކް ފޯސް ތަކުގައި މީގެ ތެރެއިން 88 ދަރިވަރުންނާއި 14 މުދައްރިސުން ޙަރަކަތްތެރިވެއެވެ. އަދި ފުރަތަމަސަފުގައި ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްކުރުމަށް ރެޕިޑް ރެސްޕޮންސް ޓީމްގައި 82 ދަރިވަރުންނާއި 12 މުދައްރިސުން ޙަރަކާތްތެރިވެއެވެ. މޯލްޑިވްސް ރެޑް ކްރެސެންޓް އާއި ސަރުކާރުގެ ޓީމާއި އެކު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކައުންސެލިންގ ދިނުމާއި އެހެނިހެން ގޮތްގޮތުން ދުޅަހެޔޮކަންމަތީ މިދަނޑިވަޅުގައި މީހުން ބޭތިއްބުމަށް ކުރާ މަސައްކަތުގައި 56 ދަރިވަރުންނާއި ފަނަރަ މުދައްރިސުން މަސައްކަތްކުރެއެވެ.
އަދި މިދަނޑިވަޅުގައި ޞިއްޙީ ދާއިރާގެ ނަރުހުންނާއި މުއައްޒަފުން ކޯވިޑް ނަވާރައަށް ތައްޔާރުކުރުމަށް ބޭނުންވާ ތަމްރީންތައް ކުރިއަށް ގެންދިޔުމުގައިވެސް އެމްއެންޔޫއިން އިސްދައުރެއް އަދާކުރެއެވެ. އެގޮތުން އަތޮޅުތެރޭގައި މާލެ އާއި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ނަރުހުންނާއި މުވައްޒަފުންނާއި ކުލިނިކުތަކާއި އަދި މެޑިކަލް ޓީމްތައް ކޮވިޑް ނަވާރައަށް ތައްޔާރުވުމަށް ތަމްރީނުދިނުމުގައި އެމްއެންޔޫގެ 370 ދަރިވަރުންނާއި 12 މުދައްރިސުން ޙަރަކަތްތެރިވެއެވެ.
މީގެ އިތުރުން ކޯވިޑް ނަވާރައާއި ގުޅިގެން ސަރުކާރުން ބޭނުންވާ ޞިއްޙީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ސިޔާސަތުތައް ކަނޑައެޅުއްވުމަށް އެހީތެރިވެދޭ އެކި އެކި ދިރާސާތައް ސަރުކާރުގެ ވުޒާރާތަކާއި، ރައްޔިތުންގެ މަޖިލިހާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ކުރިއަށް ގެންދިޔުމުގައި އެމްއެންޔޫގެ 15 ދަރިވަރަކާއި 26 މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެވެ. ހަމައެއާއެކު ކާބޯ ތަކެތި ފޯރުކޮށް ދިނުމާއި އެހެނިހެން ގޮތްގޮތުން މާލެ އާއި އަތޮޅު ތެރޭގައި މަސައްކަތް ކުރުމުގައި 402 ދަރިވަރުންނާއި 150 މުދައްރިސުން އަންނަނީ ޙަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން ސައިންލޭންގުއޭޖުން މައުލޫމާތު ފޯރުކޮށް ދިނުމުގައި އެމްއެންޔޫގެ 5 ލެކްޗަރާއިން މަސައްކަތްކުރެއެވެ. އަދި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ތަމްރީން ކުރުމުގައި 25 ލެކްޗަރާއިން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އިސްލާމިކް މިނިސްޓްރީން އެކުލަވާލައްވާފައިވާ ޓާސްކް ފޯހުގައިވެސް 7 ލެކްޗަރާއިން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ނުތަނަވަސްކަން ވެރިވެފައިވާ ދަނޑިވަޅުގައި ހޭލުންތެރިކުރުވުމުގެ ގޮތުން މަޒުމޫނު ލިޔުމާއި ޅެމާއި ލަވަ ހެދުމާއި ކުރު ވާހަކަ ލިޔުމާއި ތަރުޖަމާ ކުރުމުގައި 30 ލެކްޗަރާއިން ގެންދަވަނީ މަސައްކަތްކުރަމުންނެވެ.
މާލެ އާއި އަތޮޅުތަކުގެ ދަނާލުތަކުގައި ތިބި ދަރިވަރުންގެ ދަނާލުގެ ފީ ޔުނިވަރސިޓީންވަނީ މަޢާފްކޮށްދީފައެވެ. އަދި ޔުނިވަރސިޓީގެ މާލެ އާއި އަތޮޅުތެރޭގައި ހުރި ދަނާލުތައް ޖެންޑަރ މިނިސްޓްރީން މީހުން ބޭތިއްބުމަށް އަދި ޔުނިވަރސިޓީގެ މާލެ އާއި އަތޮޅުތެރޭގައި ހުރި ހޯލްތަކާއި އޮޑިޓޯރިއަމްތަކާއި ސެމިނަރ ރޫމްތައް ވަނީ އެޗް.ޕީ.އޭގެ އެކި އެކި ތަމްރީންތައް ހިންގުމަށާއި އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިކަމަށް އެމްއެންޔޫއިން ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތްކޮށް އެވައިރަސް ބަލި ކުރެވެން އޮތީ އެންމެ އެކުގައި ކުރެވޭ މަސައްކަތުންނެވެ. ޤައުމީ ޔުނިވަސިޓީގެ ދަރިވަރުންނާއި ލެކްޗަރާއިން ކުރަމުން ގެންދާ އެމަސައްކަތް ތަކަކީވެސް ފާހަގަކޮށް ޝުކުރު އަދާކޮށް އަގުވަޒަން ކުރަންޖެހޭ މަސައްކަތްތަކެކެވެ.