ބަލިމީހުންނަށް ދޭންވާ އަޅާލުމާއި ކޮންމެ އެހީތެރިކަމެއްދިނުމަށް 24ގަޑިއިރު ކައިރީގައި މަޑުކޮށްގެންތިވޭ ބަޔަކީ ނަރުހުންނެވެ. ނަރުހުންގެ ޚިދުމަތަކީ ބަލިމީހާގެ ފަރުވާގައި އެންމެ އިސް ދަޢުރެއް އަދާކުރުމެވެ. މިއީ ވަޒީފާއަކަށްވުރެ ބޮޑަށް، ފޯރުކޮށްދޭ އިންސާނީ ޚިދުމަތެކެވެ. މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހެވެ.
ނަރުހުންގެ ޚިދުމަތް ރާއްޖޭގައި ފެށިގެންއައިތާ 60 އަށްވުރެ ގިނަ އަހަރުވަނީ ވެފައެވެ. މިވަގުތު ރާއްޖޭގައި ނަރުހުންގެ ގޮތުގައި 3636ނަރުހުންދަނީ މަސައްކަތްކުރަމުންނެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ސިއްޙީ އެހީދޭ މަރުކަޒުތައް ޤާއިމުކޮށްފައިވާއިރު، މިއިން ކޮންމެ މަރުކަޒެއްގައި ނަރުހުންގެ ޚިދުމަތް އަންނަނީ ލިބެމުންނެވެ. ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ %57 އަކީ ދިވެހި ނަރުހުންނެވެ.
ގިނަބަޔަކަށް އެނގިފައި އޮންނަނީ ނަރުހުންގެ ދައުރަކީ ހަމައެކަނި ޑޮކްޓަރުން އަންގާ ކަންކަން ކޮށްލުންކަމަށެވެ. މިއީ ކުށް ހީއެކެވެ. ނަރުހުންގެ ދައުރަކީ މިއަށްވުރެ މާ ފުޅާ ދައުރެވެ. ވަކި ޕްރޮފެޝަންއެކެވެ. ހޮސްޕިޓަލަށް އަންނަ ބަލިމީހުނަށް ޑޮކްޓަރު ދޭ އިރުޝާދަށް ޢަމަލުކުރޭތޯ ބެލުމާއި، ބަލިމީހާގެ ޙާލަތު ޤަވާޢިދުން ބަލަހައްޓަނީ ނަރުހުންނެވެ. ކަމެއް ބޮޑުވެއްޖެނަމަ އެންމެ ކައިރިން ގޮވާލާ ހިސާބުގައި ހުންނަ މީހަކީ ނަރުހެވެ. ހޮސްޕިޓަލްގައި އޮންނައިރު ބަލިމީހާގެ ބެލެނިވެރިއަކީވެސް ނަރުހެވެ.
ޢާއިލާއާ ދުރުގައި އެތަށް ގަޑިއިރަކު ނަރުހުން މަސައްކަތްކުރަނީ އެހެން އާއިލާއެއްގެ ކޮންމެވެސް މީހެއްގެ ޚިދުމަތުގައެވެ. ޑިއުޓީ ގަޑިހަމަވެ އެތަށްވަގުތެއް ގެއަށް ނުދެވި ހޭދަކުރަނީ ބަލިމީހާގެ ޚިދުމަތުގައެވެ. ދުވަހަކުވެސް ލޮލަށް ނުފެންނަ، ނުދަންނަ އެތަށް ބައެއްގެ މަދަދުވެރިއާއަކީ މިނަރުހުންނެވެ.
ކޯވިޑް-19ގެ ޙާލަތު އަޅުގަނޑުމެންނާއި ކުރިމަތިލި މި ހިތްދަތި ވަގުތުގައިވެސް އަޅުގަނޑުގެން ދިފާޢީ އައްދަނައެއްގެގޮތުގައި އެންމެ އިސް ސަފުގައި ޖެހިލުމެއްނެތި މަސައްކަތްކުރާ ބަޔަކީ ނަރުހުންނެވެ. ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކަށް ބުރޫއެރިޔަނުދީ މިނުރައްކާތެރި މާޙައުލުގައި އެކުރަނީ ޤައުމީ ޖިހާދެކެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ފެށިގެން، ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި ކޯވިޑް-19ގެ ބަލިޖެހިފައިވާ މީހުންނަށް ފަރުވާދީ، އެމީހުން ބެލެހެއްޓުމުގެ އިސް ދަޢުރެއް އަދާކުރަމުންދަނީ ނަރުހުންނެވެ.
އާއިލާއާއި ދުރުގައި ނަރުހުން ކުރާ މަސައްކަތަކީ މި ލޮބުވެތި ޤައުމަށްޓަކައި، އަހަރަމެންގެ ކޮންމެ ދިވެހި ފަރުދަކަށްޓަކައި ވަމުންއަންނަ ގުރުބާނީއެވެ. އެއީ ޤައުމީ ޖިހާދެކެވެ. ފެނިގެންދަނީ އަމިއްލަ ފުރާނައާއި އަމިއްލަ އާއިލާއަށްވުރެ މުޅި ޤައުމުގެ ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތް ކުރާ ހިތްވަރުގަދަ ބައެކެވެ.