ޚަބަރު

އެން.ޑީ.އޭ އާ ގުޅުންހުރި މަސައްކަތްތަކާ ގުޅޭގޮތުން، ނާއިބް ރައީސް މަޝްވަރާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ފައިޞަލް ނަސީމް، ނެޝަނަލް ޑްރަގް އެޖެންސީއާ ގުޅުންހުރި ބައެއް މަސައްކަތްތަކާ ގުޅޭގޮތުން، އެތަނުގެ އިސްވެރިންނާއި ކަމާބެހޭ އެހެން އިދާރާތަކުގެ ވެރިންނާއެކު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކޯވިޑް-19ގެ ސަބަބުން ތަފާތު ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި މުޖުތަމަޢުގައި ތިބި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކާއި އަދި އެނޫންވެސް މުޖުތަމަޢުގައި ތިބި އެން.ޑީ.އޭގެ އެހީތެރިކަމާއި ބެލެހެއްޓުންތެރިކަން ބޭނުންވާ ފަރާތްތަކުގެ ކަންކަން އެންމެ ރަނގަޅަށް ހަމަޖެއްސޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

އެގޮތުން، ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ފަރުވާގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތްތަކާއި އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންފަދަ ކަންކަން ކުރެވޭނެގޮތާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެކަމުގައި ހުރި ދަތިތައްވެސް ނާއިބް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ.

މީގެ އިިތުރުން އަތޮޅުތަކުގައި ހުރި އެން.ޑީ.އޭގެ ސެންޓަރުތަކުގައި ވެސް މި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ރަށެއްގައި ފުރަބަންފުގެ ޙާލަތުގެ އިޢުލާންކޮށްފިނަމަ އެޙާލަތުގައި އެން.ޑީ.އޭގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކަންކަން މެނޭޖުކުރާނެ ގޮތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނާއިބް ރައީސް ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ކަންކަން މެނޭޖުކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ކަމާގުޅުންހުރި އިދާރާތަކުންވެސް، ކޯވިޑްގެ-19 ސަބަބުން ޚާއްޞަ ފިޔަވަޅުތައް އަޅާފައިވާ މި ޙާލަތުގައި މުޖުތަމަޢުގެ ތެރޭގައި ހުރި ތަފާތު މައްސަލަތައް ޙައްލުކުރުމުގައި ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ނެޝަނަލް ޑްރަގް އެޖެންސީ ގެ އިސްވެރިންގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީއާއި، އެޓާރނީ ޖެނެރަލް، އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި، ޕްރޮސިކިއުޓަރ ޖެނެރަލް، އަލްއުސްތާޛު ޙުސައިން ޝަމީމާއި، ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.