ޚަބަރު

ކޯވިޑް-19ގެ ސަބަބުން އެފްރިކާގެ ޞިއްޙީ ނިޡާމު ދުނިޔޭގެ ސަމާލުކަމަށް


ދުނިޔޭގައި ކޯވިޑް-19 ފެތުރެންފެށުމުން އެފްރިކާގެ ޤައުމުތަކުގެ ޞިއްޙީ ނިޡާމުގައިހުރި ބޮޑެތި މައްސަލަތައްވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ ކުރިއަށްއޮތް ދުވަސްތަކުގައި ބަލިމަޑުކަން އެންމެ ހަލުވިކަމާއެކު ފެތުރޭނީ އެފްރިކާގައިކަމަށް ބުނެފައެވެ.

އެފްރިކާގައި ކޯވިޑް-19 ޖެހިފައިވާ 65،000އަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ. އެއީ ދުނިޔޭގެ އެހެން ބައްރުތަކަށްވުރެ ނިޞްބަތުން ދަށް ޢަދަދެކެވެ. ނަމަވެސް އެފްރިކާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދުވަނީ ފާއިތުވި ހަފުތާގެ ތެރޭގައި 38 އިންސައްތަ އިތުރުވެފައެވެ. އިޖުތިމާޢީ ގައިދުރުކަމުގެ އެންމެ ހަރުކަށި ފިޔަވަޅުތަކާއެކުވެސް 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އެފްރިކާގެ 123 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލީގެ އަސަރުކޮށް، 300،000އަށްވުރެ ގިނަ މީހުން މަރުވާނެކަމަށް އދގެ އެފްރިކާއާބެހޭ އިޤްތިޞާދީ ކޮމިޝަން، ޔުނެކާއިންވަނީ ލަފާކޮށްފައެވެ.

އެފްރިކާގެ ޞިއްޙީ ނިޡާމު އޮތީ ބަލިމަޑުކަމުގެ ކުރިންވެސް ވަރަށް ބަލިކަށިކޮށެވެ. ޞިއްޙީ ނިޡާމާބެހޭ މަޢުލޫމާތު ޙިއްޞާކުރުމަށް ގިނަ ގައުމުތަކުން ޖެހިލުންވެއެވެ. ބައެއް ޤައުމުތަކުގައި ޞިއްޙީ ސާމާނުހުރި މިންވަރު އެ ޤައުމުތަކުގެ ސަރުކާރަށްވެސް ނޭނގެއެވެ. ބައެއް ޤައުމުތަކުގެ ޞިއްޙީ ޙާލަތު ދަށްކަމުން ފާޑުކިޔުން އަމާޒުވެދާނެކަމުގެ ބިރަށް މަޢުލޫމާތު ހާމަކުރުމަށް ދެކޮޅުހަދައެވެ.

ރޮއިޓާރސުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އެފްރިކާގައި ދިރިއުޅޭ ކޮންމެ 100،000 މީހުންނަށް ކުއްލި ފަރުވާދިނުމަށް އެންމެ އެނދެއްވެސް ހަމަނުވެއެވެ. ކޮންމެ 100،000 މީހުންނަށް ލިބެންހުރީ އެންމެ ވެންޓިލޭޓަރެކެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދުވެސް ވަރަށް މަދެވެ. އެމެރިކާފަދަ ޤައުމުތަކުގައި ކޮންމެ 100،000 މީހުންނަށް ކުއްލި ފަރުވާދިނުމަށް މަދުވެގެން 20 އެނދު ލިބެންހުރިކަމަށް 2012ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެފްރިކާގައި ކޯވިޑް-19އަށް ތަހުލީލުކުރެވޭ މިންވަރު ދަށްވުމުގެ ސަބަބުން އެ ސަރަޙައްދުގައި ބަލިފެތުރިފައިވާ ހަޤީޤީ މިންވަރު އަންދާޒާކުރަން އުނދަގުލެވެ. ވިލާތުގެ ޤައުމުތަކުގައި ކޮންމެ 1 މިލިއަން މީހުންނަށް 23،000 ތަހުލީލުކުރިނަމަވެސް އެފްރިކާގައި ކޮންމެ 1 މިލިއަން މީހުންނަށް ކުރަނީ 685 ތަހުލީލެވެ. ނަމަވެސް އެ ޢަދަދުވެސް އެފްރިކާގެ ޤައުމުތަކުގެ މެދުގައި ބެހިފައި އޮންނަނީ އެއްވަރަކަށް ނޫނެވެ. ރަނގަޅަށް ތަހުލީލު ނުކުރެވޭނަމަ ބަލިޖެހޭ މީހުންގެ ހަޤީޤީ ޢަދަދު ދެނެގަނެވޭނެ ގޮތެއްނެތެވެ.

ރޮއިޓާރސުން ކުރި ދިރާސާއިން ދައްކާގޮތުގައި އެންމެ ރަނގަޅު ޙާލަތުގައިވެސް ކޯވިޑް-19އަށް ފަރުވާދިނުމަށް އިތުރު 111،000 އައިސީޔޫ އެނދާއި ވެންޓިލޭޓަރު ބޭނުންވާނެއެވެ. އެއީ މިހާރު އެފްރިކާގައި ލިބެންހުރި ޞިއްހީ ސާމާނަށްވުރެ 10 ގުނަ އިތުރު ޢަދަދެކެވެ.

ޑަބްލިއުއެޗުއޯއިން ބުނީ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްފިނުމަށް ޞައްޙަ މަޢުލޫމާތު ވަރަށް މުހިންމުކަމަށެެވެ. މަޢުލޫމާތު ލިބެންނެތް ސަރަޙައްދުތަކުގެ ޙާލަތު ދިރާސާކޮށް ދެނެގަތުމަށް ވަގުތުން ވަގުތަށް މަޢުލޫމާތު އެއްކުރެވޭ މިންވަރަށް މާލީ ތަނަވަސްކަން އެ އިދާރާއަށް ލިބިފައެއްނުވެއެވެ. ބޭނުންވާ ކަންކަން ސާފުނުވާނަމަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ އުނދަގޫތަކަކާ ކުރިމަތިލާންޖެހޭކަމަށް ޑަބްލިއުއެޗުއޯޯއިން ބުނެއެވެ.

ކޯވިޑް-19 ފެތުރެންފެށުމުން އެފްރިކާގެ ގިނަ ޤައުމުތަކަކުންވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. ދަތުރުފަތުރު ކުރުން މަނާކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ އިތުރުން ބައެއް ކާރުހާނާތައްވަނީ ރައްކާތެރިކަމުގެ ސާމާނު އުފެއްދުމަށް ބޭނުންކުރަން ފަށައިފައެވެ. ޞިއްޙީ ސާމާނު ހޯދުމަށް ޑަބްލިއުއެޗުއޯއިން އެ ޤައުމުތަަކަށް އެހީތެރިވެއެވެ. ޗައިނާގެ މަހުޖަނެއް ކަމުގައިވާ ޖެކް މާގެ ފައުންޑޭޝަނުންވެސްވަނީ ގިނަ ޢަދަދެއްގެ ޞިއްހީ ސާމާނު އެފްރިކާގެ ޤައުމުތަކަށް ފޯރުކޮށްދީފައެވެ.