ޚަބަރު

މިހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ


މިހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރާ ކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އިރު އުތުރަށް ވިއްސާރަ ކުރަމުންދަނީ އެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށްވެސް ވިއްސާރަކުރަމުންދާނެކަމަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހަވީރުން ފެށިގެން މިރޭ 9:00އާ ހަމައަށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށްވަނީ ވައިޓް އެލަރޓް ނެރެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިއީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަންފަށާދުވަސްވަރުކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި މި ވިއްސާރާއިގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ޢާއްމުގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.