ޝަރުތަކާ ނުލައި އެމެރިކާއާއެކު ގައިދީން ބަދަލުކުރަން ތައްޔާރަށް ތިބިކަމަށް އީރާނުގެ ސަރުކާރުގެ ތަރުޖަމާނާ ޙަވާލާދީ އެޤައުމުގެ ނޫހަކުން ބުނެފިއެވެ.
ޚަބަރްއޮންލައިން ނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބުނީ އީރާނުގެ ސަރުކާރުގެ ތަރުޖަމާނު ޢަލީ ރަބީއީވަނީ އެމެރިކާއާއެކު ޤައިދީން ބަދަލުކުރަން ހުށަހަޅާފައިވާކަމަށްް ހާމަކޮށްފައިކަމަށެވެ. ނަމަވެސް އެހުށަހެޅުމަށް އަދި އެމެރިކާގެ ފަރާތުން ޖަވާބެއް ލިބިފައިނުވާކަމަށް އެޚަބަރުގައި ބުނެފައިވެއެވެ.
ރަބީއީއާ ޙަވާލާދީ އެނޫހުގައި ބުނެފައިވަނީ އެމެރިކާގެ ޖަލުތަކުގައި ތިބި އީރާނުގެ ރައްޔިތުންގެ ރައްކާތެރިކަމާއި ޞިއްޙަތާމެދު ކަންބޮޑުވާކަމަށެވެ. ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި އެމެރިކާގެ ޖަލުތަކުގައިތިބި އީރާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާއިން ޒިންމާވާންޖެހޭނެކަމަށް އޭނާ ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވެއެވެ.
އީރާނާއި އެމެރިކާއަކީ ޒަމާނުއްސުރެ އެއްގަލަކަށް ނާރާ ދެޤައުމެވެ. ދެޤައުމުން ޤައިދީން ބަދަލުކުރުމަކީ މަދުން ނޫނީ ނުވާކަމެކެވެ. އެންމެ ފަހުން ޤައިދީން ބަދަލުކޮށްފައިވަނީ 2019 އަހަރެވެ. އެއީ ޖާސޫސްކުރުމުގެ ތުހުމަތުގައި ތިން އަހަރު ވަންދެން އީރާނުގައި ހައްޔަރުކޮށްފައިހުރި އެމެރިކާގެ ޑިގްރީ ދަރިވަރެއްކަމަށްވާ ޒިޔު ވޭންގާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާ ނުވުމުގެ ކުށުގައި އެމެރިކާގައި ހައްޔަރުކުރި އީރާނުގެ ސްޓެމް-ސެލް ރިސާޗަރު މައްސޫދު ސުލައިމާނީއެވެ.
އީރާނުން ދުނިޔޭގެ ބޮޑެތި ނިއުކްލިއާރ ބާރުތަކާއެކު ވެފައިވާ އެއްބަސްވުމުން އެމެރިކާއިން 2015 ވަނަ އަހަރު ވަކިވެ އެޤައުމަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެމެރިކާއާއި އީރާނާއި ދެމެދު އޮންނަ ގުޅުންވަނީ އިތުރަށް ގޯސްވެފައެވެ. އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދަށްވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ޚަބަރްއޮންލައިންގައި ބުނެފައިވާ ގޮތުން އެމެރިކާއާއި އީރާނާ ދެމެދު ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކާހަމައަށް ވާޞިލްވުމަށް ތިންވަނަ ޤައުމެއްގެ އެހީތެރިކަން ބޭނުންނުވާކަމަށް ރަބީޢީވަނީ ވިދާޅުވެފައިވެއެވެ.
އިރާނު ސަރުކާރަށް ނިސްބަތްވާ އިސް ތިން ފަރާތަކުންވަނީ އެމެރިކާއާއި އީރާނާއި ދެމެދު ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ވާޞިލްވުމަށް މަސައްކަތްކުރަމުންދާކަމަށް މިދިޔަ ހަފްތާގައި ބުނެފައެވެ. އެމެރިކާގެ ނޭވީގެ ކުރީގެ އޮފިސަރެއްކަމަށްވާ މައިކަލް ވައިޓަކީ 2018ވަަނަ އަހަރުން ފެށިގެން އީރާނުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. ނަމަވެސް އޭނާގެ ޞިއްޙީ ޙާލަތުހުރިގޮތުން މިއަހަރުގެ މާރިޗުމަހުގެ މެދުތެރޭގައި އޭނާވަނީ ޖަލުން މިނިވަންކޮށްފައެވެ. އޭނާ އަދިވެސް ހުރީ އީރާނުގައެވެ. އެހެންކަމުން އޭނާއަކީ އީރާނުން ދޫކޮށްލާ އެއް ޤައިދީއަށްވުން އެކަށީގެންވެއެވެ. އެމެރިކާއާއި އީރާނުގެ ރަސްމީ އިދާރާތަކުންވަނީ އެމެރިކާގައި ހުރި އީރާނުގެ ޕްރޮފެސަރު ސިރޫސް އަސްގަރީ އޭނާއަށް ބޭނުންވާ ޞިއްޙީ ކްލިއަރަންސް ލިބުމުން އީރާނަށް ޑީޕޯޓުކުރާނެކަމަށް މީގެ ކުރިން ބުނެފައެވެ