ޚަބަރު

ދިވެހި ހިރިގަލު މިސްކިތްތަކުގެ މަޢުލޫމާތު ހިމެނޭ ވެބްސައިޓެއް ޤާއިމުކޮށްފި


ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކުގެ މަޢުލޫމާތު ހިމެނޭ ވެބްސައިޓެއް ޤާއިމުކޮށްފިއެވެ.

މި ވެބްސައިޓަކީ ވިލާތުގެ އިއްތިޙާދުގެ މާލީ އެހީއާއި ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފްއަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ އެއްބާރުލުމާއިއެކު، ދިވެހި އަރކިޓެކްޓް އަދި ހިރިގަލު މިސްކިތާއިބެހޭ ތަޖުރިބާކާރެއްކަމަށްވާ މައުރޫފް ޖަމީލް ތައްޔާރުކުރައްވާފައިވާ ވެބްސައިޓެކެވެ.

މި ވެބްސަރިޓްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 26ހިރިގަލު މިސްކިތުގެ މަޢުލޫމާތު ހިމެނެއެވެ. މި މަޢުލޫމާޓުތަކުގެތެރޭގައި މިސްކިތުގެ ތާރިޚާއި، މިސްކިތް ފަރުމާކޮށްފައިވާގޮތާއި، މިސްކިތް ބަހައްޓާފައި ހުރިތަނާއި، މިސްކިތުގެ ބޮޑުމިނާއި ގުޅުންހުރި މަޢުލޫމާތު ހިމެނެއެވެ. މިސްކިތްތަކުގެ މަޢުލޫމާތު www.coralstonemosques.com އިން ލިބިވަޑައިގަންނަވާނެއެވެ.

ވަރޗުއަލް ރަސްމިއްޔާތެއްގައި މި ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫންއާއި، ވިލާތުގެ އިއްތިޙާދުން ސްރީލައްކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަހާސިރި ޑެނިސް ޗައިބީއެވެ.

ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތަކަކީ ސަގާފީގޮތުނާއި އަރކިޓޭކްޗަރގެ ގޮތުން ތަފާތު ޚާއްސަ ސިފަތަކެއް އެކުލެވިގެންވާ މިސްކިތްތަކެކެވެ. މި މިސްކިތްތަކުން ދިވެހިންގެ ހިރިގަލު ވަޑާމުގެ ހުނަރާއި ލިޔެލާޖެހުމާއި ކެލިގްރަފީގެ ފަންނު ފެނިގެންދެއެވެ.
އަދި ރޫޅާ ރޭވޭގޮތަށް ބިނާކޮށްފައިވާ މި މިސްކިތްތަކަކީ ދިވެހިންގެ އިސްލާމީ އަޤީދާއާއި ސަގާފަތާއި ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ މިސްކިތްތަކެކެވެ.

ރާއްޖޭގެ ހިރިގަލު މިސްކިތްތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ މަސައްކަތްތަކެކެވެ.