ވިޔަފާރި

ލޮކްޑައުންގެ އުސޫލުތަކާ ޚިލާފުވާ ފިހާރަތަކުގެ ހުއްދަ ބާތިލްކުރަނީ


ލޮކްޑައުންގެ މުއްދަތުގައި ހުޅުވާފައި ހުންނަ ފިހާރަތަކުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރާނަމަ، އެ ފަރާތަކަށް ދީފައިވާ ހުރިހާ ހުއްދައެއް ބާތިލުކުރާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ތިރީގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަކޮށްފައިނުވާނަމަ، އެތަނަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ހުރިހާ ހުއްދައެއް ބާތިލުކުރާނެކަމަށެވެ.

(ހ) ފިހާރައިގެ ކުޑަ ބޮޑު މިނަށް ބަލައި، އެންމެ ގިނަވެގެން ވަދެވޭނެ ކަސްޓަމަރުންގެ ޢަދަދު ބޭރަށް ފެންނާނެހެން ބެހެއްޓުން؛

(ށ) ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި، ނޭފަތާއި އަނގަމަތި ފޮރުވޭ ގޮތަށް، މާސްކު އަޅައި، ދެ އަތް ތިލައަށް އަންގިލައްވައިގެން ހުރުން؛

(ނ) ފިހާރައިގެ އެތެރޭގައި، އެ ފިހާރައެއްގައި މަސައްކަތްކުރުމުގެ ހުއްދަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ފަރާތްތައް ފިޔަވައި، އިތުރު މީހުން ނުބޭތިއްބުން؛ އަދި

(ރ) މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުއްދަ ދީފައިވާ ފިހާރައެއްނަމަ، އެ ފިހާރައަކުން ޚިދުމަތް ދިނުމަށް ހުޅުވިފައި ހުންނަ ގަޑިތަކުގައި، ގަވާއިދުން ހުޅުވުން.

ފުލުހުން ވިދާޅުވީ މިކަންތައްތަކަށް ރިޢާޔަތްކޮށްގެން ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުން ޢަމަލުކުރެއްވުމަށް އިލްތިމާސްކުރާކަމަށެވެ.