ސިއްހަތު

ހުޅުމާލޭގައި އިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ބިންގާ އަޅައިފި


ރާއްޖޭގައި ޤާއިމުކުރެވޭ ފުރަތަމަ މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލްކަމަށްވާ "ޓްރީ ޓޮޕް ހޮސްޕިޓަލް"ގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް އަޅުއްވައިދެއްވައިފިއެވެ.ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބިންގާ ރައީސް އަޅުއްވާފައިވަނީ އެކަމަށްޓަކައި މިއަދު ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން "ޓްރީ ޓޮޕް ހޮސްޕިޓަލު"ގެ ނަމުގައި، 159 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 12ވަނަ ދުވަހުއެވެ.ދެ އިމާރާތުގެ މައްޗަށް އެކުލެވޭ ޓްރީ ޓޮޕް ހޮސްޕިޓަލަކީ، 6 ބުރިއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެކެވެ. މިތަން ނިމިގެންދާއިރު، އެތަނުގައި ސްޓޭންބައި ޖަނަރޭޓަރާއި، ރެސްޓޯރަންޓާއި، 6 ފަންގިފިލާގެ އެކޮމަޑޭޝަން ހިމެނޭނެ ކަމަށާއި، މި ދެ އިމާރާތްވެސް ހުންނާނީ އެއާރކޮންޑިޝަން ކުރެވިފައިކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.ޓްރީ ޓޮޕް ހޮސްޕިޓަލު އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރު 2016 ގައެވެ. އަދި ހޮސްޕިޓަލް ހުޅުވަން ކަނޑައަޅާފައިވާ ތާރީހަކީ 1 މާޗު 2017 ގައެވެ.މި ހޮސްޕިޓަލުގެ އިމާރާތްކުރުމުގެ މަސައްކަތައް އެކަނިވެސް ގާތްގަނޑަކަށް 60 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުވާނެކަމަށާއި، ހޮސްޕިޓަލު އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށް ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑްއިން މައުލޫމާތުދެއެވެ.މި ހޮސްޕިޓަލު ބިނާކޮށް ނިމުމުން ޓާރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމުވެގެންދާނެކަމަށާއި، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ހޮސްޕިޓަލްތަކާއި އެއް ފެންވަރެއްގެ ޞިއްޙީ ޚިދުމަތްތައް މި ހޮސްޕިޓަލުން ދެވިގެންދާނެކަމަށް ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑްއިން މައުލޫމާތުދެއެވެ.ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 159 އެނދުގެ ޓްރީ ޓޮޕް ހޮސްޕިޓަލު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތުރުކީވިލާތުގެ މަޝްޙޫރު ކުންފުންޏެއްކަމަށްވާ، ޓާރމެކްސްއާއިއެވެ.ހޮސްޕިޓަލު އޮޕަރޭޓްކޮށް ހިންގުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މެލޭޝިއާ އަދި އޮސްޓްރޭލިއާގައި ސިއްޚީ ޙިދުމަތް ދިނުމުގައި ހަރަކާތްތެރިވަމުންދާ ކުންފުންޏެއްކަމަށްވާ ރެމްސޭ ސިމް ޑާރބީއާއިއެވެ.ޓަރޝަރީ ފެންވަރުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލުގައި ބަލިތަކުން ސަލާމަތްވުމަށާއި، ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް އަހުލުވެރިކުރުމަށް ހެލްތް ސްކްރީނިންގ ސެންޓަރެއްވެސް ޤާއިމުކުރެވިގެންދާނެއެވެ.