ޚަބަރު

ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ނާއިބް ރައީސް މަޝްވަރާކުރައްވައިފި

ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ކޯވިޑް-19 ގެ ހާލަތުގައި ކުރިމަތިވާ ގޮންޖެހުންތަައް ހައްލުކުރުމާ ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަޞީމް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން އާއި ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ނާއިބްރައީސް ވަނީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި ޙާލަތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކާއި ކިޔަވާކުދިންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމުކުރެވިގެން ކުރިޔަށްދާގޮތުގެ މަޢުލޫމާތު ހޯއްދަވާފައެވެ. އެގޮތުން މި ޙާލަތުގައި ކޮލެޖްތަކުގެ ކިޔެވުމުގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކަންތައްތައް ބަލަހައްޓަވަމުންދާ ގޮތްތަކާއި އެދަރިވަރުންނަށް މި ހާލަތުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާ އަދި ރާއްވަވާފައިވާ އުސޫލްތަކާ ބެހޭގޮތުން ނައިބު ރައީސް މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ނާއިބް ރައީސް ވަނީ މިދަނޑިވަޅުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ޚިދުމަތް ހޯދުމުގައި ދިމާވެދާނެ ދަތިކަމަކަށް ތައްޔާރުވެ އެތަން ފޫބެއްދުމަށް ކުރައްވަމުން ގެންދަވާމަސައްކަތްތަކުގެ ތަފްސީލްވެސް ވަނީ އޮޅުންފިލުއްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންއާއި ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިސްވެރިން ވަނީ ކޮވިޑް-19ގެ ޙާލަތަށްފަހު ކޮލެޖުތައް ހުޅުވޭއިރު ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭންތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ދެން ހުޅުވޭއިރު އެންމެ އިސްކަމެއްގެ ގޮތުގައި ކުރެވިގެންދާނެ މަސައްކަތަކީ މީހުން ބިނާކުރުމަށް ނުވަތަ ތައްޔާރުކުރުމަށް ޚާއްޞަ އިސްކަމެއްދީގެން ކުރެވިގެންދާނެ މުހިންމު ޕްރޮގްރާމެއްގެ މަސައްކަތްތައްކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވަނީ މިހާރު ރާއްޖޭން ބޭރުގައި އަމިއްލަގޮތުންނާއި ސަރުކާރުގެ ސްކޮލަރޝިޕްގައި ކިޔަވަމުންދާ ކުދިންނަށް ދިމާވެދާނެ ފައިސާގެ ދަތިކަން ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

މި ބައްދަލުވުމުގައި ނާއިބު ރައީސް ވަނީ މި ޙާލަތުގައި މަސައްކަތްކުރާއިރު ހަޔަރ އެޑިއުކޭޝަން ދާއިރާގެ ހުރިހާ ފަރާތްތަކުންވެސް އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކޮށް ދިމާވާ މައްސަލަތައް ހައްލުކޮށްގެން ކަންކަން ކުރިޔަށްގެންދިއުމަށާއި ޞިއްޙީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަންކަން ބައްޓަންކުރައްވައިގެން ކުރިޔަށް ގެންދިއުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.