ޚަބަރު

ގޭގައި ތިބި ނަމަވެސް ކުދިން އުނގެނުމުގެ ޙައްޤުން މަޙްރޫމުނުކުރޭ: އެޗްއާރްސީއެމް


މަދަރުސާތަކާއި ތަޢުލީމުދޭ ތަންތަން ބަންދުކޮށްފައިވީނަމަވެސް ދަރިވަރުންގެ އުނގެނުމުގެ ޙައްޤު ކަށަވަރުކުރުމަށް ދަޢުލަތާއި ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ގޮވާލައްވަިއިފިއެވެ.

މިއަދު ފާހަގަކުރާ ޤައުމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން އެޗްއާރްސީއެމްއިން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ މިދުވަސްވަރު ކުދިން ގޭގައި ހޭދަކުރާ ވަގުތަކީ އުފާވެރި، އެކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވާނެހެން ކަންކަން ރާވާފައިވާ ދުވަސްވަރަކަށް ހަދަންޖެހޭކަމަށެވެ. އަދި ޚާއްސަ އެހީ އާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް އާއިލާ އާއި ދަޢުލަތުން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ އަޙަމިއްޔަތުކަމެއް ދިނުމުގެ މުހިންމުކަންވެސް އެޗްއާރްސީއެމްއިން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެފަދަ ކުދިންގެ ސިއްޙީ އަދި އެހެނިހެން އަސާސީ ކަންކަން ފުރިހަމަކުރެވޭނެ ހަރުދަނާ ނިޒާމެއް ވީހާވެސް އަވަހަށް ޤާއިމުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއަކަށް ވީހިނދު، ކުޑަކުއްޖަކަށް އަނިޔާ ލިބޭކަން އެނގޭނަމަ އެކަން ލަސްނުކޮށް ކަމާބެހޭ ފަރާތަކަށް ރިޕޯޓު ކުރުމަށާއި، މީގެ އިތުރުން ކުުޑަކުދިންނާއި ގުޅޭ ޚަަބަރާއި މަޢުލޫމާތު ފެތުރުމުގައިވެސް ކުޑަކުދިންގެ އިންސާނީ ޤަދަރާއި ކަރާމާތައް އުނިކަމެއް ނާންނާނެ ގޮތަށް އަަމަލުކުރުމަށްވެސް އެކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިސްއިން ވިދާޅުވީ، ކުޑަކުދިންނާއި ގުޅޭ އެކި ބާވަތްތަކުގެ މައްސަލަތައް ކޮމިޝަނަށް ހުށައެޅެމުންދާ ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ ޖިސްމާނީ ނަފްސާނީ ޖިންސީ އަދި ހަނގާ ކުރުމުގެ މައްސަލަތަކާއި އިޙުމާލުވުމުގެ މައްސަލަތައްވެސް ހިމެނޭ ކަމަށެވެ.

އެކޮމިޝަނުން ވިދާޅުވީ، މިގޮތަށް ޤައުމީ ފެންވަރެއްގައި ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީވެސް ކުޑަކުދިންގެ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކޮށް، ޤާނޫނީގޮތުން ކުދިންނަށް ލިބިދޭ ރައްކާތެރިކަމާއި އެންމެހާ ޙައްޤުތަށް ކަށަވައުކޮށްދިނުމަށް ބާރުއެޅުންކަމަށެވެ. އަދި ކުދިންނަށް ބޭނުންވާ އެކަށޭނަ ތަޢުލީމާއި ތަރުބިއްޔަތުދީ، އަމާން ވެއްޓެއް ޤާއިމުކުރުމަށް މަސްއޫލުވާ މީހުންގެ ޒިންމާ ހަނދާންކޮށްދީ ދުޅަހެޔޮ ސިއްޙަތެއްގައި ކުޑަކުދިންނަށް ހެދިބޮޑުވުމުގެ މާޙައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުންވެސް މިދުވަސް ފާހަގަކުރުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ވިދާޅުވެފައިވެއެވެ.