ވިޔަފާރި

"ބޭބީ ވޯޓަރ" އިން ޖީއެސްޓީ ނަގަން ނިންމައިފި


"ބޭބީ
ވޯޓަރ" އަކީ ކުޑަކުދިންނަށް ޚާއްސަ އުފެއްދުމެއް ނޫން ކަމަށް މޯލްޑިވްސް ފުޑް
އެންޑް ޑްރަގް އޮތޯރިޓީއިން ނިންމުމާއި ގުޅިގެން އެ އުފެއްދުމުން ޖީއެސްޓީ ނެގުމަށް
ހަމަޖެހިފައިވާ ކަމަށް މީރާއިން
ހާމަކޮށްފިއެވެ.



މުދަލާއި
ޚިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ ޤާނޫނުގެ ދަށުން، ތުއްތު ކުދިންގެ ކާނާ
ހިމެނެނީ ސުން-ރޭޓުގައި ޖީއެސްޓީ ނެގޭ މުދަލުގެ ތެރޭގައެވެ. ތުއްތު ކުދިންގެ ކާނާގެ
ގޮތުގައި ބަލަނީ ތިން އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށް ތައްޔާތުކޮށްފައި
ހުންނަ، އެ ކުދިންނަށް ޙާއްސަ ކާނާގެ ގޮތުގައި ލޭބަލްކޮށްފައިވާ އެންމެހައި ކާނާއެވެ. މި
އުސޫލުގެ ދަށުން މިހާތަނާ ޖެހެންދެން " ބޭބީ ވޯޓަރ" އިން ޖީއެސްޓީ
ދައްކަންޖެހެނީ ސުން-ރޭޓްގައެވެ.



މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ވަނީ "ބޭބީ
ވޯޓަރ" އަކީ ކުޑަކުދިންނަށް ޚާއްޞަ އުފެއްދުމެއް ނޫން ކަން އެގުމާއި ގުޅިގެން
ކުޑަކުދިންނަށް ޚާއްޞަ އުފެއްދުމެއްގެ ގޮތުގައި މި އުފެއްދުން މާކެޓްކޮށް ވިއްކުން
މަނާކޮށްފައެވެ. އެހެން ނަމަވެސް، އެ ފެން އާންމު ބޯފެނެއްގެ ގޮތުގައި
މާކެޓްކުރާނަމަ ފުޅީގެ ލޭބަލް ބަދަލުކުރުމަށްފަހު ވިއްކިދާނެ ކަމަށް އެ
އޮތޯރިޓީއިން ހާމަކުރެއެވެ.