ޚަބަރު

5ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން މަސްތުވާތަކެތި އަތުލައިގެންފި


5ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތްތަކެއް ހޯދާފައިވަނީ އދ.މާމިގިއްޔާއި ބ.ތުޅާދުއާއި ހދ.މަކުނުދުއާއި ކ.ހިންމަފުއްޓާއި ނ.މަނަދޫއިންނެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު ކ.ހިންމަފުށީގައި ހިންގި 2 އޮޕަރޭޝަނެއްގައިވަނީ މަސްތުވާތަކެއްޗާއިއެކު 2 މީހުން ހައްޔަރުކޮށްފައެވެ. މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރާއި 34 އަހަރުގެ ދިވެހި ފިރިހެނުންނެވެ. 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހިންމަފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލާފާސްކުރިއިރު މަސްތުވާތަކެތިކަަމަށް ޝައްކުކުރެވޭ 37ރަބަރު ޕެކެޓްވަނީ ފެނިފައެވެ. 34 އަހަރުގެ މީހާ ހައްޔަރުކޮށް ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 3 ޕެކެޓުވަނީ ހޯދާފައެވެ. މި ދެމީހުންގެ ބަންދަށް 15ދުވަސްވަނީ ޖަހާފައެވެ.

މަކުނުދޫގައި މިމަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ބެލެވޭ 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިއެވެ. އޭނާ ދިރިއުޅޭ ގެ ބަލާފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅު ހޯދާފައިވެއެވެ. މި މީހާގެ ބަންދަށް 10 ދުވަސްވަނީ ޖަހާފައެވެ.

މީގެ އިތުރުން މާލެއިން ފުރައިގެން ބ.ތުޅާދުއަށް ދަތުރު ކުރި ބޯޓެއްގައި އެރަށަށް މަސްތުވާތަކެތި އެތެރެކުރުމަށް އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ބޯޓުން ބޭލި ފޮށިގަނޑަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓަކާއި، ކުޑަ 3 ރަބަރު ޕެކެޓު ހޯދާފައިވެއެވެ. މި މަހުގެ 7 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ޙިއްސާކުރި މަޢުލޫމާތުގައި ހާމަކޮށްފައިވަނީ މިމަހުގެ 7 ވަަނަ ދުވަހު މާލެއިން އދ.މާމިގިއްޔަށް ގެންދިޔަ ފޮށިގަނޑަކާއި ހަވާލުވާނެ މީހެއް ނެތި، އެތަކެތި ފުލުހުން ބެލުމުގެދަށަށް ގެންގޮސް ބެލިއިރު ފޮށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް ފުލުހުންދަނީ މި މައްސަލަ ތަޙުޤީގުކުރަމުންނެވެ.

ފުލުހުންވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހު ނ.މަނަދޫގައިވެސް އޮޕަރޭޝަނެއް ހިންގާފައެވެ. ނ.މަނަދޫން ފުރައިގެން އެ އަތޮޅު މާޅެންދުއަށް ދަތުރުކުރި ލޯންޗަކުން ފުލުހުންވަނީ މަސްތުވާތަކެތިކަމަށް ޝައްކުވާ އެއްޗެއް ހޯދާފައެވެ. މި ލޯންޗު މަނަދޫން ފުރައިގެން މާޅެންދުއަށް ދަތުރުކުރަމުން ދަނިކޮށް އަނބުރާ މަނަދޫ ބަނދަރަށް ގެންގޮސް ބަލާ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުރެވޭ 26 ރަަބަރު ކޮތަޅުވަނީ ފެނިފައެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މަސްތުވާތަކެއްޗާއި ގުޅުންހުރި މި މައްސަލަތަށް ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.