އދގެ ސަލާމަތީ މަޖިލީހުން ދުނިޔޭގައި އެކި ޤަައުމުތަކުގައި ކުރަމުންދާ ހަނގުރާމަ ތައް ވަގުތީގޮތުން މެދުކަނޑާލާ ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުށަހަޅާފައިވާ ޤަރާރު ކުރިއަށްނުގެންދެވޭގޮތަށް އެމެރިކާއިން ހުރަސްއަޅައިފިއެވެ.
މާރިޗު މަހުން ފެށިގެން މަޝްވަރާކުރަމުންދާ އެއްބަސްވުމުގައި އދން ހުށަހަޅާފައިވާނީ ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހިނގަމުންދާ ހަނގުރާމަތައް ވަގުތީގޮތުން މެދުކަނޑާލާ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުތަކަށް ފުރުޞަތު ދިނުމަށެވެ. ނަމަވެސް ޤަރާރަށް ވޯޓުލުމުގެ ކުރިން އެމެރިކާއިންވަނީ އެކަމަށް ހުރަސްއަޅާފައެވެ. އެމެރިކާއިން ޤަރާރަށް ހުރަސްއެޅިކަމަށް ބެލެވެނީ އެއެއްބަސްވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިިއްޔާ ޑަބްލިއުއެޗުއޯއާބެހޭ ވާހަކަތަކެއް ނުސީދާ ގޮތަކަށް ފާހަގަކޮށްފައިވުމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްވަނީ ފާއިތުވި ދުވަސްތަކުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަން ޙައްލުކުރުމަށް އެޖަމްޢިއްޔާއިން އެދެވޭ މަސައްކަތްކޮށްފައިނުވާކަމަށާއި ފަރުވާކުޑަކޮށްފައިވާކަމުގެ ތުހުމަތު އޭނާވަނީ ކުރައްވާފައެވެ. ޓްރަންޕްވަނީ އެންމެ ފުރަތަމަ ފުރަތަމަ ފެތުރުނު ޗައިނާއިން ބައްޔާ ބެހޭގޮތުން ދީފައިވާ ސައްޙަނޫން މަޢުލޫމާތަށް އެޖަމިއްޔާއިން ހިތްވަރުދިންކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ. އަދި އެމެރިކާއިން އެޖަމްޢިއްޔާއަށް ދެމުންދިޔަ މާލީ އެހީތެރިކަންވެސްވަނީ ކަނޑާލައްވާއެވެ.
އެމެރިކާއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް އެންމެ ބޮޑު މާލީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ޤައުމެވެ. އެގޮތުން އަހަރެއްގެ މައްޗަށް 400 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު އެމެރިކާއިން އެޖަމްޢިއްޔާއަށް ދިނެވެ.