ޚަބަރު

ކޯވިޑް-19ގެ ފަރުވާއެއްކަމަށް ބުނެ ފަތްޕިލާވެލީގެ ބުއިމެއް މަޑަގަސްކަރައިން ވިއްކަން ފަށައިފި


ކޯވިޑް-19އަށް އޮތް ފަރުވާއެއްކަމަށް ބުނެ ފަތްޕިލާވެލި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބޭހެއް މަޑަގަސްކަރައިން ވިއްކަން ފަށައިފިއެވެ. މަޑަގަސްކަރައިން ބުނީ އެފްރިކާގެ ގިނަ ޤައުމުތަކަކުން އެބޭސް ގަތުމަށް އޯޑަރުދެމުންދާކަމަށެވެ.

މަޑަގަސްކަރާގެ ރައީސް އަންދްރޭ ރައޮލިނާވަނީ މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވަނީ އެޤައުމުގެ މަލަގަސީ އިންސްޓިޓިއުޓް އޮފް އެޕްލައިޑް ރިސާޗުން ތައްޔާރުކުރި ކޯވިޑް-19 އޯގަނިކްސް ނަމަކަށް ކިޔާ ބުއިމެއް ތަޢާރަފުކޮށްދީފައެވެ. ބަންދުކޮށްފައިހުރި ފުޅިއަކުން މާމުއި ކުލައިގައިހުރި ބުއިމެއް ހިއްޕަވަމުން ރައީސް އަންދްރޭ ވިދާޅުވީ އެބުއިން ބޭނުންކުރުމުގެ ސަބަބުން ކޯވިޑް-19 ޖެހިފައިވާ ދެމީހުން ބަލިން ރަނގަޅުވެފައިވާކަމަށެވެ. ނަމަވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ މަޑަގަސްކަރާއިން ތައްޔާރުކޮށްފައިވާ ބުއިމަކީ ކޯވިޑް-19ގެ ފަރުވާއެއްކަމަށް ޔަޤީންކުރެވިފައިނުވާކަމަށް ބުނެފައެވެ.

މަޑަގަސްކަރައިން ތައްޔާރުކުރި ބުއިން ހެދުމަށް ބޭނުންކުރަނީ އާޓެމީސިއާ އަނުއިއާ ނަމަކަށް ކިޔާ ގަހެކެވެ. ރައީސް އަންދްރޭ މަޑަގަސްކަރައިން ތައްޔާރުކޮށްފައިވާ ބުއިމުގެ ފައިދާތަކަށް ތަޢުރީފުކުރިނަމަވެސް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ބުނީ އެބުއިން އިތުރަށް ތަހުލީލުކުރަންޖެހޭ ކަމަށާއި އެބުއިން ބޭނުންކުރުމުގެ ސަބަބުން ދިމާވެދާނެ އެހެން މައްސަލަތައް ދިރާސާކުރަން ޖެހޭކަމަށެވެ. ޑަބްލިއުއެޗުއޯއިން ބުނީ އާޓެމީސިއާ ގަހުގައި ހުންނަ ބައެއް މާއްދާތަކަކީ މެލޭރިއާއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ދައްކާފައިވާ މާއްދާތަކެއްކަމުގައިވީނަމަވެސް އެގަހަކީ އޭގެ ޒާތުގައި މެލޭރިއާއަށް އޮތް ފަރުވާއެއް ނޫންކަމަށެވެ. ޑަބްލިއުއެޗުއޯގެ އެފްރިކާގެ އިސްވެރިޔާ މަޝިޑިސޯ މޯޓިވަނީ އެބޭސް ބޭނުންކުރާ މީހުންނަށް ކޯވިޑް-19 ނުޖެހޭކަމަށް ދެކި ރައްކާތެރި ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަކުރުން އެކަށީގެންވާކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޑަގަސްކަރައިންވަނީ ކޯވިޑް-19 އޯގަނިކްސްގެ އެތައްހާސް ފުޅިއެއް އެސަރަޙައްދުތަކުގެ ގިނަ ޤައުމުތަކަކަށް އަގަކާ ނުލާ ބަހާފައެވެ. ޓެންޒޭނިއާއާއި އިކުއިޓޯރިއަލް ގިނީއާއި ސެންޓަލް އެފްރިކަން ރިޕަބްލިކާއި ކޮންގޯއާއި ލައިބީރިއާއާއި ގިނީ ބިސާއުއަށް އެބޭހުގެ އެތައްހާސް ފުޅިއެއްވަނީ މަޑަކަސްރައިން ހިލޭ ފޯރުކޮށްދީފައެވެ. ނަމަވެސް މީގެ ފަހުން އެބުއިން ވިއްކާނީ ވިޔަފާރި އުސޫލުންކަމަށް މަޑަގަސްކަރާގެ ސަރުކާރުންވަނީ ބުނެފައެވެ. ފުޅިއެއްގެ އަގަކީ 40 އެމެރިކާ ސެންޓެވެ. މަޑަގަސްކަރައިގެ ސަރުކާރުން ބުނީ ބައެއް ޤައުމުތަކުގެ ސަރުކާރުން ބޭސް ހޯދަން ހުށަހަލާފައިވާކަމަށާއި އަމިއްލަ ބައެއް ފަރާތްތަކުންވެސް ބޭސް ގަންނަމުންދާކަމަށެވެ. އެފްރިކާގެ ބައެއް ޤައުމުތަކުގެ ސަރުކާރުތަކުންވެސްވަނީ ބޭސް ގަންނާނެކަމަށް އިޢުލާނުކޮށްފައެވެ.