ކާބޯތަކެތި ލިބުން ދަތިވެފައިވާ މިދަނޑިވަޅުގައި ބޭނުންޖެހިފައިވާ މީހުނަށް ކާބޯތަކެތި ފޯރުކޮށްދެވޭ ޕްރޮގްރާމްތަކެއް މާލޭގެ ބައެއް ކެފޭ ރެސްޓޯރެންޓުތަކުން ފަށައިފިއެވެ.
ކޯވިޑް ނަވާރައާއި ގުޅިގެން އެތައް ބަޔަކަށް ކާބޯތަކެތި ލިބުމުގައ އެތައް ދަތިތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެފަދަ ޙާލަތުގައި ތިބި މީހުނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޚާއްސަ ޕްރޮގްރާމެއް މާލޭގެ ކެއިންބުއިމުގެ ޚިދުމަތްދޭ ބައެއް ތަންތަނުން ވަނީ ފަށާފައެވެ. 'ސްޕޮންސަރ އަ މީލް'ގެ ނަމުގައި ބައެއް ރެސްޓޯރެންޓް ކެފޭތަކުން ފެށި މިމަސައްކަތް ކުރަމުން އަންނަނީ 'ދަ އަވައްޓެރިން އިނީޝިއޭޓިވް' އާއި މޯލްޑިވިއަން ރެޑް ކްރެސެންޓްސް ކެއަރ ގުޅިގެންނެވެ.
އެގޮތުން މިހާތަނަށް މި ގޮތަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އަވައްޓެރިންނާއި ގުޅިގެން މަސައްކަތްކުރަމުން އަންނަނީ މަމަކް ރެސްޓޯރެންޓާއި އަލްފްރެޑޯ އާއި ޕިކްލްސް ރެސްޓޯރެންޓުންނެވެ. އެގޮތުން 45 ރުފިޔާއާއި 50 ރުފިޔާ ޚަރަދުކޮށްގެން ކޮންމެވެސް ބޭނުންޖެހިފައިވާ މީހަކަށް އެއްވަގުތުގެ ކެއުން ފޯރުކޮށްދިނުމުގެ ފުރުސަތު އެންމެނަށް ވަނީ ހުޅުވާލާފައެވެ. މީގެތެރޭގައި މިރަމަޟާންމަހުގެ ރޯދަ ވީއްލުމާއި ހާރުކާގަޑިއަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް މިފަރާތްތަކުން އަންނަނީ ކުރަމުންނެވެ. މިއެހީގައި ބައިވެރިވިމުގެ ފުރުސަތު މިރެސްޓޯރެންޓުތަކާއި ގުޅިގެން ކޮންމެ ފަރާތަކަށްވެސް މިހާރުވަނީ ހުޅުވާލާފައެވެ.
ކޯވިޑް ނަވާރައާއި ގުޅިގެން ވަޒީފާ އެއްބައެއްގެ ގެއްލިފައިވާއިރު ބައެއް ފަރަތްތަކުގެ މުސާރަ ކުޑަވުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށްވަނީ ފަތިވެފައެވެ. މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބިދޭސީންގެ ތެރެއިން ލިޔެކިޔުން ނެތި މަސައްކަތްކުރާ ފަރާތްތަކަށްވެސް މިވަގުތުވަނީ ގޮތް ހުސްވެފައެވެ.
މިދަނޑިވަޅުގައި އެފަރާތްތަކަށް އެހީވުމަށް އެކި ފަރާތްތަކުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން އެކި ބެނުންތަކުގައި މާލެއަށް އައިސްއުޅެނިކޮށް ލޮކްޑައުން ކުރުމާއި ގުޅިގެން ހާލުގައި ޖެހުނު މީހުނަށް އެހީތެރިކަން ސިޓީ ކައުންސިލުން ފޯރުކޮށްދެމުން އަންނައިރު މިދަނޑިވަޅުގައި ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނުކުންނަންޖެހުނު ބައެއް ޢާއިލާތަކަށްވެސް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެކި މީހުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދިވެހިންގެ ހިތްހެޔޮކަމުގެ ވާހަކަ އަކީ ަބަދުވެސް ދަތި ޙާލަތްތަކުގައި ދެކެވޭ ވާހަކައެވެ. އެގޮތުން މިދުވަސްވަރު އެތައްބައެއްގެ އަތްމަތި ދަތިކޮށް އުޅޭއިރުވެސް ކާބޯތަކެތި އަވައްޓެރި ގޭގެއަށް ދިނުމުގެ އާދަ ދިވެހިންގެތެރެއިން ކެނޑިގެން ނުދާކަން ސޯޝަލް މީޑިއާގައި މީހުން ހާމަކުރާ މިފަދަ ދީލަތީ އެހީތަކުގެ ވާހަކައިން އެނގިގެންދެއެވެ.