މުނިފޫހިފިލުވުން

އިމްތިއާޒަކީ ޑައިރެކްޓަރެއްނޫން، އެއީ ޖާދޫގަރެއް: ކާރްތިކް


އިމްތިއާޒް ޢަލީއަކީ ފިލްމް ޑައިރެކްޓަރެއްނޫން ކަމަށާއި، އޭނާއަކީ ޖާދޫގަރެއްކަމަށް ކުރިއަރަމުން އަންނަ ބޮލީވުޑްގެ ޒުވާންތަރި ކާރްތިކް އާރިޔާން ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ކާރްތިކް، އެންމެފަހުން ފެނިގެންގޮަސްފައި ވަނީ ކާމިޔާބު އެތައް ފިލްމްތަކެއް ހިންދީ ސިނަމާތަކަށް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރ އިމްތިއާޒް ޢަލީގެ "ލަވް އާޖް ކަލް" އިންނެވެ. މިއީ ހަމަ އެނަމުގައި އިމްތިއާޒް 2009 ވަނަ އަހަރު ޑައިރެކްޓްކުރި ފިލްމުގެ ރީމޭކެކެވެ. ޒަމާނީ ރަހަތަކަކާއެކީ އުފައްދާފައިވާ މި ފިލްމް ރިލީޒްކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 14 ވަނަ ދުވަހުއެވެ.

މި ފިލްމުގައި ކާރްތިކްއާއިއެކު ބަތަލާއެއްގެ ރޯލުން ފެނިގެންގޮސްފައި ވަނީ ކުރީގެ ފިލްމުގައި ބަތަލެއްގެ ރޯލުން ފެނިގެންދިޔަ ސައިފް ޢަލީ ޚާންގެ ދޮށީދަރިފުޅު ސާރާ ޢަލީ ޚާނެވެ. ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިންޑިއާއިންވެސް ވަރުގަދަކުރުމާއިއެކު މި ފިލްމަށް ބޮކްސް އޮފީހުގައި ހީކުރިވަރުގެ ބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް، ފިލްމުގައި ކާރްތިކް އަދި ސާރާގެ ފަރާތުން ފެނިގެންދިޔަ ކެމިސްޓްރީ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

ފިލްމް ރިލީޒްކުރިތާ ދުވަސްތަކަކަަށްފަހު، ކާރްތިކް މި ވަނީ "ލާވް އާޖް ކަލް"އާމެދު އޭނާގެ ހިތުގައި އުފެއްދިފައިވާ ޝުޢޫރުތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލާފައެވެ. ޓުވިޓަރ މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓެއްގައި ކާރްތިކްވަނީ ފިލްމުގެ ޑައިރެކްޓަރަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ.

އިމްތިއާޒްގެ ފިލްމެއްގައި މަސައްކަތް ކޮށްލުމަކީ ލިބުނު ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަކޮށް ކާރްތިކް ބުނެފައިވަނީ ފިލްމުގެ ވާހަކަ އިމްތިއާޒް ކިޔައިދޭން ފަށާ ހިސާބުންވެސް ހުވަފެނީ ދުނިޔެއަކަށް މީހާ ގެންދާކަމަށެވެ. އަދި ސެޓުގައި ހަރަކާތްތެރިވާއިރު، ކެމެރާއެއް ހުންނަކަންވެސް އިޙްސާސްނުވާކަމަށާއި، މޮނިޓަރ ސްކްރީނުން ބަލަން އިނުމުގެ ބަދަލުގައި، ކޮންމެ ޝޮޓެއް ކަޓްކޮށް ނިމުމާއެކު އިމްތިއާޒް ކައިރީގައި ހުންނަކަމަށެވެ.

"ލަވް އާޖް ކަލްގައި ދެއްކުނު ޕަރފޯމަންސާއެކު ލިބިގެންދިޔަ ލޯތްބާއި ތަޢުރީފުގެ ބަސްތަކަކީ މިއިން ދުވަހަކު އަހަންނަށް ތަޖުރިބާކުރެވުނު ކަމެއްނޫން. އެވެސް އަހަރެން އެންމެ ގަޔާވާ ފިލްމް އުފެއްދުންތެރިންނާއި، އިންޑަސްޓްރީގައި އަހަރެން އެންމެ އިޙްތިރާމްކުރާ މީހުންގެ ފަރާތުން" ކާރްތިކް ބުނެފައިވެއެވެ.

ތަފާތު 2 ޖީލެއްގައި އުޅުނު 2 ލޯބިވެރިންގެ ވާހަކަތަކެއް ގެނެސްދޭ މި ފިލްމުގައި ކާރްތިކް ތަފާތު ދެ ރޯލަކުން ފެނިގެންދެއެވެ.

އެއް ފިލްމެއްގައި ދެ ކެރެކްޓަރއެއް ދައްކުވައިދިނުމަކީ ޖެހިލުންވާކަމެއްނަމަވެސް، މި ފިލްމުގައި "ވީރް"ގެ ރޯލުން "ރައްގޫ"ގެ ރޯލަށް ބަދަލުވާން އެހާ އުނދަގޫނުވިކަމަށްވެސް ކާރްތިކް ބުނެފައިވެއެވެ. އަދި ކާމިޔާބު އެތައް އެކްޓަރުންނެއްގެ އެންމެ މޮޅު ހުށަހެޅުމެއް އިމްތިއާޒް ޢަލީގެ ފިލްމްތަކުގައި ގެނެސްދެވިފައިވަނީ ސަބަބުތަކެއް ނެތިގެން ނޫންކަމަށްވެސް ކާރްތިކް ބުނެފައިވެއެވެ.

"އިމްތިއާޒްއަކީ ޑައިރެކްޓަރެއްނޫން. އެއީ ޖާދޫގަރެއް. އަހަރެންގެ ކެރިއަރގައި މިހާތަނަށް ދެއްކުނު އެންމެ ފުރިހަމަ އެކްޓިން ދައްކާލުމުގެ ފުރުޞަތުދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ" ކާރްތިކް އޭނާގެ ޕޯސްޓް ނިންމާލަމުން ބުނެފައިވެއެވެ.

ކެރިއަރގެ ކުރީކޮޅުގައި ކާމިޔާބު ފިލްމްތަކެއް ގެނެސްދެވިފައިނުވި ނަމަވެސް ކާރްތިކް އާރިޔާނަކީ މިހާރު ބޮލީވުޑްގެ އެންމެ ނަން ހިނގާ އެއް އެކްޓަރެވެ. އޭނާ މިހާތަނަށް ގިނައިން ފެނިފައިވަނީ ހެއްވާ މަޖާ ރޯލުތަކާއި، ލޯބީގެ ރޯލުތަކުންނެވެ. ކާރްތިކްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2" އަދި "ލުއްކާ ޗުޕީ 2" ހިމެނެއެވެ.