ޚަބަރު

ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަންތައް މި ހަފްތާ އާއްމުކުރާނަން


ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކުން ރޭވި ބައެއް ހަރަކާތްތަކާއި ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތަކެއް ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ހަރުކަށި ފިކުރު ގެންގުޅޭ ބައެއް ފަރާތްތަކުން ރައްޔިތުންނަށް ނުރައްކާވާ އަދި ދައުލަތައް ގެއްލުންވާފަދަ ބައެއް ކަންކަން ރާވާފައިވާކަމަށެވެ. އަދި އެ ފަދަ ހަރަކާތްތަކާއި ދެކޮޅަށް ބޮޑެތި އޮޕރޭޝަންތަކެއް ހިންގާ އެކަންކަމުގައި ކާމިޔާބީ ލިބިފައިވާކަމަށްވެސް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ މި އޮޕަރޭޝަންތަކުގެ ތަފްސީލު މިހަފްތާގެ މެދުތެރޭ އާއްމުކުރައްވާނެކަމަށެވެ.

" ހަރުކަށި ފިކުރު ގެންގުޅޭ ބައެއް ފަރާތްތަކުން ރައްޔިތުންނަށް ނުރައްކާވަފަދަ ދައުލަތަށް ގެއްލުންވާފަދަ ބޮޑެތި ނުރައްކާތެރި ހަރަކާތް ރާވާ ބައެއް ކަހަލަ ގޮންޖެހުންތައް ކުރިމަތިކުރަން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވޭ. އެހެންމަވެސް އަޅުގަނޑު ހިތުން އެކަންކަމަށް އިތުރަށް ސަމާލުވެ މިދިޔަ ހަފްތާގައިވެސް އެކަށީގެންވާ ފެންވަރުގެ ބޮޑެތި އޮޕރޭޝަންތައް ހިންގިފައިވޭ. އަދި ރަނގަޅު ކާމިޔާބީތަކެއްވެސް ވަނީ ލިބިފައި . މި ފަހްތާގެ މެދެއްހާ ހިސާބު ބައެއް އޮޕަރޭޝަންތަކުގެ މައުލޫމާތު ހާމަކުރާނަން." ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ހަރުކަށި ފިކުރަށް ތާއިދުކުރާ 8 މީހަކު މޮނީޓަރ ކުރުމަށް މޮނިކޮން އަމުރު ހައިކޯޓުން ނެރެދީފައިވާކަމަށެވެ. މިގޮތުން މި މީހުންނަކީ ފުލުހުން ހިންގި އޮޕަރޭޝަންތަކުން ފާހަގަކުރެވުނު ބައެއްކަމަށާއި މި މީހުން ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް ޓެރަރިޒަމް ގާނޫނުގެ ދަށުން އަމުރަށް އެދުނީ ހޯމް މިނިސްޓްރީންކަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ މި ހާލަތުގައި މާފުށީ ޖަލުގައިވެސް ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާކަމަށާއި އެކަންވެސް ފުލުހުން ކޮންޓްރޯލްކޮށް އާއްމު ހާލަތަށް ގެންނަން ޖެހުނުކަމަށެވެ.

"މި ނާޒުކު ހާލަތުގެ ނާޖައިޒު ފާއިދާ ނެގުމަށް އެކި ފަރާތްތަކުން ތަފާތު ވިސްނުން ގެންގުޅެމުންދޭ. އެގޮތުން ޖަލުގެ ތެރޭގައި ނުރައްކާތެރި ބައެއް ހާދިސާތައް ހިންގުމަށް އެކި ފަހަރު މަތިން ރޭވިގެން ކަންތައްތަކެއްކޮށްފި ކަން އެނގިގެން ހިގައްޖެ. އެހެންމަވެސް ޖަލުގެ ތެރޭގައި ހިނގާދިޔަ ކަންތައްވެސް މަދުވަގުތުކެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ހަމައަކަށް އަޅުވާ ޖަލުގެ ހާލަތު މިވަނީ އާއްމު ހާލަތައް ބަދަލުކޮށްފައި. " މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޖަލުގެ ތެރޭގައި ގައިދީންނަށް ކޯވިޑްގެ އަސަރު ފެތުރިގެން ނުދިޔުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ އަދި ޖަލުގެ ހާލަތު އިތުރަށް ބެލުމަށް 15 ގައިދީން ހިމެނޭގޮތަށް 38 ފަރާތެއް ރެންޑަމްކޮށް ޓެސްކޮށްފައިވާކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.