ޚަބަރު

އިމާރާތްކުރުމުގެ މަސައްކަތްތައް އަލުން ފެށުމަށް ހުއްދަ ދޫކުރަން ފަށައިފި


ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާލޭ ސިޓީގެ އިމާރާތްކުރުމުގެ މަސައްކަތްތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން މަސައްކަތް ފެށުމަށް ހުއްދަ ދޫކުރަން ފަށައިފިއެވެ.

މަސައްކަތް އަލުން ފަށާފައިވަނީ އެޗްޕީއޭއި އަންގާފައިވާ އުސޫލަށް، ވަކި މިންގަނޑެއްގެ ތެރެއިންނެވެ.

މި އުސޫލުގެ ދަށުން 11 ކޮންސްޓްރަކްޝަން ސައިޓްގައި މަސައްކަތް ފެށުމާއި، އަދި މަގު ބަންދުކޮށްގެން މަސައްކަތްކުރުމުގެ ހުއްދަ 4 ފަރާތަކަށް ދީފައިވާކަމަށް ސިޓީ ކައުންސިލުންވަނީ ވިދާޅުވެފައެވެ. މި އުސޫލުގެދަށުން މަސައްކަތް އަލުން ފެށުމުގެ ހުއްދަ ދިނުމުގައި އިސްކަންދީފައިވަނީ މަސައްކަތް ހުއްޓާލުމުގެ ސަބަބުން އެތެނަކަށް އިތުރު ގެއްލުންތައް ލިބިދާނެކަމަށް ފެންނަ ތަންތަނާއި، އަދި މަސައްކަތް ހުއްޓާލާފައި ބެހެއްޓުމުގެ ސަބަބުން ކައިރި ގޭގެއަށް ގެއްލުން ލިބޭގޮތަށް ހުރި ތަންތަން ބަލައިގެންނެވެ.

ހުއްދަ ދިނުމުގައި އެޗްޕީއޭއިން ކަނޑައެޅި މިންގަނޑުތައް:

1- މަސައްކަތަށް ނެރޭ މީހުންނަކީ އެކަހެރިކޮށްގެން ބެލެހެއްޓޭނެ އަަދަކަށްވުން.

2- ކޯވިޑްގެ ޢަލާމާތެއް ހުރި މީހަކު މަސައްކަތަށް ނުނެރުން.

3- ކޯވިޑް ޖެހިފައިވާ މީހެއް ނުވަތަ އެފަދަ މީހެއްގެ ކޮންޓެކްޓަކަށް ނުވުން. ނޫނީ މިފަދަ މީހެއްނަމަ 14ދުވަހުގެ އައިސޮލޭޝަން ފުރިހަމަކޮށްފައިވުން.

4- މަސައްކަތު ގަޑީގައާއި އަދި އެހެން ގަޑިތަކުގައިވެސް، އެމީހުން ދިރިއުޅޭ ތަނާއި މަސައްކަތް ކުރާ ސައިޓްނޫން އެހެން ތަންތަނަށް ނުދިއުން.

މަސައްކަތުގެ މާހައުލުގަ ސަމާލްކަންދޭންވީ ކަންކަން:

1- މަސައްކަތުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން.

2- ހެވީ ޑިއުޓީ މާސްކާއި އަންގި ބޭނުންކުރުން.

3- މުވައްޒަފުން ސައިޓަށް ނެރޭއިތު ކުންފުނީގެ ޔުނީފޯމްގައި ނެރުން.

4- މަސައްކަތަށް ނެރުމުގެ ކުރިން ކޮންމެ ދުވަހަކު މުވައްޒަފުންގެ ހުން ބެލުމާއި، ރެކޯޑް ބެލެހެއްޓުން.

5- މަސައްކަތު ސައިޓްނޫން އެހެން ތަންތަނަށް ނުގެންދިިއުން.

މި ޢުސޫލާއި ޚިލާފުވާނަމަ ފިޔަވަޅު އަޅައި، މަސައްކަތް ފެށުމަށް ދޫކުރި ހުއްދަ ބާތިލްކުރާނެކަމަށް ސިޓީ ކައުންސިލުންވަނީ ވިދާޅުވެފައެވެ.

މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައިވެސް ކޮންސްޓްރަކްޝަން މަސައްކަތްތައް އަލުން ފެށުމުގެ ހުއްދަ ވަނީ ދޭން ފަށާފައެވެ. މިގޮތަށް މަސައްކަތް އަލުން ފެށުމަށް ބޭނުންވާ މީހުން ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގައި އެކަމަށް އެދެމުން ދިއުމަށްވަނީ އަންގާފައެވެ.