ޚަބަރު

އިންޑިޔާގެ ކާރުޚާނާއެއްގައި ގޭސް ލީކުވެ 9 މީހުން މަރުވެއްޖެ


އިންޑިޔާގެ އަންދްރަ ޕްރަދޭޝްގައި ހުންނަ އެލްޖީ ޕޮލިމާސް ކާރުޚާނާއިން ގޭސް ލީކުވެ، ނުވަ މީހުން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހާދިޘާގެ ސަބަބުން މަދުވެގެން 9 މީހުން މަރުވެފައިވާކަމަށާއި، 400އާ ގާތްކުރާ އަދަދަކަށް މީހުން ހަސްފަތާލަށް ގެންގޮސްފައިވާކަމަށެވެ. އަދި 1500 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާކަމަށް އެއިދާރާއިން ބުނެއެވެ. ރަސްމީ އިދާރާތަކުންވަނީ ކާރުޚާނާ ވަށައިގެން 3 ކިލޯމީޓަރު ދުރަށް ގޭހުގެ އަސަރުފޯރާނެކަމަށް ބުނެފައެވެ.

ކާރުޚާނާގެ ވެރިފަރާތުން ބުނީ ލީކު މިހާރު ކޮންޓްރޯލްކުރެވިފައިވާކަމަށެވެ. އެކުންުފުނިން ނެރުނު ބަޔާނެއްގައި ބުނީ ހާދިޘާގެ ސަބަބުން ލިބުނު ގެއްލުުމާއި މީހުން މަރުވި ސަބަބާއި އިތުރު ތަފްޞީލްތައް ތަހުޤީޤުކުރަމުންދާ ކަމަށެވެ.

ވިސަޚަޕަޓަމް ސިޓީ ކޯޕޮރޭޝަންގެ ކޮމިޝަނަރު ސްރިޖަނާ ގުމްމަލަ ވިދާޅުވީ އެކާރުޚާނާއިން ލީކުވެފައިވަނީ ސްޓައިރީން ކިޔާ މާއްދާއެއް ކަމަށާއި، އެ ހާދިޘާ ހިނގާފައިވަނީ ދަންވަރުގެ ވަގުތެއްގައިކަމަށެވެ. އެހާދިޘާ ހިނގި ވަގުތު ކާރުޚާނާ ކައިރީގައިވާ އަވަށްތަކުގެ މީހުން ތިބީ ނިދާފައެވެ. ގުމްމަލަ ވިދާޅުވީ ކޯވިޑް-19 ފެތުރޭތީ އިންޑިޔާގައި މާރިޗު މަހުގެ 25 ވަނަ ދުވަހު ފުރަބަންދުކުރުމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައިހުރި އެކާރުޚާނާ އަލުން ހުޅުވާފައިވަނީ ފާއިތުވީ މަދު ދުވަސްކޮޅުގެ ތެރޭގައިކަމަށެވެ.

އެހާދިޘާއާ ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވަނީ ޓްވީޓެއްކުރައްވާ ވިސަޚަޕަޓަމްގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ