ޚަބަރު

ސަރުކާރާއި ހަވާލުކުރިނަމަވެސް ހިންގުމުގެ ޚަރަދާއި މުވައްޒަފުންގެ މުސާރަ ދޭނީ ޓްރީޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑުން: ޓްރީޓޮޕް


ކޯވިޑް-19އަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރުމަށް ސަރުކާރާއި ހަވާލުކޮށްފައި ވީނަމަވެސް މުވައްޒަފުންނަށް މުސާރަ އާއި އެލަވަންސްތައް ދިނުމާއި ހޮސްޕިޓަލް ހިންގުމުގެ ޚަރަދުތައް ކުރަމުން ދާނީ، ޓްރީޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑުންކަމުގައި އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ޚަރަދުގެ ގޮތުގައި މަހެއްގެ މައްޗަށް 20 މިލިޔަން ރުފިޔާ ޚަރަދުވާއިރު، އެޚަރަދުތައް ކުރާނީ ޓްރީޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑުންނެވެ.

2018 ވަނަ އަހަރުގެ މާރިޗު މަހު ހުޅުގައި ޚިދުމަތްދޭން ފެށި، ޓްރީޓޮޕް ހޮސްޕިޓަލަކީ، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި، ޗާންޕާ ބްރަދާސް ޕްރައިވެޓް ލިމިޓެޑް އާއި، ކުރެއްދޫ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އާއި، އަދި ކާސާ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އޮންނަ ޓްރީޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ ދިވެހިރާއްޖޭގައި ހުރި އެންމެ މަތީފެންވަރުގައި ސިއްޙީ ޚިދުމަތް ފޯރުކޮށް ދެމުން އަންނަ ހޮސްޕިޓަލެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޯވިޑް-19) ޕެންޑެމިކްގެ ކޭސްތައް ދިވެހި ރާއްޖޭއިން ފެނި ހަލުވިކަމާއިއެކު މުޖުތަމައުގައި ފެތުރެމުން ދިޔުމާއި އެކު ކޯވިޑް-19އަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި އެހޮސްޕިޓަލް ބޭނުން ކުރުމަށް ސަރުކާރަށް ދޫކޮށްލެއްވުމަށް ނިންމުމުގެ ވިސްނުންފުޅު ރައީސުލްޖުމުހޫރިއްޔާ އާއި އެންމެ ފުރަތަމަ ހިއްސާ ކުރެއްވީ، އެކުންފުނީގެ އެއް ހިއްސާދާރު ކަމުގައިވާ ޗަމްޕާ ހުސައިން އަފީފް ރައީސުމްޖުމުހޫރިއްޔާ އާއި ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާ ތަކުގައި ކަމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ކޮންސަލްޓަންޓް މަހުޖޫބު ޝުޖާއު ވިދާޅުވިއެވެ.

މަހުޖޫބު ވިދާޅުވީ، އެހުށައެޅުމާއި އެގޮތަށް މިހާރުވަނީ ކޯވިޑް-19އަށް ފަރުވާ ދިނުމަށް ޚާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި 3 މަސް ދުވަހަށް އެހޮސްޕިޓަލް ސަރުކާރަށް ހަވާލުކުރެވި ބަލި މީހުންނަށް ފަރުވާދޭން ފެށިފައި ކަމަށެވެ.

"ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް ބަލީގެ ހާއްސަތަނެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް، ފުރަތަމަ ހުށައެޅުއްވީ އެކުންފުނީގެ އެއް ހިއްސާދާރުކަމުގައިވާ، ހުސައިން އަފީފް ރައީސުލްޖުމުހޫރިއްޔާއަށް ގުޅުއްވައި، ދެއްކެވި ވާހަކަފުޅުތަކެއްގެ ތެރެއިން. އެ ހުށައެޅުއްވުމަކީ ބޭސިކަލީ، ޓްރީޓޮޕް 3 މަސް ދުވަހަށް، ސަރުކާރުން ބޭނުން ވެއްޖިއްޔާ، ކޯވިޑްގެ ބަލިތަކަށް ފަރުވާދޭ ތަނެއްގެ ގޮތަށް." މަހުޖޫބު ޝުޖާއު ވިދާޅުވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، ޤައުމަށް ދިމާވެފައި މިވާ ޞިއްޙީ ކާރިސާގެ ވަގުތުގައި، ޓްރީ ޓޮޕް ހެލްތްގެ ޑިރެކްޓަރުން ނިންމަވާފައިވަނީ ހީނަރުވެފައިވާ ވިޔަފާރި އިޔާދަކުރުން އިސްކުރުމުގެ ބަދަލުގައި ޤައުމީ ވާޖިބު އިސްކުރުމަށް ކަމަށެވެ.

މިގޮތުން ޓްރީ ޓޮޕް ހެލްތްގެ ޑިރެކްޓަރުން ނިންމާފައިވަނީ ސަރުކާރުގެ އެދިލެއްވުމުގެ މަތީން ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިމާރާތާއި އަދި ޞިއްޙީ ފަރުވާދޭ މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުން ބޭނުންކޮށްގެން ކޯވިޑް-19 އަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރުމަށް 3 މަސް ދުވަހަށް ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުމަށެވެ. މި 3 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި، ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމުގެ މައިގަނޑު ޙަރަދުތައް ކުރާނީ ޓްރީ ޓޮޕް ހެލްތްގެ ހިއްސާދާރުން ކަމަށާއި މިގޮތުން ކޮންމެ މަހެއްގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކާއި އެހެން އިނާޔަތްތަކާއި، ހޮސްޕިޓަލްގެ ބައެއް އެހެން ޙަރަދުގެ ގޮތުގައި 20 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ޓްރީޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ކޮންސަލްޓަންޓް މަހުޖޫބު ޝުޖާއު ވިދާޅުވީ، ހޮސްޕިޓަލް ހިންގުމުގެ ޚަރަދާއި މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތައް ދޭނީ ޓްރީޓޮޕްއިންކަމަށް ވާއިރު، ސަރުކާރުން ޚަރަދު ކުރާނީ، ޔުޓީލިޓީސް އަށާއި، ބޭހާއި ބޭސްފަރުވާ ދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމަށެވެ.

" އޮޕަރެރޭޝަނަލް އެއްޗެއްގެ ގޮތުގައި ހެދުމަށް އެކުންފުނީގެ ހިއްސާދާރެއް ކަމުގައިވާ އަހުމަދު ނަޒީރާއި، ވާހަކަދައްކައި ނިންމުނު ގޮތަކީ، އެ 3 މަސްދުވަހުގެ މުއްދަތުގައި ހޮސްޕިޓަލާއި ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންނާއި، އެހެނިހެން ސްޓާފުންގެ މުސާރަތަކަކީ އެބޭފުޅުން ކުރައްވާނެ ޚަރަދެއްގެ ގޮތުގައި އަދި، އެތަނުގައި ހުރި އިކުއިޕްމެންޓްސްތަކާއި، މެއިންޓަނަންސް ޚަރަދުތަކަކީވެސް އެބޭފުޅުން ކުރައްވާނެ ޚަރަދުގެ ގޮތުގައި. ދެން ސަރު ކާރުގެ ފަރާތުން މި މުއްދަތުގެ ތެރޭގައި. ފެނާއި ކަރަންޓްގެ ޚަރަދުތައް ކުރައްވާގޮތަށް.ދެން މިމުއްދަތުގެ ތެރޭގަިއ ބޭނުންވާ ކޮންސިއުމަބަލްސް އާއި މެޑިސިންގ ދެން އިތުރަށް ބޭނުންވާ މުވައްޒަފުން ސަރުކާރުން ކުރައްވާނެ ކަމެއްގެ ގޮތަށް." މަހުޖޫބު ވިދާޅުވިއެވެ.

މަހުޖޫބު ވިދާޅުވީ، ޓްރީޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑުން 3 މަސްދުވަހަށް ޓްރީޓޮޕް ސަރުކާރަށް ދެއްވައި ދެއްވަމުން އެގެންދަވާ އެހީ އާއި ކުރައްވާ ޚަރަދަކީ ވަަރަށް ބޮޑުއެއްޗެއް ކަމަށާއި އެކަމަށްޓަކައި ސަރުކާރުން އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައި ޢާންމު ފަރާތްތަކަށް ހޮސްޕިޓަލް ބަންދުކުރެވި، ހަމައެކަނި ކޯވިޑް-19 އަށް ފަރުވާ ދިނުމަށް އެހޮސްޕިޓަލް ސަރުކާރަށް ދޫކޮށްފައި ވަނީ 30 އޭޕްރީލް 2020ން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިވެހި ސަރުކާރު އަދި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެން.އީ.އޯ.ސީ) އާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާއި، އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަދި ކަމާއި ބެހޭ ހުރިހާ އިދާރާތަކާއި ގުޅިގެން ކޯވިޑް-19 އަށް ފަރުވާ ހޯއްދަވާ ބޭފުޅުންނަށް އެންމެ އެކަށީގެންވާ ޙިދުމަތްތައް ހޮސްޕިޓަލް މެދުވެރިކޮށް ފޯރުކޮށްދިމުނަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޤައުމަށް ދިމާވެފައިވާ ޞިއްޙީ ކާރިސާގެ ވަގުތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ޤައުމަށް ހިދުމަތްކުރުމަކީ ލިބޭ ފަހުރެއްގެ ގޮތުގައި ޓްރީ ޓޮޕް ހެލްތްގެ ބޯޑް އޮފް ޑިރެކްޓަރސް ދެކޭ ކަމުގައިވެސް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.