މުނިފޫހިފިލުވުން

ނާސާގެ ޖައްވީ ސްޓޭޝަންގައި ފުރަތަމަ ފަހަރަށް ފިލްމެއް ކުޅުމުގެ ފުރުޞަތު ޓޮމް ކްރޫޒަށް


ނާސާގެ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން، އައި.އެސް.އެސްގައި ފިލްމެއް ކުޅުމުގެ ފުރުޞަތު ހޮލީވުޑްގެ ތަރި ޓޮމް ކްރޫޒްއަަށް ލިބިއްޖެއެވެ.

ޖައްވުގައި ހިނގާފައިވާ އެކިކަހަލަ ޙާދިސާތަކާއި، ޚިޔާލީ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ސައިންސް ފިކްޝަން ފިލްމްތަކާއި އެކްޝަން ފިލްމްތައް ހޮލީވުޑްގައި ދޭތެރެއަކުން ހަދާތަން ފެނެއެވެ. ނަމަވެސް ސީދާ ނާސާގެ ޖައްވީ ސްޓޭޝަނުގައި ފިލްމެއް ކުޅުމުގެ ފުރުޞަތު މިހާތަނަށް އެއްވެސް ތަރިއަކަށް ލިބިފައެއްނުވެއެވެ.

ފުރަތަމަ ފަހަރަށް ދުނިޔެއިން ބޭރުގައި ފިލްމެއް ޝޫޓްކުރުމުގެ ޝަރަފު ޓޮމް ކްރޫޒަށް ލިބިފައިވާއިރު، މި މަސައްކަތް ކުރާނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއާއި، ނާސާއާއި ގުޅިގެން އައި.އެސް.އެސްއަށް އެމެރިކާގެ 2 އެސްޓްރޮނޯޓް މިމަހުގެ ފަހުކޮޅު ފޮނުވުމަށް ތައްޔާރުވަމުންދާ ސްޕޭސް އެކްސްއާއި ގުޅިގެންނެވެ. ސްޕޭސް އެކްސްއަކީ ސްޕޭސް ކްރާފްޓާއި، އެޑްވާންސްޑް ރޮކެޓް އުފެއްދުމުގައި ހަރަކާތްތެރިވާ އެމެރިކާގެ ކުންފުންޏެކެވެ.

ނާސާގެ ޖައްވީ ސްޓޭޝަންގައި ޓޮމް ކްރޫޒް ކުޅުމަށް ހަމަޖެހިފައިވަނީ އެކްޝަން ފިލްމެއްކަމަށް ހޮލީވުޑްގެ ޚަބަރުތައް ގެެނެސްދޭ ބައެއް ވެބްސައިޓްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ފިލްމާގުޅޭ މާބޮޑު ތަފްޞީލެއް ނާސާއަކުންވެސް އަދި ޓޮމް ކްރޫޒްގެ ފަރާތަކުންވެސް އަދި ރަސްމީ ސިފައެއްގައި ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް މި ފިލްމް ހަޤީޤަތަކަށް ހަދަން ބޭނުންވާކަން ނާސާއިން ވަނީ ހާމަކޮށްފައެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރ ޖިމް ބްރައިޑެންސްޓައިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ޓޮމް ކްރޫޒްއާއެކު މިފަދަ ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މި އުއްމީދީ ޕްރޮޖެކްޓް ކާމިޔާބުކުރުމަށް ފަހުގެ ޖީލުގެ ސައިންޓިސްޓުންނާއި، އިންޖިނިއަރުންގެ އެހީތެރިކަން އެ އިދާރާއަށް ބޭނުންވާކަމަށްވެސް ޖިމް ބުނެފައިވެއެވެ.

ޖިމްގެ މި ޓުވީޓެއް ރައްދުދެމުން ސްޕޭސް އެކްސްގެ ބާނީ އަދި ސީ.އީ.އޯ އީލޮން މަސްކްވެސް ވަނީ މިއީ ވަރަށް ޝަޢުގުވެރި ޕްރޮޖެކްޓަކަށް ވެގެންދާނެކަމަށް ބުނެފައެވެ. ޓޮމް ކްރޫޒް ވަނީ 2013 ވަނަ އަހަރު ރިލީޒްކުރި "އޮބްލިވިއަން" ގައި އެސްޓްރޮނޯޓެއްގެ ރޯލުން ފެނިގެންގޮސްފައެވެ. އަދި ނާސާގެ ޖައްވީ ސްޓޭޝަނާއި ބެހޭގޮތުން 2002 ވަނަ އަހަރު އުފެއްދި ޑޮކިއުމެންޓްރީއަކަަށްވެސް އޭނާ އަޑު އަޅައިދީފައިވެއެވެ.

ކޮންމެއަކަސް ޓޮމް ކްރޫޒްއާއެކު ނާސާއިން ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮޖެކްޓާއި ގުޅޭ އިތުރު ޚަބަރުތަކެއް ލިބިގެންދާނެ ދުވަހަކަށް އޭނާގެ ސަޕޯޓަރުން ދަނީ އިންތިޒާރުކުރަމުންނެވެ.

ކާމިޔާބު އެތައް ފިލްމްތަކެއް ގެނެސްދީފައިވާ އެމެރިކާގެ ތަރި ޓޮމް ކްރޫޒް ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވަނީ އެކްޝަން ފިލްމްތަކުންނެވެ. ނުރައްކާތެރި ސްޓަންޓްތައްވެސް އެއްވެސް ޖެހިލުމެއްނެތި ހަދާ ތަރިއެއްގެ ގޮތުގައެވެ.

ޓޮމް ކްރޫޒްގެ ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަަށް ސިނަމާތަކަށް އަންނާނީ "ޓޮޕް ގަން : މެވެރިކް" އެވެ. މިއީ 1986 ގައި އޭނާ ކުޅުނު އެކްޝަން ޑްރާމާ ފިލްމް "ޓޮޕް ގަން" ގެ ސީކުއަލްއެކެވެ.