ޚަބަރު

ހުރިހާ ރަށެއްގައިވެސް ރައްކާތެރިކަމަށް ބޭނުންވާ ސާމާނު ހުންނާނެ


ކޯވިޑް-19އިން ރައްކާތެރިވުމަށް ސިއްހީ އެހީތެރިން ބޭނުންކުރަންޖެހޭ ސާމާނު ނެތް އެއްވެސް ރަށެއް ނޯންނާނަކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގެ ހޮސްޕިޓަލުގައި ނުވަތަ ސިއްހީ މަރުކަޒެއްގައިވެސް ކޯވިޑާއި ގުޅިގެން ރައްކާތެރިކަމަށް ބޭނުންކުރާ އެއްވެސް ސާމާނެއް ހުސްވެފައި ނުހުންނާނެކަމަށެވެ. މަބްރޫކް ވިދާޅުވީ ރަށްރަށުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިން ބޭނުންކުރަންޖެހޭ މިންވަރަށް މާސްކާއި އަންގިއާއި އެހެނިހެން ސާމާނުތައް އެރަށްރަށުގައި ހުންނާނެކަމަށެވެ.

މަބްރޫކް ވިދާޅުވީ އެއްވެސް ރަށަކަށް ބޮޑެތި ސްޓޮކްތަކެއް ފޮނުވާފައި ބެހެއްޓެމުގެ ވިސްނުމެއް ނެތްކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އެރަށަކަށް އެވަގުތަކަށް ބޭނުންވާ މިންވަރު ބަލައިގެން ތަކެތި ފޮނުވުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

" އެއްތަނަކަށް ގިނައިން ފޮނުވާފައި ބަހައްޓާއިރު އެހެންތަނަކަށް ބޭނުންވާ ވަގުތު ކިހިނެތްތޯ ހަދާނީ. ހަމަ ސެންޓަރަލީ ސްޓޮކް މެނޭޖްކޮށްފައި ހުރިހާ ރަށަކަށް ބޭނުންވާ އަދަދަށް އެތަކެތި ބަހައްޓާދީފައި ހުންނާނީ. އެއްވެސް ރަށެއްގައި ކޮމިއުނިޓި ސްޕްރެޑެއް އަންނަ ރަށެއް ނަމަ އެރަށެއްގައި އިތުރަށް ސްޓޮކް ކުއަންޓިޓީސް ބަހައްޓާ ކަހަލަ ގޮތަކަށް އިންތިޒާމުކޮށްގެން ކުރިޔަށް ދާނީ " މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޮންމެ ރަށަކަށްވެސް ތަކެތި އިތުރަށް ބޭނުންވާ ނަމަ އެކަން އަންގަމުން ގެންދިޔުމަށް ރަށްރަށަށް އަންގާފައިވާނެކަމަށެވެ. މަބްރޫކް ވިދާޅުވީ ކޯވިޑުން ރައްކާތެރިވުމަށް ކިހާ އިކުވިމްމަންޓެއް އަޅަންޖެހޭތޯ ބައެއް ބޭފުޅުން ސުވާލު އުފައްދާ ކަމަށާ، އެކަން ކުރަމުން އަންނަނީ ކަނޑައެޅިފައިވާ އުސޫލުން އެ ހާލަތަކަށް ބޭނުންވާ މިންވަރަކަށް ކަމަށެވެ.

" ކޮންމެ މީހަކު ހުންނަޖެހޭތޯ އެން ނައިންޓީ ފައިވް މާސްކް އަޅައިގެން ނުވަތަ ގައުންނެއް ތުރުކުރައްވައިގެން ނުވަތަ ހެޒްމެޓް ސޫޓެއް ލައްވައިގެން .ކިހާ ހިސާބަކަށް ދިޔާއީމަ ކޮން އިކުވިޕްމެންޓެއްތޯ ބޭނުންކުރަންޖެހޭނީ. އެކަމުގައި ކުލިއަރ ގައިޑެންސް އޮވޭ ކިހިނެތްތޯ ކަންތައް ކުރަންޖެހޭނީ. އެ ގައިޑެންސާއި އެއްގޮތަށް އަޅުގަޑުމެން އަމަލުކުރަމުންދާނީ. އެއަށް ވުރެ އިތުރަކަށް ބޭނުމެތްނުވާނެ އަޅާކަށް " މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ސިއްޙީ އޮފިޝަލުން ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު އަންނަނީ ރާއްޖެ ގެންނަމުންނެވެ. މީގެތެރޭގައި އެކި ޤައުމަތަކުން އެހީގެ ގޮތުގައި ހަދިޔާ ކުރި ތަކެތިވެސް ހިމެނެއެވެ.