ޚަބަރު

އެކި ސަރަޙައްދުތަކުގައި ތާށިވެފައިތިބި އިންޑިޔާ ރައްޔިތުން ގެނައުމަށް 60 ވައިގެ ދަތުރު ކުރަން ނިންމައިފި


ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ތާށިވެފައިތިބި އިންޑިޔާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި 60އަށްވުރެ ގިނަ ވައިގެ ދަތުރު ކުރާނެކަމަށް އިންޑިޔާއިން އިޢުލާނުކޮށްފިއެވެ. އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ޢާންމުކުރި ލިޔުމެއްގައި ބުނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ތިބި އިންޑިޔާގެ ދަރިވަރުންނާއި ލޭބަރުން ބަލާ 12 ޤައުމަކަށް 64 ވައިގެ ދަތުރުކުރާނެކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް 2000 ރައްޔިތުން އަނބުރާ ޤައުމަށް ގެންނާނެކަމަށެވެ.

އިންޑިޔާގެ ސަރުކާރުން އާންމުކޮށްފައިވާ ރޭވުންތަކުން ދިއްލީ ސަރަޙައްދުގެ އިތުރުން ގުޖުރާތާއި ޖައްމުއާއި ކަޝްމީރާއި ކަރުނަޓަކާއާއި ކެރެލާއާއި މަހާރަޝްތާ އާއި ޕަންޖާބާއި ޓަމިލް ނާޑުއާއި ޓެލަންގަނަ އަށް ނިސްބަތްވާ މީހުން ޤައުމުތަކުން އަނބުރާ ގެންނާނެއެވެ. އެމީހުން ގެނައުމަށް ޔޫއޭއީއަށާއި ޤަތަރަށާއި ސަޢުދީ ޢަރަބިއްޔާއަށާއި ބަޙްރައިނަށާއި ކުވައިތަށާއި އޯމާނަށާއި މެލޭޝިޔާއާއި އިނގިރޭސިވިލާތާއި ސިންގަޕޫރާއި ބަންގްލަދޭޝާއި ފިލިޕީންސަށާއި އެމެރިކާއަށް މެއި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 64 ފްލައިޓު ދަތުރުކުރާނެއެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހުންނަ އިންޑިޔާގެ ޚާރިޖީ ގުޅުންތަކާ ބެހޭ އިދާރާތަކުން ދަނީ އެނބުރި ޤައުމަށް އަންނަން ބޭނުންވާ މީހުންގެ ނަން ނޯޓުކުރަމުންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަތުރުނުކުރެވިފައި ތިބި މީހުންނާއި ބަލިމަޑުކަމުގެ ސަަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނެވެ. އިންޑިޔާގެ ސަރުކާރުން ބުނީ ބޭރު ޤައުމުތަކުން މީހުން އަނބުރާ ގެނައުމުގައި އިސްކަންދޭނީ ހުޅަނގު އޭޝިޔާގެ ޤައުމުތަކުގައި މަސައްކަތްކުރަމުން ގޮސް ވަޒީފާ ގެއްލިފައިވާ ލޭބަރުންނަށް ކަމަށެވެ.. އެއަށްފަހު ދެން ގެންނާނީ ދަރިވަރުންނާއި އެހެން ސަބަބުތަކަށް ބޭރު ޤައުމުތަކުގައި ތާށިވެފައިތިބި އިންޑިޔާ ރައްޔިތުންނެވެ. އަނބުރާ ޤައުމަށް އައުމަށް ހަމައެކަނި ޑުބާއީ އިން 150،000 އިންޑިޔާ ރައްޔިތުން ނަން ނޯޓުކޮށްފައިވެއެވެ. އަދި 45،000އަށް ވުރެ ގިނަ އިންޑިޔާ ރައްޔިތުން ކުވައިތުން އަނބުރާ ގެންނާނެއެވެ.

އިންޑިޔާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އެދަތުރުތަކުގައި ބައިވެރިވެވޭނީ އަގު ދައްކައިގެން ކަމަށާއި، 7 މެއި ގެ ފަހުން މަރުޚަލާތަކަކަށް ބަހާލައިގެން ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް ފެށޭނެކަމަށެވެ. ކޮންމެ މީހަކުވެސް ދަތުރުކުރުމުގެ ކުރިން ސްކްރީނު ކުރެވޭނެކަމަށާއި، ދަތުރުގައި ބައިވެރިވެވޭނީ ހަމައެކަނި ކޯވިޑް-19ގެ އަލާމާތެއް ނުފެންނަ މީހުންނަށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. ޤައުމަށް އަނބުރާ އައުމުން އެމީހުން ދެވަނަ ފަހަރަށް ސްކްރީނުކޮށް 14 ދުވަހަށް ކަރަންޓީނުކުރާނެއެވެ. 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމުން ކޯވިޑަ-19އަށް ދަތުރުވެރިން ތަހުލީލުކުރާނެއެވެ.

ކޯވިޑް-19 ޖެހިފައިވާ 49,436 މީހުންވަނީ އިންޑިޔާއިން ފެނިފައެވެ. އެޤައުމުގައި ބަލީގެ ސަަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 1,695އަށް އިތުރުވެފައެވެ