ޚަބަރު

ހޯމަ ދުވަހުގެ ކުރިން ކަދުރާއި ހަވާލުނުވާ ރަށްރަށުގެ ކަދުރު ބޭނުންޖެހިފައިތިބި މީހުނަށް ދެވޭނެ: އިސްލާމިކް މިނިސްޓްރީ


އަންނަ ހޯމަ ދުވަހުގެ ކުރިން ރަށްރަށުގެ ކައުންސިލުގެ ފަރާތުން ޙަވާލުނުވެ އިސްލާމިކް މިނިސްޓްރީގައިހުރި ކަދުރު މިވަގުތު ސަރުކާރުގެ ބެލުމުގެ ދަށުގައި ކޯވިޑް ނަވާރައާއި ގުޅިގެން ހުރި ފެސިލިޓީތަކަށް ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

ސަޢުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރުގެތެރެއިން ރަށްރަށަށް ފޮނުވަންޖެހޭ ކަދުރާއި ހަވާލުވުމަށް އެރަށެއްގެ ކައުންސިލަކިން ކަނޑައަޅާ މީހަކު އިސްލާމިކް މިނިސްޓްރީއަށް ފޮނުވުމަށް އެމިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

އިސްލާމިކް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވީހާވެސް ގިނަ ކައުންސިލްތަކަކުން ކަދުރު ގެންދިޔުމަށް އެދިވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ކަދުރާއި ހަވާލުވެފައިވަނީ 78 ރަށަކުން ކަމަށާއި 103 ރަށަކަށް ފޮނުވުމަށް ނިންމާފައިވާ އަށްހާސް ފައްސަތޭކަ ހަތްދިހަ ހަތް ޕެކެޓު ކަދުރާއި ޙަވާލުވާން އެރަށްރަށުގެ ކައުންސިލުން މީހަކު ފޮނުވާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިމަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5 ޖެހުމާއި ހަމައަށް އެރަށްރަށުގެ ކައުންސިލްތަކުން ކަދުރާއި ޙަވާލުވާނެ ފަރާތެއް ނުފޮނުއްވާ ނަމަ އެކަދުރު ބޭނުން ޖެހިފައިވާ އެހެން ފަރާތްތަަކަށް ދިނުމަށް ނިންމާފައިވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވެެއެވެ.

އެހެންކަމުން ކޯވިޑް ނަވާރައިގެ މިހާލަތުގައި އެކަހެރިކޮށްފައި މީހުން ތިބި ފެސިލިޓީތަކަށާއި މަސައްކަތުގެ ގޮތުން އެކަހެރިކޮށްފައިތިބި މީހުންނާއި ސަރުކާރުގެ ބެލުމުގެ ދަށުގައި ހާލުގައި ޖެހިފައިތިބި ބިދޭސީންނަށް މިކަދުރު ދިނުމަކީ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓްރީއަށް ފެންނާތީ އެކަން އެގޮތަށް ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް މަސައްކަތުގެ ގޮތުން އެކަހެރިވެފައިތިބި މީހުން ތިބި ފެސިލިޓީތަކަށް 250 ޕެކެޓު ކަދުރު މިހާރުވެސް ހަދިޔާކޮށްފައި ވާކަމަށެވެ.

ސަޢުދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ފަންސަވީސް ހާސް ކަދުރު ޕެކެޓެވެ. މީގެ ތެރެއިން 50 ކޭސް ކަދުރު ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ ބެލުމުގެ ދަށުން ބެހުމަށް ނިންމާފައިވާއިރު އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ސައުވީސްހާސް ފައްސަތޭކަ ކަދުރު ޕެކެޓު ބެހުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭގައި ފަސްދޮޅަށް ތިންހާހަށްވުރެ ގިނަ ގޭބިސީ ހިމެނެއެވެ. އެހެންކަމުން ސަޢުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރަކީ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ދެވޭ ޢަދަދަށްވުރެ މަދު އަދަދެއްކަމަށްވުމުން މިއަހަރު ކަދުރު ބެހުމަށް ނިންމާފައިވަނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ގޭބިސީތަކަށް ބެހުމަށްފަހު ކޮންމެ ސަތޭކަ ގޭބިސީއަކަށް 33 ޕެކެޓު ކަދުރުގެ ނިސްބަތުން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން މިހާތަނަށް ބާރަހާސް ސަތޭކަ ސައުވީސް ޕެކެޓު ކަދުރުވަނީ ރައްޔިތުނަށް ބަހާފައެވެ. އަދި ފަގީރުންގެ ގޮތުގައި ރަޖިސްޓަރވެފައިވާ ގޭބިސީތަކަށް އެއްހާސް ހަތަރުސަތޭކަ އަށްޑިހަ ތިން ޕެކެޓު ކަދުރު ވަނީ ބަހާފައެވެ. މީގެތެރެއިން ލޮކްޑައުންއާއި ގުޅިގެން ކަދުރުބަލައި މިނިސްޓްރީއަށް ނާދެވޭ މީހުންގެތެރެއިން މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ހަތަރު ސަތޭކަ ސައްބީސް ފަގީރުންގެ ގޭބިސީތަކަށް ޔޫތް މިނިސްޓްރީ އާއި ގުޅިގެން ކަދުރުފޯރުކޮށް ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.