ވިޔަފާރި

ޒޫމްއާ ވާދަކުރުމަށް ފޭސްބުކް އަދި ގޫގަލްއިން އާ ޚިދުމަތެއް ތަޢާރަފްކޮށްފި


ވީޑިއޯ ކޮންފަރެންސް ކުރެވޭ ޕްލެޓު ފޯމެއް ކަމަށްވާ ޒޫމްއާ ވާދަކުރުމަށް ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާއި ވިޑިއޯ ކޮންފަރެންސް ކުރެވޭނެ ގޮތްތަކެއް ފޭސްބުކް އަދި ގޫގަލުން ތައާރަފްކޮށްފިއެވެ.

ފޭސްބުކުންވަނީ ދާދިފަހުން 'މެސެންޖަރ ރޫމްސް' ގެ ނަމުގައި އާ ޚިދުމަތެއް ތަޢާރަފްކޮށްފައެވެ. މެސެންޖަރ ރޫމްސްގެ ޚިދުމަތް ހޯދުމަށް ފޭސްބުކް އެކައުންޓެއް ބޭނުމެއް ނުވެއެވެ. އެއްފަހަރާއި 50 މީހުންނަށް ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވޭއިރު، ބޭނުން އިރެއް ވަންދެން ކޯލް ކުރިއަށް ގެންދެވެއެވެ.

ގޫގަލްއިން ތަޢާރަފްކޮށްފައިވާ ' ގޫގަލް މީޓް' އަކީ ވިޔަފާރިތަކަށް އަމާޒްކޮށްގެން ތަޢާރަފްކޮށްފައިވާ ވީޑިއޯ ކޮންފަރެންސްކުރެވޭ ޕްލެޓް ފޯމެކެވެ. އީމެއިލް އެޑްރެސްއެއް އޮތް ކޮންމެ މީހަކަށް ގޫގަލް މީޓް ބޭނުންކުރެވޭއިރު، ބޭނުން އިރެއް ވަންދެން އެންމެ ކޯލް ކުރިއަށްގެންދެވެއެވެ. އަދި ގިނަވެގެން އެއް ފަހަރާ 100 މީހުންނަށް ވީޑިއޯ ކޯލްގައި ބައިވެރިވެއެވެ.

ޒޫމްގެ ވީޑިއޯ ކޮންފަރެންސެއްގައިވެސް އެއް ފަހަރާ އެންމެ ގިނަވެގެން 100 މީހުންނަށް ބައިވެރިވެވޭއިރު، ކޯލްގެ ދިގުމިނަކީ 40 މިނެޓެވެ.

ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއް ދަނީ ގޭގައި ތިބިގެން ވަޒީފާ އަދާކުރުމުންނެވެ. އަދި ސްކޫލްތައް ބަންދުވުމާއި އެކުވެސް ޒޫމްފަދަ ޕްލެޓު ފޯމްތަކަށްވަނީ ޑިމާންޑު ބޮޑުވެފައެވެ. މިއާއެކު ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ވިޔާފާރިތަކުން ދަނީ ގިނަ ބަޔަކަށް އެއްފަހަރާއި ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވެވޭ ފަދަ ފީޗަރތައް ތަޢާރަފްކުރަމުންނެވެ.

ޒޫމްއިން މައުލޫމާތުދޭ ގޮތުން ކޯވިޑް-19އާ ގުޅިގެން ޒޫމް ބޭނުންކުރާ ފަރާތްތައްކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 300 މިލިއަން މީހުން ޒޫމް މެދުވެރިކޮށް ހޮސްޓުކުރާ ބައްދަލުވުންތަކުގައި ބައިވެރިވާކަމަށް އެކުންފުނިން ބުނެއެވެ.

ގޫގަލް މީޓުގެވެސް މަޤްބޫލްކަންދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ގޫގަލް މީޓުގައި ބާއްވާ ޖުމްލަ ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު 100 މިލިއަނަށް އަރާކަމަށް އެކުންފުނިން ބުނެއެވެ.

ފޭސްބުކުގެ 'މެސެންޖަރ ރޫމްސް' ތަޢާރަފްކުރިތާ އަދި އެހާ ގިނަ ދުވަސްވެފައިނުވުމުން މިފަދަ ތަފާސް ހިސާބުތަކެއް އަދި ނުލިބެއެވެ. އެހެންނަމަވެސް ކޯވިޑް-19އާއެކު، ވަޓްސްއެޕް އަދި ފޭސްބުކް މެސެންޖަރ މެދުވެރިކޮށް 700 މިލިއަން ވީޑިއޯ ކޯލްތައް ކޮންމެ ދުވަހަކު ކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.