ޚަބަރު

ދުނިޔޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު 3.5 މިލިއަނަށް އަރައިފި


ދުނިޔޭގައި ކޯވިޑް-19 ޖެހިފައވާ މީހުންގެ ޢަދަދު ވަނީ 3.5 މިލިއަނަށް އަރާފައެވެ. ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގައި މަރުވި މީހުންގެ ޢަދަދުވަނީ 250،000 އާގާތްކުރާ ޢަދަދަކަށް އިތުރުވެފައެވެ. އެއީ ބަލީގެ ޢަލާމާތް ފެނިފައިނުވާ ގިނަ ޢަދަދެއްގެ މީހުން ނުހިމަނައެވެ. ދުނިޔޭގައި މާރިޗުމަހުގެ މެދުތެރެއާ ހަމައަށް އަލަށް ބަލިޖެހޭ މީހުންގެ ނިސްބަތް 13 އިންސައްތައިގައި ހުރެފައި ފާއިތުވި ހަފްތާއިން ފެށިގެން އެޢަދަދުވަނީ 2 އާއި 3 އިންސައްތައާ ދެމެދުގެ ނިސްބަތަކަށް ދަށްކުރެވިފައެވެ.

ދުނިޔޭގައި ކޯވިޑް-19 ފެތުރުމުގެ ސަބަބުން ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކޮށް ހީނަރުވެފައިވާ އިޤްތިޞާދުތައް އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގެ ތެރެއިން ބަލިމަޑުކަން ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކަށް ދޫދޭން ގިނަ ޤައުމުތަކަކުންވަނީ ފަށާފައެވެ. އޭގެ ތެރޭގައި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެމެރިކާއާއި އިޓަލީވިލާތް ހިމެނެއެވެ.

އިޓަލީވިލާތުގައި 211,938 މީހުންނަށް ބަލީގެ އަސަރުކޮށް، 29,079 މީހުންވަނީ މަރުވެފައެވެ. އިޓަލީވިލާތުގައި ދެމަސްވަންދެން ގޭގައި މަޑުކޮށްގެންތިބި 4.5 މިލިއަން މީހުން އަލުން ވަޒީފާއަށް ނުކުތުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުންވަނީ ދީފައެވެ. އެޤައުމުގައި ހުއްޓިފައިވާ އިމާރާތްކުރުމުގެ މަސައްކަތްތައް އަލުން ފެށޭނެއެވެ. ގިނަ ދުވަސްތަކަކަށްފަހު ގާތް ތިމާގެ މީހުންނާއި އާއިލާތައްް އަލުން ބައްދަލުވާނެއެވެ.

ނަމަވެސް އިޓަލީވިލާތުގެ ބޮޑުވަޒީރު ގުސެއްޕެ ކޯންތެވިދާޅުވީ އެޤައުމަށް އަދިވެސް ބަލިމަޑުކަމުގެ އަސަރުވަރަށް ބޮޑަށް ކުރަމުންދާކަމަށެވެ. ކޯވިޑް-19ގެ ސަބަބުން މަރުވިކަމަށް ރެކޯޑުކޮށްފައިވާ ޢަދަދަށްވުރެ 11،600 އިތުރު މީހުން ބަލިމަޑުކަމުގެ ސަބަބުން އަދި ޞިއްޙީ ޚިތުމަތްދޭ ތަންތަނަށް ބާރުބޮޑުވެ އެހެން މައްސަލަތަކަށް ފަރުވާ ނުދެވުމުގެ ސަބަބުން މަރުވެފައިވަކަމަށް އެޤައުމުގެ ސްޓެޓިސްޓިކްސް ބިއުރޯއިންވަނީ ބުނެފައެވެ. އެޤައުމުގެ ގިނަ ވިޔަފާރިތައް މެއި 18 އަންނަންދެން ނުހުޅުވާނެއެވެ. މަދަރުސާތަކާއި ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވާނެ ދުވަހެއް އިޢުލާނުކޮށްފައެއްނުވެއެވެ. ފިޔަވަޅުތަކަށް ދޫދޭން ފަށާފައިވާލެއް ތަންކޮޅެއް އަވަސްކަމަށް ބައެއް މީހުންދެކެއެވެ. އެޤައުމުގައި ދެވަނަ ފަހަރަށް ބަލިމަޑުކަން ފެތުރިއްޖެނަމަ ވާނެގޮތެއް ނޭނގެެއެވެ.

އެންމެ ގިނަ އަދަދަކަށް މީހުނަށް ބަލިޖެހި މަރުވެފައިވަނީ އެމެރިކާގައެވެ. އެޤައުމުން 1.2 މިލިއަން މީހުނަށް ބަލީގެ އަސަރުކޮށް މަރުވި މީހުންގެ ޢަދަދުވަނީ 69,921އަށް އިތުރުވެފައެވެ. އެމެރިކާ ގެ ބައެއް ސްޓޭޓުތަކުންވެސްދަނީ ބަލިމަޑުކަން ފެތުރޭތީ އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ދޫދޭން ފަށާފައެވެ. އެމެރިކާއިން ކޯވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ނިއުޔޯކު ސިޓީއިން މަރުޚަލާތަކަށް ބަހާލައިގެން ވިޔަފާރިތައް އަލުން ހުޅުވާ، އިމާރާތްކުރުމުގެ ސިނާޢަތް ހުޅުވާލުމަށްވަނީ ނިންމާފައެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވާނީ ބަލިމަޑުކަމުގެ އަސަރު އެންމެ ކުޑަކޮށް ކޮށްފައިވާ ސަރަޙައްދުތަކެވެ.

އެމެރިކާގެ ސަރުކާރުގެ ލިޔުމަކުން ދައްކާގޮތުގައި ޖޫން 1 ވަނަ ދުވަހާހަމައަށް އެޤައުމުގައި މީހުން މަރުވާ ޢަދަދު އިތުރުވަމުންދާނެކަމަށް ނިއުޔޯކް ޓައިމްްސްގައި ޝާއިރުކޮށްފައިވެއެވެ. މެއި މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ ޢަދަދު 3000އަށް އަރާނެކަމަށް އެލިޔުމުގައި ބުނެފައިވެއެވެ. އެއީ ދުވާލެއްގެ މައްޗަށް މިހާރު މަރުވަމުންދާ 2000އެއްހާ މީހުންނަށްވުރެ ގިނަ ޢަދަދެކެވެ. އޭގެ އިތުން ވޮޝިންގްޓަން ޔުނިވާސިޓީއިން ކުރި ދިރާސާއަކުންވެސް އޯގަސްޓު މަހުގެ 4 ވަނަ ދުވަހާހަމައަށް އެމެރިކާގައި 134،000 މީހުން މަރުވާނެކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ މިހާރު ހުރި ޢަދަދަށްވުރެ ދެގުނަ އިތުރު ޢަދަދެކެވެ. އެދިރާސާއާ ބެހޭގޮތުން ވައިޓްހައުސްގެ ތަރުޖަމާނު ޖަޑް ޑިއަރ ވިިދާޅުވީ އެއީ ވައިޓްހައުސްގެ ރަސްމީ ލިޔުމެއް ނޫންކަމަށާއި އޭގައި ހުރި މަޢުލޫމާތު ކޮރޯނާވައިރަސް ޓާސްްކްފޯހާ ޙިއްސާކޮށްފައިނުވާކަމަށެވެ. އަދި އޭގައި ހުރި މަޢުލޫމާތުގެ ޞައްޙަކަން ބެލިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޕެއިނާއި ޕޯޗުގަލާއި ފިންލޭންޑާއި ނައިޖީރިއާއާއި އިންޑިޔާއާއި މެލޭޝިޔާއާއި ތައިލޭންޑާއި އިސްރާއީލާއި ލުބުނާނުންވެސް ދަނީ ކާރުޚާނާތަކާއި ބޯކޮށާތަންތަނާއި އިމާރާތްކުރާ ސައިޓުތަކާއި ޕާކުތަކާއި ކުތުބުޚާނާތައް ހުޅުވަމުންނެވެ. ކޯޯވިޑް-19 އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ސްޕޭނުގައިވެސް ވިޔަފާރިތައް ކޮންމެވެސް ވަރަކަށްވަނީ ހުޅުވަންފަށާފައެވެ. އެޤައުމުގައި އާންމު ދަތުރުފަތުރުތައްވެސް ވަނީ އަލުން ފަށާފައެވެ. އެއުޅަނދުތަކަށް އަރާއިރު މާސްކު އެޅުމަކީ މަޖުބޫރުކަމެކެވެ. އޭގެ އިތުރުންް ސްޕޭނުގެ ފުޓުބޯޅަ ލީގު ލަލީގާ ޖޫންމަހުގެ ތެރޭގައި އަލުން ފެށޭނެކަމުގެ އުއްމީދުގައި ބައެއް ޓީމުތަކުންވަނީ ޕްރެކްޓިސް ފަށާފައެވެ.

ބައެއް ޤައުމުތަކުން ފިޔަވަޅުތަކަށް ދޫދޭންފަށައިފާ ވީނަމަވެސް ޖަޕާނުގައި ވަނީ އެޤައުމުގައި އިޢުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މެއިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އިނގިރޭސިވިލާތުން ވަނީ އެޤައުމުގައި ބަލި އެންމެ ބޮޑަށް ފެތުރޭ މުއްދަތު ފަހަނައަޅާ ގޮސްފައިވާކަމަށްބުނެ ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ފިޔަވަޅުތައް އުވާލުމާގުޅޭގޮތުން ގޮތެއް ނިންމުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދުގެ ޑިޒީސް ކޮންޓްރޯލާ ބެހޭ އިދާރާއިންބުނީ އެޤައުމުގައި އަދި އެންމެ ހަލުވިކޮށް ބަލިފެތުރޭ މުއްދަތު ފަހަނައަޅާ ގޮސްފައިނުވާކަމަށެވެ.

ކޯވިޑް-19އާ ކުރިމަތިލުމަށްފަހު ދުނިޔޭގެ ޤައުމުތަކުގެ މީހުން ވަނީ އަލުން މުޖުތަމަޢަށް ނުކުންނަން ފަށާފައެވެ. ނަމަވެސް ކުރިއާ އަޅާބަލާއިރު ދުނިޔެ މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މަގުތަކުގައި މީހުން އުޅޭ ޢަދަދުވަނީ މަދުވެފައެވެ. ދުއްވާ އެއްޗެހީގެ ޢަދަދުވެސް މަދެވެ. މީހުންދަނީ ގައިދުރުކަން ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ. ދުނިޔެއަށް ވެރިވެގެންފައިވާ ހިމޭންކަން އަދިވެސް އެއްކޮށް ފިލާނުދެއެވެ.