ޚަބަރު

އިޓަލީވިލާތުގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަސްލު ޢަދަދު އެތައް ގުނައެއް އިތުރުވާނެ


އިޓަލީވިލާތުގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު ކުރިން ރިޕޯޓުކުރެވުނު ޢަދަދަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް އެޤައުމުގެ ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފިއެވެ.

އިޓަލީވިލާތުގައި ކޯވިޑް-19 ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ 211,938 މީހުންނެވެ. އަދި މަރުވި މީހުންގެ ގޮތުގައި ރަސްމީ ޢަދަދުތައް ދައްކަނީ 29,079 މީހުންނެވެ. އެއީ އެމެރިކާއަށްފަހު އެއްްގައުމަކުން ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުންމަރުވި ޢަދަދެވެ. އެޢަދަަދުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ބައްޔަށް ތަހުލީލުކޮށް ބަލިޖެހިފައިވާކަން ޔަޤީންވާ މީހުންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ހެދި ދިރާސާއަކުން ދެއްކިގޮތުގައި އިޓަލީވިލާތުގައި ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހާއި މާރިޗުމަހުގެ 31 ވަނަ ދުވަހާމެދު މަރުވި މީހުންގެ ޢަދަދުވަނީ ފާއިތުވި ފަސް އަހަރުތެރޭ އެމުއްދަތުގައި މަރުވި މީހުންގެ ޢަދަދަށްވުރެ 39 އިންސައްތަ އިތުރުވެފައެވެ. އެހެންކަމުން ރަސްމީކޮށް މަރުގެ ސަބަބުގޮތުގައި ކޯވިޑް-19 ފާހަގަކޮށްފައި ނުވާ އެތައް ހާސް ބަޔަކު އެބަލީގައި މަރުވެފައިވާކަމަށް އަންދާޒާކުރެވޭކަމަށް އެއިދާރާއިން ބުންޏެވެ.

އެހެން އަހަރުތަކާ އަޅާބަލާއިރު މަރުވި މީހުންގެ ޢަދަދުން އިތުރުވެފައިވާ 25،354 މަރުގެ ތެރެއިން ކޯވިޑް-19 ސަބަބެއްގެ ގޮތުގައި ރަސްމީކޮށް ބަޔާންކޮށްފައިވަނީ 13،710 މަރެވެ. ބާކީ 11،600 މަރުގެ ސަބަބެއް ނޭނގެއެވެ. ނަމަވެސް އެމަރުތަކުގެ ތެރެއިން ގިނަ މަރުތަކަކީ ކޯވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކުގައި މަރުވެފައިވާ މީހުންނެވެ. އެސަރަޙައްދުތަކަކީ ކޯވިޑް-19 ޖެހިފައިވާކަން ޔަޤީންނުވެ މަރުވެފައިވާ މީހުންގެ ޢަދަދުވެސް އެންމެ ގިނަވާނެކަމަށް އަންދާޒާކޮށްފައިވާ ސަރަޙައްދުތަކެވެ. އެހެންކަމުން އެމީހުން މަރުވެފައިވަނީ ކޯވިޑް-19 ޖެހިގެން ނުވަތަ ކޯވިޑް-19 ގެ ސަބަބުން ހަސްފަތާލުތަކަށް ބާރުބޮޑުވެ ޞިއްޙީ ތަފާތު މައްސަލަތައް ހުރި މީހުންނަށް ލިބެންޖެހޭ ފަރުވާ ނުލިބިގެންކަމަށް ޤަބޫލުކުރެވޭކަމަށް އެއިދާރާއިން ބުންޏެވެ.

އިޓަލީވިލާތުގައި މާރިޗުމަހު މަރުވި މީހުންގެ ޢަދަދު ފާއިތުވި ފަސްއަހަރާ އަޅާބަލާއިރުވަނީ 49 އިންސައްތަ އިތުރުވެފައެވެ. އެޤައުމުގެ އުތުރުގެ ސަރަޙައްދުތަކުގައި އެޢަދަދުވަނީ 95 އިންސައްތަ އިތުރުވެފައެވެ. މެދުތެރޭ ސަރަޙައްދުތަކުގައި މަރުގެ ނިސްބަތް އިތުރުވީ 9 އިންސަައްތައެވެ. އަދި ދެކުނުގެ ސަރަޙައްދުތަކުގައި އިތުރުވީ އެންމެ 2 އިންސައްތައެވެ. ބަލި އެންމެ ބޮޑަށް ފެތުރުނު ލަމްބާޑީ ސަރަޙައްދުގައި މަރުވި މީހުންގެ ނިސްބަތްވަނީ 186 އިންސައްތަ އިތުރުވެފެވެ. މިލާންކަރިއީ އޮންނަ ބާގަމޯ އަކީ ކޯވިޑް-19ގެ އަސަރު ވަރަށް ބޮޑަށް ކުރި ސަރަހައްދެކެވެ. އެސަރަޙައްދުން މަރުވި މީހުންގެ ނިސްބަތްވަނީ 568 އިންސައްތަ ވަނީ އިތުރުވެފައެވެ.