ޚަބަރު

ޖަރުމަނުވިލާތުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަސްލު ޢަދަދު ދިހަ ގުނަ އިތުރުވާނެ


ޖަރުމަނުވިލާތުގައި ކޯވިޑް-19 ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވާ މީހުންގެ ރަސްމީ ޢަދަދަށްވުރެ ބަލީގެ އަސަރުކޮށްފައިވާ މީހުންގެ އަސްލު ޢަދަދު ދިހަ ގުނަ އިތުރުވާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ޖަރުމަނުވިލާތުގައި ކޯވިޑް-19ގެ އަސަރުކޮށްފައިވަނީ 166,152 މީހުނަށް ކަމަށާއި މަރުވި މީހުންގެ ޢަދަދަކީ 6,993ކަމަށް އެޤައުމުގެ ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ޖަރުމަނުވިލާތުގެ ޔުނިވަސިޓީ އޮފް ބޮން އިން އެޤައުމުގައި ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދެއްގައިވަނީ ދިރާސާއެއް ކޮށްފައެވެ. އެދިރާސާގެ ހޯދުންތަކާ ބެހޭގޮތުން އެހެން ސައިންސުވެރިންގެ ބަހެއް އަދި ލިބިފައިނުވާތީ ސައިންސުވެރިންގެ ހޯދުންތައް ޝާއިރުކުރާ ފޮތްތަކުގައި އެ ހޯދުންތައް އަދި ހިމަނާފައެއް ނުވެއެވެ. ދިރާސާގެ ނަތީޖާ ދައްކާގޮތުގައި ޖަރުމަނުވިލާތުގައި ދިރިއުޅޭ 1.8 މިލިއަން މީހުންނަށް ކޯވިޑް-19ގެ އަސަރުކޮށްފައިވާނެއެވެ. އެއިީ ރަސްމީ އިދާރާތަކުން ރިޕޯޓުކޮށްފައިވާ 166،000 ކޭހަށްވުރެ 10 ގުނަ އިތުރު ޢަދަދެކެވެ. ދިރާސާގެ ނަތީޖާ ބޭނުންކޮށްގެން ކުރިއަށް އޮތް ތަނުގައި ބަލި ފެތުރޭނެ މިންވަރު އަންދާޒާކުރެވޭނެކަމަށާ، މީގެ ކުރިން އެ މައުޟޫގެ މައްޗަށް ލިބިފައިވާ މަޢުލޫމާތު ތަންކޮޅެއް ބަލިކަށިކަމަށް ދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވީ ޑރ. ހާޓްމަން ވިދާޅުވިއެވެ.

ދިރާސާހެދި ސައިންސުވެރިންވަނީ ޖަރުމަނުވިލާތުގެ ސަރަޙައްދީ ރޮނގުކައިރީގައި އޮންނަ އަވަށެއްގައި ދިރިއުޅޭ 919 މީހުންގެ ލެއާއި ސާންޕަލު ތަހުލީލުކޮށްފައެވެ. އެ އަވަށަކީ ޖަރުމަނުވިލާތުގައި ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވި އަވަށެވެ. ބަލީގެ އަސަރުކޮށްފައިވާ މީހުންގެ ހަޤީޤީ ޢަދަދު ދެނެގަތުމަށް ދިރާސާކުރި ސައިންސުވެރިންވަނީ އެއަވަށުން ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދާއި އެންޓިބޮޑީ ޓެސްޓުހަދައިގެން ކުރިން ބަލީގެ އަސަރުކޮށްފައިވާ މީހުން ދެނެގަނެ އެޢަދަދުތައްވަނީ އަޅާކިޔާފައެވެ. އަދި އޭގެ ނަތީޖާގެ މައްޗަށް ބިނާކޮށް، މުޅި ޤައުމުގައި މަރުވި މީހުންގެ ޢަދަދުވަނީ 0.37 އިންސައްތައިން އިތުރުކޮށްފައެވެ.

ދިރާސާއިން އިތުރަށް ދެއްކި ގޮތުގައި ބަލިޖެހޭ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކުގެ ގައިން ބަލީގެ އެއްވެސް އަލާމާތްތައް ނުފެނެއެވެ. ދިރާސާހެދި ފަރާތުންބުނީ ދިރާސާގެ ހޯދުންތަކުން ބަލިޖެހިފައިވާކަން ނޭނގޭ މީހުންގެ ފަރާތުން އިތުރަށް ބަލިމަޑުކަން ފެތުރުމުގެ ފުރުޞަތު އޮތްކަން ހާމަވެގެންދިޔަކަމަށެވެ. ދިރާސާގެ ހޯދުންތަކުގެ ޢަދަދުތައް ލިބުނީ ޖަރުމަނުވިލާތުގައި ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޤައުމުގެ ސަރުކާރުން ދޫދެމުން ދަނިކޮށެވެ. އެގޮތުން ދާރުލްއާސާރުތަކާއި ބޯކޮށާ ސެލޫންތަކާއި ކާރު އުފައްދާ ކާރުޚާނާތައް ހަރުކަށި ޝަރުތުތަކަކާއެކު އަލުން ހުޅުވުމުގެ ޙުއްދަ އެޤައުުމުގެ ސަރުކާރުންވަނީ ދީފައެވެ.