ޚަބަރު

ވިޔަފާރި ބަނދަރުތަކުގައި ކްލިއަރނުކޮށްހުރި ހުރިހާ މުދަލެއް އަވަހަށް ކްލިއަރކުރުމަށް އެމްޕީއެލްއިން އެދިއްޖެ


މާލޭ ވިޔަފަރި ބަނދަރާއި ހުޅުމާލޭ ބަނދަރުގައި ކްލިއަރ ނުކޮށްހުރި މުދާ ކްލިއަރކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން އެދިއްޖެއެވެ.

މިދިޔަ 2 ހަފްތާގެ މުއްދަތުގައި މުދާ ނެރުމުގައި އިސްކަންދީފައި ވަނީ ބޭހާއި، ކާބޯތަކެއްޗާއި އަދި ޒަރޫރީ ކަންކަމަށް ބޭނުންވަ މުދަލުގެ ބާވަތްތައް ނެރުމަށެވެ.

ނަމަވެސް އެމްޕީއެލްއިން ބުނެފައި ވަނީ ބަނދަރުގައި ހުރި ހުރިހާ ބާވަތްތަކުގެ މުދާވެސް މިހާރު ކްލިއަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ވާމަށާއި، ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރުމަށް އެދޭކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ޕޯޓުގެ ޚިދުމަތްދޭ ވަގުތުތަށް މަދުކޮށް، އަދި ޚިދުމަތް ދެމުން އައިސްފައި ވަނީ އެންމެ ޒަރޫރީ މުދާ އަވަހަށް ނެރުމަށް އިސްކަން ދީގެންނެވެ. އަދި އެހެނިހެން ބާވަތްތަކުގެ މުދާ ޑެމަރޭޖް ފީ އިތުރަށް ނާރާގޮތަށް މިހާރު ދަނީ ޕޯޓު ތެރޭގައި ބަހައްޓައިދެމުންނެވެ. ޑެމަރޭޖް ނާރާގޮތަށް ހަމަޖެއްސީ ބޭރަށް ނިކުމެ އުޅުން ދަތިވެފައިވާތީ، އެކަމަށް ލުޔެއް ދިނުމަށެވެ.

ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި ވިޔަފާރި ބަނދަރަށް 7 ބޯޓަކުން ވަނީ މުދާ ބާލާފައެވެ. އަދި މީގެ ބޮޑުބައެއް މިވަގުތުވެސްހުރީ ބަނދަރުތެރޭގައި ކޮންޓެއިނަރުތަކުގައެވެ. އެމްޕީއެލްއިން ބުނެފައި ވަނީ މިގޮތަށް މުދަލާއިއެކު ގިނަ ކޮންޓެއިނަރުތަކެއް ބަނދަރުގައި ހުރުމުގެ ސަބަބުން ބަނދަރުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައި ވާކަމަށެވެ. މީގެ ސަބަބުން މުދާ ހިފައިގެން ވިޔަފާރި ބަނދަރަށް އަންނަ އެހެން ބޯޓުފަހަރުން ކޮންޓެއިނަރުތައް ބޭލުމުގައި ދަތިތަށް ކުރިމަތިވަމުންދާކަމުގައިވެސް އެމްޕީއެލުން ހާމަކޮށްފައި ވެއެވެ.

އެމްޕީއެލްއިންވަނީ މިގޮތަށް ކްލިއަރ ނުކޮށް ހުރި ހުރިހާ މުދަލެއް މުދަލުގެ ވެރިފަރާތްތަކުން ވީއެންމެ އަވަހަކަށް ކްލިއަރކޮށްދިނުމަށް އެދިފައެވެ. މިވަގުތު ބަނދަރުގައި ހުރި ހުރިހާ ބާވަތެއްގެ މުދާވެސް ކްލިއަރ ކުރެވޭނެގޮތް ވަނީ ހަމަޖައްސާފައެވެ.

އަދި މުދާ ކްލިއަރ ކުރުމަށް ބޭރަށް ނިކުތުމަށް ބޭނުންވާ ފާސް ހޯދުމުގައިވެސް އެމްޕީއެލްއިން އެހީތެރި ވެދޭނެކަމަށް ވަނީ ބުނެފައެވެ. އެހީތެރިކަން ބޭނުންވާނަމަ ކޯވިޑް-19އާއި ގުޅިގެން ނޯތް ހާބަރުގައި ޤާއިމުކްފައިވާ އައިސީޕީ ޑެސްކްގެ ނަންބަރު 3335552އަށް ގުޅުއްވުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ.

މިދުވަސްވަރު ވިޔަފާރި ބަނދަރުން މުދާ ކްލިއަރކުރުމުގެ ޚިދުމަތް ދެމުން އަންނަނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30އިން ހަވީރު 04:00އަށެވެ.