ޚަބަރު

ފުލުހުންނަށް ބިރުދައްކައި، މުދަލަށް ގެއްލުންދިންކަމުގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށްފި


އދ.ފެންފުށީގައި ފުލުހުންނަށް ބިރުދައްކައި، މުދަލަށް ގެއްލުންދިން މައްސަލައެއްގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިންގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 23:30ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅުންހުރި އެކަކު ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އަނެއް 6 މީހުން ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހު ކަމަށެވެ.

ފުލުހުން ވިދާޅުވީ މި ޙާދިސާ ހިންގާފައިވަނީ ފުލުހުން އދ.ފެންފުށީގައި މަސްތުވާތަކެތި ބޭނުންކުރުރާކަމަށް ތުހުމަތުކުރެވޭ ބަޔަކު މަގުމަތިން ހުއްޓުވާ ޗެކުކުރުން ގިނަވުމާއި، އެހެން ރަށްރަށުން ފެންފުއްޓަށް ގެންނަ ފޮށިގަނޑުތަކުގެ ތެރެއިން އެ މީހުންނަށް ނިސްބަތްވާ ތަކެތި މާގިނައިން ޗެކްކުރާކަމަށްބުނެ އެކަމާއި ހިތްހަމަ ނުޖެހިގެންކަމަށެވެ. އެމީހުންވަނީ ޕޮލިސް ސްޓޭޝަންދޮށަށް އެއްވެ ފުލުހުންނަށް ބިރުދައްކާ، އަދި ސްޓޭޝަންގެ ދޮރު ހަލާކުކޮށްލާފައެވެ.

މި މައްސަލާގައި އެ 7 މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް އިންޒާރުދީ ބިރުދައްކާ އަދި ފުލުހުން މުދަލަށް ގެއްލުންދިނުގެ ތުޙުމަތުގައެވެ. ހައްޔަރުކޮށްފައިވަނީ އުމުން 22 އަހަރާއި، 26 އަހަރާއި، 27 އަހަރާއި، 31 އަަހަރާއި، 32 އަހަރާއި، 34 އަހަރު އަދި 37 އަހަރުގެ ދިވެހި ފިރިިހެނުންނެވެ.

މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އދ.އޮމަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެތަނުން 2 މީހުންގެ ބަންދައް 5 ދުވަސް އަދި އަނެއް 5 މީހުންގެ ބަންދަށް 10 ދުވަސް ވަނީ އިތުރުކޮށްފައެވެ.