ޚަބަރު

ބޮރިސް ޖޮންސަންގެ ދަރިކަލުންނަށް ދެއްވީ ފަރުުވާދިން ޑޮކްޓަރުންގެ ނަން


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނަށް ކޯވިޑް-19 ޖެހުމުން އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ނަމުން އޭނާއަށް އަލަށް ލިބިވަޑައިގެންނެވި ދަރިކަލުންނަށް ނަންދެއްވައިފިއެވެ.

ބޮޑުވަޒީރު ޖޮންސަނަށް ކޯވިޑް-19 ޖެހި، ހާލު ގޯސްވުމުން އޭނާވަނީ ހަސްފަތާލުގައި އެނދުމަތިކޮށް އައިސީޔޫގައި ފަރުވާ ދީފައެވެ. ބަލިން ފަސޭހަަވަޑައިގެންތާ ކުޑަ ދުވަސްކޮޅެއްފަހުން ޖޮންސަނަށްވަނީ ފުރަތަމަ ދަރިކަލުން ލިބިވަޑައިގެންފައެވެ.

ބޮޑުވަޒީރުގެ ދަރިކަލުންނަށް ދެއްވި ނަމަކީ ވިލްފްރެޑް ލައުރީ ނިކޮލަސް ޖޮންސަނެވެ. ދަރިކަލުންގެ ނަމެއްގެ ގޮތުގައި ނިކޮލަސް ދިނީ ޖޮންސަނަށް ފަރުވާދެއްވި ޑޮކްޓަރުންކަމުގައިވާ ނިކޮލަސް ހާޓާއި ނިކޮލަސް ޕްރައިސްގެ ޝަރަފުގައެވެ. ނަމުގައި ހިމެނޭ ވިލްފްރެޑާއި ލައުރީއަކީ ދަރިކަލުންގެ ކާފައިންގެ ނަމެވެ. އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ޑޮކްޓަރުންގެ ޚިދުމަތުގެ އަގު ދުވަހަކުވެސް ޢަދާނުކުރެވޭނެކަަމަށް ޖޮންސަންވަނީ ވިދާޅުވެފައެވެ.

ޑޮކްޓަރުންވެސްވަނީ އެމީހުންގެ ޚިދުމަތް ޚާއްޞަ ގޮތަކަށް ބޮޑުވަޒީރު ޖޮންސަން ފާހަގަކުރެއްވީތީ އެކަމާ އުފާކުރާކަމަށް ބުނެފައެވެ.