ތަޢުލީމު

ދަސްވާރު އަދި ބީ-ޓެކް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް


އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސާތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމަށް ސްކޫލު ކުދިންގެ އިތުރުން، ޒުވާނުންގެވެސް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ރޭގެ ޓީވީއެމް ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޝެރީނާ އަބްދުއްސަމަދު ވިދާޅުވީ، ދަސްވާރު ޕްރޮގްރާމަކީ ގްރޭޑް ދިހައެއްގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ނަމަވެސް، މި ޕްރޮގްރާމުގައި ޒުވާނުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައިވާކަމަށެވެ. އެގޮތުން ދަސްވާރު ޕްރޮގްރާމް އަތޮޅުތަކުގެ ސްކޫލުތަކުގައި ކުރިއަށްގެންދާއިރު، އެކުދިންނާއެކު ޒުވާނުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން، ތިން އަތޮޅަކުން ފަސްދޮޅަސް ނުވަ ޒުވާނަކު މިހާރުވެސް ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވެފައިވާކަން ޝެރީނާ ފާހަގަކުރެއްވިއެވެ. ސްކޫލު ކުދިންނަށް ތަޢުލީމާއި ހުނަރު ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ދަސްވާރު ޕްރޮގްރާމްގެ އިތުރުން ބީޓެކް ޕްރޮގްރާމަށްވެސް ބޮޑު ތަރުޙީބެއް ލިބެމުންދާކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ބީޓެކް ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ޒޫޝާން ކަމާލުއްދީން ވިދާޅުވީ، މާލެއާއި އަތޮޅުތަކުގެ އެގާރަ ސްކޫލެއްގައި މިދިޔަ އަހަރު ފެށުނު ބީޓެކް ޕްރޮގްރާމް، މިހާރު ރާއްޖޭގެ އަށްޑިހަ ދެ ސްކޫލަކަށް ފުޅާކުރެވިފައިވާކަމަށެވެ.