ޚަބަރު

މިނިވަން މީޑިއާގެ އަސާސްތައް ކުރިއެރުވުމަށް މީޑިއާތަކަށް ފުލުހުންގެ އެއްބާރުލުން ލިބޭނެ - ސީޕީ


މިނިވަން މީޑިއާގެ އަސާސްތައް ކުރިއަރުވައި މީޑިއާތަކާއި އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅުކުރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ދެއްވި މެސެޖުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އަމާން މުސްތަގުބަލަކަށާއި އިންސާފާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ކަށަވަރު އަދި ސައިންޓިފިކް މައުލޫމާތާއެކު ކަންކަން ރަނގަޅަށް އޮޅުންފިލާފައިވާ މުޖުތަމައުއެއް ބިނާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ މީޑިއާތަކަށާއި ހިތްވަރާއެކު ޤައުމަށް ހިދުމަތް ކުރުމުގައި ދެމިތިބި ނޫސްވެރިންނަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ސީޕީ ހަމީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރަމުން އަންނަ މި ދުވަހު މިނިވަން މީޑިއާގެ އަސާސްތައް ކުރިއެރުވުމަށް އެކުގައި ދެމި ތިބުމަށާއި ފުލުހުންނާއި މީޑިއާއާ އޮންނަ ގުޅުން މިހާރަށް ވުރެ ރަނގަޅުކުރުމަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަޒުމެއްކަމަށެވެ.

ދިވެހި ނޫސްވެރިކަމަށް ދިމާވި އެކި ގޮންޖެހުންތަކާއެކު 2018 ވަނަ އަހަރު ނޫސްވެރިކަމުގެ މިނިވަންކަމުގައި ދުނިޔޭގެ 120 ވަނައިގައި ރާއްޖެ އޮތުމަށްފަހު މިއަހަރު ރާއްޖެ މިވަނީ 79 ވަނައަށް ޖެހިލާފައެވެ.