ޚަބަރު

ނޫސްވެރިން ރެއާއި ދުވާލު ކުރަމުންދަނީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް- ހޯމް މިނިސްޓަރ


ނޫސްވެރިކަމުގެ ތަފާތު ފަންނުތައް ކުރިއެރުވުމާއެކު، އެފަންނުތަކުން މީހުން ބިނާކުރުމަކީ ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓަރު ދެއްވި ޚިޠާބުގައި ވިދާޅުވީ، މިނިވަން ޑިމޮކްރެޓިކް ވެރިކަމެއް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުން ކަމަށެވެ. އަދި މިދާއިރާއިން މީހުން ބިނާކުރަން ޖެހޭ ކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ސައްހަ ނޫން ޚަބަރުގެ ސަބަބުން މުޖުތަމަޢަށްކުރާ ނޭދެވޭ އަސަރު ކުޑަކޮށް ނޫސްވެރިކަމުގެ ހަމަތަކާއި އިންތައް ހިފަހައްޓަންޖެހޭކަމަށެވެ.

ނޫސްވެރިންނަކީ ޑިމޮކްރެސީގެ މުހިންމު އެއް ބައިވެރިންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ ދިވެހި ނޫސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުން ކަމަށެވެ. ސަރުކާރުން އަޅާކޮންމެ ފިޔަވަޅަކީ ނޫސްވެރިންގެ އަޑު ގާތުން އަހައިގެން ނޫސްވެރިންގެ ވިސްނުމާ ފިކުރާއެއްގޮތަށް އަޅާފިޔަވަޅަކަށް ހެދުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މިއަހަރު ރާއްޖެ ހޯދާފައިވާ 19 ދަރަޖައިގެ ކުރިއެރުމާއެކު، ޖުމުލަ 41 ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއަށް ވަނީ ލިބިފައެވެ.

މިނިސްޓަރ ވަނީ ކޯވިޑް-19 އިން ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކުރަމުންދާ ހިނދު، އެކަންކަމުގެ އެންމެ ތާޒާ މަޢުލޫމާތު، ގެތަކުގައި ބަންދުވެފައި ތިބި ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި ރެއާއި ދުވާލު ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތުގެ މުހިންމު އެއްބައިކަން ފާހަގަކުރައްވާފައެވެ.