ޚަބަރު

އިންޑިޔާއާއި ޕާކިސްތާނަށް ނިއުލްކިއަރ ހަތިޔާރު އުފައްދަން އެހީތެރިވަނީ ބޮޑު ވިއުގައަކުން


އިންޑިޔާއާއި ޕާކިސްތާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ބައިތައް ހޯދާދިނުމަށް އެތައްސަތޭކަ ބިދޭސީ ކުންފުނިތަކުން މަސައްކަތްކުރަމުންދާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ސެންޓަރ ފޮރ އެޑްވާންސް ސްޓަޑީޒުންވަނީ ލިބެންހުރި މަޢުލޫމާތު ދިރާސާކޮށް އިންޑިޔާއާއި ޕާކިސްތާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ބައިތައް ފޯރުކޮށްދެމުންދާ ވިއުގަތަކުގެ މަޢުލޫމާތު ރިޕޯޓެއްގެ ސިފައިގައި ޢާންމުކޮށްފައެވެ. އެރިޕޯޓު ތައްޔާރުކުރުމުގައި އިސް ދައުރެއް ޢަދާކުރެއްވި ޖެކް މާގޮލިން ވިދާޅުވީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން މަނާކުރާ ބައިނަލްއަޤްވާމީ މުއާހަދާތަކުގައިވާ ބަލިކަށި މާއްދާތަކުގެ ފައިދާނަގާ، މުދާ ބޭރުކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކުގެ ބޭނުން ދެޤައުމުންވެސް ހިފަމުންދާކަަމަށެވެ. ނަމަވެސް ވިޔަފާރީގެ މުޢާމަލާތްތަކަކީ ޤާނޫނާ ޚިލާފު މުޢާމަލާތްތަކެއްކަން ޢާންމުންނަށް ލިބެން ހުންނަ މައުލޫމާތުން އެކަނި ޔަޤީން ނުކުރެވޭނެކަމަށާއި ރިޕޯޓުގައި ބުނެފައިވާ އެއްވެސް ކުންފުންޏަކުން ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ގަވާއިދަކާ ޚިލާފުވެފައިވާކަމަށް ތުހުމަތުނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ބައިތައް ފޯރުކޮށްދިނުމުގައި ބައިވެރިވާ ކުންފުނިތައް ދެނެގަތުމަށް ސެންޓަރ ފޮރ އެޑްވާންސް ސްޓަޑީޒުންވަނީ 125 މިލިއަނަށްވުރެ ގިނަ ޢާންމު ލިޔެކިޔުންތަކާއި ބީލަމާބެހޭ ލިޔެކިޔުންތައް ބަލާ، އެފަދަ ބައިތައް ފޯރުކޮށްދޭކަމަށް މީގެ ކުރިން ފާހަގަކޮށްފައިވާ ކުންފުނިތަކުގެ ލިސްޓަކާ އަޅާކިޔާފައެވެ. އެމެރިކާއާއި ޖަޕާނުން މީގެ ކުރިންވަނީ ޕާކިސްތާނަށް ސާމާނު ފޯރުކޮށްދޭ 113 ކުންފުންޏެއް ފާހަގަކޮށްފައެވެ. ސެންޓަރ ފޮރ އެޑްވާންސް ސްޓަޑީޒުންވަނީ އިތުރު 46 ކުންފުނި ފާހަގަކޮށްފައެވެ. އަދި އިންޑިޔާއަށް ސާމާނު ފޯރުކޮށްދޭ 222 ކުންފުންޏެއްވަނީ ފާހަގަކޮށްފައެވެ.

ނިއުކްލިއަރ ހަތިޔާރު އުފެއްދުން މަނާކުރާ އެއްވެސް މުއާހަދާއެއްގައި އިންޑިޔާއާއި ޕާކިސްތާނުން ބައިވެރިވެފައެއް ނުވެއެވެ. އެހެންކަމުން އެދެޤައުމުގައި ނިއުކްލިއަރ ހަތިޔާރު އުފައްދާ މަރުކަޒުތައް ބެލުމަށް އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާއަށް ހުރަސްތަކެއްވަނީ އެޅިފައެވެ.

ސެންޓަރ ފޮރ އެޑްވާންސް ސްޓަޑީޒުން މީގެ ކުރިން ތައްޔާރުކޮށްފައިވާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމާބެހޭ އިދާރާތަކުންވަނީ ފިޔަވަޅު އަޅާފައިވެއެވެ.