ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގައި ޤައުމުތަކުން ސަމާލުވާންޖެހޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.
ބައެއް ޤައުމުތަކުގައި ބަލިމަޑުކަން ފެތުރޭ މިންވަރު ދަށްވާންފަށާފައިވާތީ އެޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޫދޭން ފަށާފައިވާކަން ފާހަގަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނީ އެގޮތަށް ދޫދިނުމުގައި ދެވަނަ ފަހަރަށް ބަލިމަޑުކަން ފެތުރިދާނެކަމަށް ސަމާލުވުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ބަލިމަޑުކަން އަލުން ފެތުރެންފަށައިފިނަމަ ފިޔަވަޅުތައް އަލުން ރުޖޫޢަކުރުމަށް ތައްޔާރަށް ތިބެންޖެހޭނެކަމަށްވެސް އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ކުއްލި ޙާލަތްތަކާބެހޭ މާހިރެއްކަމަށްވާ ޑރ. މާކް ރަޔަން ވިދާޅުވީ އެކި މަރުކަޒުތަކާއި ޖަލުތަކާއި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގައި އުޅޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭކަމަށެވެ. އަދި ބަލިފެތުރޭ މިންވަރު ދަށަށްދާންފެށިނަމަވެސް އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޯވިޑް-19އަށް ތަހުލީލުކުރުމުގައި ފަރުވާކުޑަކޮށްގެން ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޤައުމުތައް ފުރަބަންދުކޮށްފައި ބޭއްވުމަކީ ފަސޭހަކަމެއް ނޫންކަން ޤަބޫލުކުރާކަމަށާއި އެއީ އިޤްތިޞާދީ އަދި މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރާނެކަން ދަންނަކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅަނގުގެ ބައެއް ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޫދެމުންދާ ނަމަވެސް ހައިޓީއާއި ސޯމާލިއާއާއި ޔަމަނުގައި ބަލިމަޑުކަން ފެތުރެމުންދާގޮތާމެދު ކަންބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސޫދާނާއި ސީރިއާއާއި ޔަމަނާއި އަފްޣާނިސްތާނާއި އެފްރިކާއާއި ނައިޖީރިޔާގައި ބަލި ފެތުރެމުންދާ ގޮތާމެދުވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.